ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 22:22
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު އަކީ ފޮނިބައިސާ ކެނޑުމުގެ ދެވަނައެއް ނެތް ބޭފުޅެވެ. އަދި އެއަށްވުރެވެސް ފިނިފެންމަލުން ހުޝާމަދު ކުރުމަކީ އެމަނިކުފާނު ނިކަން ފަރިތަކަމެކެވެ.

މި ސަރުކާރަށް ދެ އަހަރުވާން މާ ގިނަ ދުވަސްތަކެއް ނުވެއެވެ. 120 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓުގައި ޖަހައިގެން ވީ މާ މޮޅު ކަމެއް ނެތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ކުރައްވާހާވެސް ކަމަކީ ކުރިން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ހިރަފުސް ފޮޅާލައްވާ އަލުން އެ ވައުދުތައް ވަނީއެވެ. އެ ވައުދުތައް ވަމުން ސަޅި ބައިސާ ކަނޑާލާ ރައްޔިތުން ހައްދާލަނީއެވެ.

މިއީ މުޅިންވެސް މި ސަރުކާރުގެ މަތިފަޑީގައި ތިބި މީހުން ކުރާ ކަންކަމެވެ. މީގެ ތެރެއިންވެސް ސަޅިބައިސާ ކެނޑުމުގައި އަރާހުންނެވި ބޭފުޅަކު އެބަހުއްޓެވެ. އެއީ މާ މޮޅު އިކޮނަމިސްޓަކަށް ހެދިވަޑައިގެން އުޅުއްވާ މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާ އަކީ ނުވާން ހުރި ކަންކަން ވާނެކަމަށް ދައްކާ އަމިއްލަ ޑެލޫލޫ ދުނިޔެއެއްގައި ދިރިއުޅުއްވަމުން އަންނަ ބޭފުޅެކެވެ. އިގްތިސާދީ މޮޅު މޭސްތިިރިއެއްގެ ވެރިކަމުގައި އިކޮނަމިކް މިނިސްޓްރީގައި ހުންނެވީތީ މާ ބޮޑަށް އެނގިވަޑައިގެން ކަންކަން ކުރައްވަން އުޅުއްވާ ބޭފުޅެކެވެ.

ނަމަވެސް މިހާތަނަށް ސައީދު ޖެއްސެވި ހިސާބެއް ދިމާ ނުވެއެވެ. 2 އަހަރުވި އިރު ކުރެވުނު މާ މޮޅު ކަމެއް ނެތެވެ. އައު ކަމެއް ނެތެވެ. ނުވިތާކުން އަމިއްލަފުޅު ހިޔާލާއި މަޝްވަރާގެ ތެރެއިން ވުޖޫދުވި އެއްވެސް ކަމެއްނެތެވެ. މުޅިންވެސް އޮތީ ސަޅި ބައިސާ ކެނޑުމާއި ކްރެޑިޓް ނެގުމެވެ.

ސައީދުގެ މޭސްތިރިކަމުގައި މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށިއިރު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އޭރު ވިދާޅުވެފައި ވަނީ ބަންކަރިންގެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ބަދަލުވެގެން ދާނެ ކަމަށާއި، އެއް އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ނަމަވެސް މިކަންވީ ވެސް ބޮޑު ފްލޮޕަކަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރެވެ.

ސައީދު ޖެއްސެވި ހިސާބަށްވީ ކިހިނެއްކަމެއް ނޭނގެއެވެ. އެދުވަހު ދެއްކެވި މޮޅު ވާހަކަތަކާއި ފެޅިހާ ކަރައަށްވީ ގޮތެއްވެސް ނޭނގެއެވެ. ބަންކަރިންގެ ހިދުމަތް ދޭން ގެނައި އެއް ބޯޓު މާލެ ކައިރި އަޅާފައި އޮތް އިރު އަނެއް ބޯޓު އަވަށްޓެރި ސްރީ ލަންކާގެ ބަނދަރެއްގައި އެބައޮތެވެ. މިއީ ސައީދުގެ ފެއިލްވި ސިޔާސަތުގެ ތެރޭގައި ހިމެނޭ އެއްކަންތަކެވެ.

ދެން އޮތީ ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީއާއި ގުޅޭ ވާހަކައެވެ. މިއީވެސް ސައީދު ނިކަން ފޮނިކަނޑާ ދެއްކެވި ވާހަކައެވެ. ސައީދު މިވާހަކަ ދެއްކެވި އިރު ހީވަނީ ދެންދެން މިކަން ވެ ނިމިއްޖެހެންނެވެ. ނަމަވެސް އަދިވެސް މިކަމެއް ނުވެއެވެ. މަހުން ނެގޭ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރެވުނު ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް 2025 ވެސް މި ނިމެނީއެވެ. 28 މޭ 2025 ގައި ކުރިއަށްދިޔަ މޯލްޑިވްސް ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި މި އެއްބަސްވުމާ ބެހޭ ވާހަކަ އެއް ހިމަނާފައިވެސް ނުވެއެވެ.

ސައީދަށް މިކަން ކާމިޔާބު ނުވެ އިހައްދުވަހަކު މަޖިލީހަށް ހާޒިރުކުރީމަ މުޅިންވެސް ކުޅުނީ ޑިފެންސަށެވެ. މިވާހަކަ އެއްފަހަރުވެސް އޭނާ ދެއްކެވިހެން ހީވެސް ނުވެއެވެ. މިއީ އޭނާ ދަންނަ ކަމަކަށްވެސް ނުވިއެވެ. ކުރީ ސުވާލަކާއި ޖަވާބެއް ދިމާ ނުވެއެވެ. ޑިއުޓީ ކުޑަކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ސައީދަށް ވިދާޅުވެދެއްވިފަ އެއް ނުވެއެވެ. ނަމަވެސް ގިނަ ގައުމުތަކާއި އެކު ޓެރިފް އާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި މުއިއްޒުގެ ޚާރިޖީ ސިޔާސަތަށް ތައުރީފްކުރައްވާ ވާހަކަދެއްކެވިއެވެ.

