އެތައް ސަތޭކަ މީހުން އެއްދުވަހެއްގައި ބޭނުންކުރާ ފާޚާނާ ތަށި މަތީގައި އިށީންނަށް ޖެހޭ އިރު ވަރަށް ގިނަ އިހުސާސު ކުރެވެއެވެ. ފަކުރު ގަތުމާއި، ބައްޔެއް އަރާފާނެތޯ ފަދަ ކިތަންމެ ސުވާލެއް ހިތައް އަރާ ފައިބާނެއެވެ. އާންމުން ބޭނުން ކުރާ ފާޚާނާ އަކަށް ވަދެވުމާއެކު ތަށީގެ މައްޗަށާއި، ތަޅުގަނޑަށް ނަޒަރު ހިންގާލެވޭނެއެވެ. ފާޚާނާ ތަށިމައްޗަށާއި ތަޅުމުގައި ކުޑަކަމުދާ އެއްޗެހި ބުރާފައިވާ މަންޒަރު، ނަޖިހުގެ ވަސް - މިއީ އާންމު ފާޚާނާ ތަކަށް ވަންނަ މީހުންގެ އިހުސާސްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަންކަމެވެ. ބައެއް މީހުން މިފަދަ ފާޚާނާގެ ދޮރު ހުޅުވާނީ އުޅަބޮށިން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ފްލަޝް ކުރާނީ ފައިން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ތަށިމަތީގައި އިށީންނަނީ ތަށިމަތި ޓޮއިލެޓް ޕޭޕަރުން ކަވަރު ކޮށްގެން ކަމަށް ވެސް ވެދާނެއެވެ. އަދި ތަށިމަތީގައި ނުޖެހި ކަކޫ ލަންބާލާ ތިރިވެލައިގެން ފާޚާނާ ކޮށްފާނެއެވެ.
އެކަމަކު ސުވާލަކީ ތަށިމަތީގައި އިށީނުމަކީ ބަލި އަރާނެ ކަމެއް ހެއްޔެވެ؟ ނުވަތަ ބައެއް މީހުން ތަށީގައި ނުބީހެން އެކުރާ މަސައްކަތްތަކަކީ ހަމަ ރަނގަޅު ގޮތްބާވައެވެ؟ މައިކްރޯބައޮލޮޖިސްޓުންނާއި ކަމާބެހޭ މާހިރުން މިކަމާމެދު ދެކޭގޮތް ފާހަގަ ކޮށްލާނަމެވެ.
ސައުތު ފްލޮރިޑާ ޔުނިވަރސިޓީގެ އާންމު ޞިއްޙަތާއި މައިކްރޯބައޮލޮޖީގެ ޕްރޮފެސަރ ޖިލް ރޮބަރޓްސް ވިދާޅުވާ ގޮތުގައި ފާޚާނާ ތަށީގެ ސަބަބުން ބަލި ޖެހިދާނެއެވެ. އެކަމަކު އެ ފުރުސަތު ވަރަށް ކުޑައެވެ.
މިސާލަކަށް ގޮނޯރިއާ، ފެށިގެން ކްލެމީޑިއާ ފަދަ ޖިންސީ ގުޅުމުން ފެތުރޭ ބަލި (އެސްޓީޑީތައް) ތަކަށް ބަލާއިރު މިފަދަ ބަލިތައް ފަތުރާ ގިނަ ބެކްޓީރިއާތަކާއި ވައިރަސްތައް ހަށިގަނޑުން ބޭރުގައި މާ ގިނަ އިރު ދިރި ނުތިބެވެއެވެ. އަދި ވަކިން ޚާއްސަ ކޮށް ފާޚާނާ ތަށިމަތި ފަދަ ފިނި އަދި ހަރު ތަނެއްގައި އެއްގޮތަކަށްވެސް ދިރި ނުތިބެވެއެވެ.