އާންމުކޮށް ވެސް ސައީދު ކުރައްވާ ކަމަކީ އެހެން މީހުންނަށް ފާޑު ކިއުމެވެ. ދެން ފިނިފެންމަލުން މީހުންނަށް ހުޝާމަދު ކުރުމެވެ. ސައީދު ކުރަން ހާވަލުވެ މިހާތަނަށް ނުުކުރެވި ފެއިލްވަމުންދިޔަ ސިޔާސަތުތަކާއި އިގްތިސާދީ ބޮޑެތި ޕްރޮޖެކްޓާއި މަސައްކަތުގެ ވާހަކަ އަހާ ކޮންމެ ފަހަރަކު ކޮންމެވެސް ދިމާލެއްގައި ބަޔަކު އެބަ ޒުވާބުކުރޭ އެ ބަލަން ހިނގާށެ ބުނާ އުސޫލުން މުޅި މައުޟޫ ބަދަލުކޮށްލައެވެ. މި ސަރުކާރު ގެންނަން ވެގެން އެންމެ ގިނައިން ފެހި ސިގްނަލް ދިއްލައިގެން އުޅުއްވި ސައީދު އަށް ކަންކަން ނުވީމާ ދެން ދައްކަނީ އަނެކާގެ ބުރީގެ ގުއި ހުންނަ ވާހަކައެވެ.

ސައީދަކީ ރުންކުރު, މީހުންނާއި މުހާތަބު ކުރަން ނުދަންނަ ބޭފުޅެކޭ އަޅުގަނޑެއް ނުބުނާނަމަވެ. ނަމަވެސް މިއީ އޭނާއާއި ބައްދަލުވެ އޭނާ ދަންނަ މީހުން ދައްކާ ވާހަކައެވެ. ސައީދަށް ހުޝާމަދުކުރާހާ ހިދަކު އެމީހަކީ ސައީދަށް ޖަވާހިރެކެވެ. ސައީދު ނުރުހެއްޖެ ނަމަ އެމީހަކު ވެގެންދާނީ ހުދުމުހުތާރު މީހަކަށެވެ. ކުރީގެ ރައީސް ޔާމީނަކީ ބަތަލެކޭ ވިދާޅުވި ސައީދު މިއަދު ވިދާޅުވަނީ އޭނާއަކީ ފިލުމުގައި ނުބައިބައި އަދާކުރާ މީހާ ކަމަށެވެ. މިއީ ސައީދު އެނގިގެންދާނެ ކުޑަ މިސާލެކެވެ.

ދެން އޮތީ ކްރެޑިޓް ނެގުމެވެ. ސައީދަކީ މީހުން ކުރާ މަސައްކަތުގެ ކްރެޑިޓް ނެގުމުގައި ދެވަނައެއް ނެތް ބޭފުޅެވެ. ދިވެިންގެ ބޭންކުން އޭޓީއެމް ބަހައްޓާތީ އެއީ އޭނާގެ މޭސްތިރިކަމުގެ ދަށުން ކުރެވޭ ކަމެއްކަމަށް ދައްކަމުން ދުވަނީއެވެ. ބާޒާރުގައި ކާއެއްޗެއްގެ އަގުހެޔޮވެއްޖެނަމަ އެއީ އޭނާގެ މޮޅުކަމެއްވީ ކަމެކެވެ. ހަމަ އެފަދައިން ޕޭޕާލްގެ ކްރެޑިޓް ނަގާކަށް ވެސް ސައީދު ލަހެއް ފަހެއް ނުކުރިއެވެ. ސައީދުގެ އެތަނުގެ ފޮޓޯއަކަށް ހުއްޓި 32 ދަތް ސޭލްއަޅުވާ އޭގެ ކްރެޑިޓް ވެސް ނެގީއެވެ.

ނަމަވެސް އަމިއްލަ ކުންފުންޏަކުން ކުރާ ކަމެއްގެ ކްރެޑިޓް ނަގައި އެއީ އޭނާގެ މޮޅުކަމުން ކުރިކަމަކަށް ދައްކާނީ ހާދަ ލަދުހަޔާތް ކުޑަވީމައެވެ. މިސާލަކަށް އެކަން ދިރާގުން ކުރި ނަމަވެސް ސަރުކާރުގެ ހިއްސާ އޮތަތީ އެކަމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށްވެސް ބުނެވުނީހެވެ. ނަމަވެސް ސައީދު މިއުޅުއްވާ ގޮތުން ލަދުން މަރެވެ.

ސައީދެވެ. މަނިކުފާނު މޮޅުވާނީ ދެކަމަކަށެވެ. އެއީ ސަޅިބައިސާ ކެނޑުމަށެވެ. ދެން މޮޅުވާނީ ފިނިފެންމަލުން ހުޝާމަދު ކުރާށެވެ. މި ދެކަމުގައި އަދި ކުޑަ ދުވަސްކޮޅަކު ހުރެލާށެވެ. މިއީ މަނިކުފާނަށް އެންމެ ހެޔޮވަރުގެ ދެ ސޫޓެވެ.

- ކޮމެންޓް