އެހެންކަމުން، ގިނަ އެސްޓީޑީތައް ހަމައެކަނި ފެތުރެނީ ޖިންސީ ގުޅުމުންނާއި ހަށިގަނޑުގެ ދިޔަ އެކަކު ގައިން އަނެކަކު ގަޔަށް ވާސިލުވުމުގެ ސަބަބުން ކަމަށް ޤަބޫލުކުރެވެއެވެ. އެހެން މީހެއްގެ ހަށިގަނޑުގެ ދިޔަ ވަގުތުން ތަށިމަތިން ޓޮއިލެޓް ޕޭޕަރުގެ ނުވަތަ އަތުގައި ހޭކިގެން އެމީހާގެ ޖިންސީ ގުނަވަނަށް ވާސިލުވުމުގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ރޮބަރޓްސް ވިދާޅުވެއެވެ. މިހެން މިކަން އޮތް ނަމަވެސް ރޮބަސްޓް ވިދާޅުވަނީ، ޞިއްޙީ ރައްކާތެރިކަމުގެ އާދަތައް ދެމެހެއްޓުމަކީ ރަނގަޅު ކަމެކެވެ. މިސާލަކަށް، ފާޅުކަން ބޮޑު ގޮތެއްގައި ތަޣައްޔަރުވެފައިވާ ފާޚާނާތަކުން ދުރުހެލިވުން ފަދަ ކަންކަން އެއީ ރަނގަޅު ގޮތެވެ.
"ފާޚާނާ ތަށިމަތިން [ފަސޭހައިން] އެސްޓީޑީ ތައް ފެތުރޭ ނަމަ، އަހަރެމެންނަށް ފެންނާނީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ތެރޭގައި އަދި ޖިންސީ ގުޅުން ހިންގާފައިނުވާ މީހުންގެ ތެރޭގައި ވެސް މިފަދަ ބަލިތައް އާންމުކޮށް ފެތުރިފައިވާ މަންޒަރެވެ،" ރޮބަރޓްސް ވިދާޅުވިއެވެ.
ހަމައެހެންމެ، ފާޚާނާ ތަށިމަތިން ލޭ ގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ޖެހުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް ރޮބަރޓްސް ވިދާޅުވެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ފާޚާނާ ތަށިމަތީގައި އެހެން މީހެއްގެ ލޭ ހުރިނަމަ، އެއީ ސާފުކޮށް ފެންނަން ހުންނާނެ އެއްޗަކަށް ވުމާއެކު އެއާ ދުރުހެލިވެވޭނެ ކަމަށް އޭނާ ދެކެއެވެ. ކޮންމެ ގޮތެއްގައި ވެސް، ޖިންސީ ގުޅުން ހިންގުމެއް ނެތި ނުވަތަ ތަޣައްޔަރުވެފައިވާ ކަށިން އިންޖެކްޓް ކުރުމެއް ނެތި، ލޭ ގެ ޒަރީއާ އިން ފެތުރޭ ބަލިތައް ފަސޭހައިން ނުފެތުރޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
ހަމައެހެންމެ، ފާޚާނާ ތަށިމަތިން އެހެން މީހެއްގެ ކުޑަކަމުދާ ނިޒާމުގެ ބައްޔެއް (ޔޫޓީއައި) ޖެހުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް ރޮބަރޓްސް ވިދާޅުވެއެވެ. ފާޚާނާ ތަށިމަތިން ކުޑަކަމުދާ ހޮޅީގެ ތެރެއަށް ނަޖިސް ވާސިލުވެގެން ނޫނީ ޔޫޓީއައި އެއް ނުޖެހޭނެއެވެ. އަދި އެކަން ވާނީ ވެސް ގިނަ މިންވަރެއްގެ ނަޖިސް ވާސިލު ވެގެން ކަމަށް ވެސް ރޮބަރޓްސް ވިދާޅުވެއެވެ.
ޖިންސީ ގުޅުމުން ފެތުރޭ ބައެއް ބަލިތަކުގެ ޖަރާސީމު ދިގު މުއްދަތަކަށް ދިރި ހުރެއެވެ. މިސާލަކަށް،ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އެއް ހަފްތާ އެއްހާ ދުވަހަށް ދެމިހުރެދާނެއެވެ. ނެވާޑާގެ ޓޯރޯ ޔުނިވަރސިޓީގެ މައިކްރޯބަޔޮލޮޖީ އަދި އިމިއުނޮލޮޖީގެ ޕްރޮފެސަރ ކާރެން ޑުއުސް ވިދާޅުވި ގޮތުގައި "މި ވައިރަސްތަކަކީ ވަރަށް ކުދި އަދި ވަރަށް ވަރުގަދަ ޕްރޮޓީން ފަށަލައެއް ލިބިފައިވާ ވައިރަސްތަކެކެވެ. އެހެންކަމުން މާޙައުލުގައި މި ވައިރަސްތައް ދިގު މުއްދަތަކަށް ދެމިހުރެއެވެ."
ޑުއުސް ވިދާޅުވާ ގޮތުގައި އެޗްޕީވީ އަކީ އާންމުކޮށް އަތް ސާފުކުރާ ސެނިޓައިޒަރ އިން ވެސް ހަލާކު ނުވާ ވައިރަހެއް ކަމަށް ވެއެވެ. މި ވައިރަހުގެ ވަރުގަދަ ޕްރޮޓީން ފަށަލަ ނައްތާލުމަށް 10% ބްލީޗް ބޭނުންވެއެވެ. ނަމަވެސް، މި ވައިރަސްތަކަށް ހަށިގަނޑަށް ވާސިލު ވެވޭނީ، ޖިންސީ ގުނަވަނުގެ ހަމުގެ ބޭރު ފަށަލަ އަށް ގެއްލުމެއް ލިބިފައި (މިސާލަކަށް ފާރުވެފައި) ވާނަމައެވެ. އެހެންކަމުން، އެޗްޕީވީ އާންމުކޮށް ފެތުރެނީ ހަމައެކަނި ޖިންސީ ގުޅުން ހިންގުމުންނެވެ.
އެމެރިކާގެ އޮންލައިން ޞިއްޙީ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓްރީޓެޑް.ކޮމްގެ ކްލިނިކަލް ލީޑް ޑެނިއަލް އެޓްކިންސަން ވިދާޅުވި ގޮތުގައި ޖެނިޓަލް ހާޕީސް (ހާޕީސް) ޖެހިފައިވާ މީހެއްގެ ފުށުން ފާޚާނާގެ ތަށިމައްޗަށް ވައިރަސް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ފަހުން އެ ތަށި ބޭނުންކުރާ މީހުންގެ ތެރެއިން ހަމުގައި ފާރު ހުރި ނުވަތަ ދިފާޢީ ނިޒާމު ދަށްވެފައިވާ މީހުންނަށް މި ބަލި ޖެހުމުގެ ނުރައްކާ އޮވެދާނެއެވެ. ނަމަވެސް އެޓްކިންސަން ވިދާޅުވާ ގޮތުގައި މިއީ ވުން ވަރަށް ނާދިރު ކަމެކެވެ.
ފާޚާނާ ތަށިމަތީގައި އިށީނުމުގެ ކުރިން ކަރުދާހުން ނިވާކުރުމަކީ އާންމު ފާޚާނާއެއް ބޭނުން ކުރުމުގައި އެންމެ ސާފު ތާހިރު ގޮތް ކަމުގައި ހީވެދާނެއެވެ.
2023 ވަނަ އަހަރު ޔޫގޮވް ރިސާރޗް ގްރޫޕުން ހެދި އެއް ސަރވޭއަކުން ދައްކާ ގޮތުގައި، އެމެރިކާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 63 އިންސައްތަ މީހުން އާއްމު ފާޚާނާ ބޭނުން ކުރަނީ އިށީނދެގެންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އިށީނުމުގެ ކުރިން ފާޚާނާ ތަށިމަތި ޓޮއިލެޓް ކަރުދާހުން ނިވާކުރެއެވެ. ހަމަ އެ ސަރވޭއިން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 20 އިންސައްތަ މީހުން ތަށި ބޭނުންކުރަނީ އިށީނދެގެނެއް ނޫނެވެ.
ފާޚާނާ ތަށިމަތި ކަރުދާސް ފަށަލައަކުން ކަވަރު ކުރުމަކުން ޖަރާސީމުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމަކަށް ނުބެލެވެއެވެ. އެއީ އެ ތަކެތި ހަަދާފައި ހުންނަނީ ފެން ފޭދޭ މާއްދާތަކުން ކަމަށްވާތީ، ޖަރާސީމު ގުނަވަންތަކަށް ވާސިލުވުން ހުއްޓުވޭނެ ކަމަކަށް ނުބެލެވޭތީއެވެ.
އޮހައިއޯ ސްޓޭޓް ޔުނިވަރސިޓީ ވެކްސްނަރ މެޑިކަލް ސެންޓަރުގެ ޕެލްވިކް ހެލްތުގެ ކްލިނިކަލް ސްޕެޝަލިސްޓް ސްޓެފަނީ ބޮބިންގަރ ވިދާޅުވާ ގޮތުގައި، އިށީނުމުގެ ބަދަލުގައި ތަށީގައި ނުޖެހި ތިރިވެގެން ނުވަތަ އެނޫން ގޮތަކަށް ފާޚާނާ ކުރަން އުޅެގެން ލިބޭ ގެއްލުން ބޮޑުވެދާނެއެވެ. ވަކިން ބޮޑަށް އަންހެނުންނަށް މިކަމުގެ ގެއްލުންތައް ބޮޑުވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޙަޤީޤަތުގައި، ފާޚާނާ ތަށިން ބަލިތައް ޖެހުމުގެ ނުރައްކާ އާންމުގޮތެއްގައި އޮންނަނީ ޖިންސީ ގުނަވަން ފާޚާނާ ތަށީގައި ޖެހިގެން ނުވަތަ ބީހިގެންނެއް ނޫނެވެ.
އޭގެ ބަދަލުގައި، ރޮބަޓްސް ވިދާޅުވާ ގޮތުގައި، އެކަން ދިމާވަނީ އެމީހެއް އަތް ފާޚާނާ ތަށީގައި ބީހި، ބެކްޓީރިއާ ނުވަތަ ވައިރަހުން އަތް ތަޣައްޔަރުވެ، އަދި އެންމެ ފަހުން މޫނާއި އަނގައިގައި އަތް ހޭކޭ ގޮތް ވެގެންނެވެ. "ނުރައްކަލަކީ ތިބާގެ އަތްތަކުން ތިބާގެ އަނގައަށް އޮތް ނުރައްކަލެކެވެ،" ރޮބަޓްސް ވިދާޅުވިއެވެ.
އެއް ދިރާސާއަކުން ދައްކާގޮތުގައި، އެންމެ ގިނައިން ނޯރޯވައިރަސް މީހުންނަށް ޖެހެނީ ފާޚާނާގައި ތަޣައްޔަރުވެފައިވާ ތަންތާގައި އަތްލައިގެންނެވެ.
ނަމަވެސް، ރޮބަޓްސް ވިދާޅުވާ ގޮތުގައި މިގޮތަށް ބަލިޖެހުމުގެ ނުރައްކާ އެހާ ބޮޑެއް ނޫނެވެ. "ފާޚާނާގައި އެތައް ޒަމާންވީ ނަޖިހެއް ނުހުރެއެވެ - އެތަން ގަވާއިދުން ސާފުކުރެވެއެވެ،" ރޮބަޓްސް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކި މާޙައުލުތަކުގެ ތަޅުންގަނޑުތަކުން ސާމްޕަލް ނަގާ ބަލާއިރު، ކޮމްޕިއުޓަރ ލެބެއްގެ ގެ ތަޅުންގަނޑުން އާންމު ފާޚާނާ ތަކަށް ވުރެ މާ ގިނަ މިންވަރަކަށް ޖަރާސީމު ހުންނަކަން ފާހަގަ ވެއެވެ.
"އެމެރިކާގައި، ގޭގައި ހުންނަ ފާޚާނާތަކުގައި ޖަރާސީމު ހުންނަ މިންވަރު، އާންމު ފާޚާނާތަކަށް ވުރެ މާ ގިނައެވެ،" އެރިޒޯނާ ޔުނިވަރސިޓީގެ ވައިރޮލޮޖީ ޕްރޮފެސަރ ޗާލްސް ގަރބާ ވިދާޅުވިއެވެ. "ގިނަ ތަންތާނގައި، ގޭގެ ފާޚާނާ އަށް ވުރެ އާންމު ފާޚާނާ އެއް ބޭނުން ކުރުން [އަޅާކިޔާއިރު] ރައްކާތެރިއެވެ."
އޭގެ ސަބަބަކީ ގޭގޭގެ ފާޚާނާ ތަކަށް ވުރެ އާންމު ފާޚާނާތައް ގަވައިދުން މާ އަވަސް އަވަހަށް ސާފު ކުރުމެވެ. ސަރވޭތަކުން ދައްކާ ގޮތުގައި ގިނަ ގޭބިސީތަކުން ފާޚާނާ ސާފުކުރަނީ ހަފްތާއަކު އެއްފަހަރުއެވެ. ގަރބާގެ ދިރާސާ ތަކުން ހާމަވާ ގޮތުަގައި އެންމެ ރަނގަޅު ގޮތަކީ ކޮންމެ ތިން ދުވަހަކުން ގޭގެ ފާޚާނާ ސާފު ކުރުމެވެ.
ގޭގައި ނުވަތަ އާންމު ތަންތަނުގައި ހުންނަ ފާޚާނާ ބޭނުންކުރާ އިރު، ޖަރާސީމުގެ ބިރުން ސަލާމަތްވުމަށް އަމަލުކުރެވިދާނެ އާދައިގެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. އިނގިރޭސިވިލާތުގެ ލަފްބަރޯ ޔުނިވަރސިޓީގެ ވޯޓަރ ހައިޖީން އިންޖިނިއަރ އެލިޒަބަތް ޕެޑީ ލަފާދެއްވަނީ ވީހާވެސް މަދުން ފާޚާނާގެ ތަންތަނުގައި އަތްލުމަށެވެ.
ފާޚާނާ ފްލަޝް ކުރާއިރު ފެންތިކިތައް ބޭރަށް ބުރައިގެން ދިޔަ ނުދިނުމަށް ޓަކައި ތަށީގެ މަތިޖަހާފައި ފްލަޝްކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ގަރބާ ވިދާޅުވާ ގޮތުގައި "މަތިޖަހައިގެން ފްލަޝްކުރުމާއި ހުޅުވާލައިގެން ފްލަޝްކުރުމުގައި މާބޮޑު ތަފާތެއް ނެތެވެ."
އޭނާގެ 2024 ވަނަ އަހަރުގެ ދިރާސާ އިން ދައްކާ ގޮތުގައި މަތިޖަހާފައި ހުއްޓަސް ފާޚާނާ ފްލަޝް ކުރާއިރު ބޭރުވާ ޑްރޮޕްލެޓްތަކާ އެކު ވައިރަސްތައް ތަށީގެ އަރިމަތިން ބޭރަށް ނުކުމެއެވެ. މިހެން ވަނީ ފާޚާނާގެ މަތި ރަނގަޅަށް ފިޓްނުވާތީ ކަމަށް ބެލެވެއެވެ. އަދި އާންމު ފާޚާނާތަކުގައި ފެން މަދުން ބޭނުން ކުރުމަށްޓަކައި ފެނުގެ ޕްރެޝަރ މަތިކޮށްފައި ހުރެއެވެ.
އަނެއް ގޮތަކީ ފްލަޝްކޮށްފައި ވަގުތުން ފާޚާނާއިން ނުކުތުމެވެ. "އަހަރެން އާންމުކޮށް ފްލަޝްކޮށްފައި ދުވެފައި ނުކުންނަނީ،" ގަރބާ ވިދާޅުވިއެވެ. އަދި އޭނާ ލަފާދެއްވާ ގޮތުގައި އެހެން މީހަކު ފާޚާނާ ބޭނުން ކުރުމަށްފަހު 10 މިނެޓް ވަންދެން އެތަނަށް ނުވަނުން ރަނގަޅެވެ.
ދެން އޮތީ މޯބައިލް ފޯނުގެ މައްސަލައެވެ. ރޮބަޓްސް ވިދާޅުވާ ގޮތުގައި ފާޚާނާގައި ހުންނައިރު ފޯނު ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ފޯނަކީ ކޮންމެ ތަނަކަށް ގެންދާ، ކޮންމެ ތަނެއްގައި ބާއްވާ، އަބަދުވެސް ބޭނުންކުރާ އެއްޗަކަށްވާތީ އެއީ ވަރަށް ހަޑިވެފައި ހުންނަ އެއްޗެކެވެ. ފާޚާނާ އަށް ފޯނު ގެންދިއުމުން، ފާޚާނާގައި ފެތުރިފައިވާ ބެކްޓީރިއާ އާއި ވައިރަސްތައް ފޯނަށް އެރުމުގެ ފުރުޞަތު އޮވެއެވެ. އަދި އޭގެ ފަހުން އަތް ދޮވެފައި ނުކުތަސް، އެ ޖަރާސީމުތައް ފޯނުގެ ޒަރީއާ އިން ގެންދެވޭނެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރެވިދާނެ އެންމެ ފަސޭހަ ކަމަކީ ފާޚާނާ ބޭނުން ކުރުމަށް ފަހު ވަގުތުން އަތްދޮވުމެވެ. ގަރބާ ވިދާޅުވާ ގޮތުގައި އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ޓުކްސަން ސިޓީގައި އާންމު މީހަކު އަތްދޮންނަނީ އެވްރެޖްކޮށް 11 ސިކުންތު އިރުއެވެ. ނަމަވެސް އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލްއިން ލަފާދެނީ 20 ސިކުންތު ވަންދެން އަތްދޮވުމަށެވެ. "ފަސް މީހުންގެ ތެރެއިން އެކަކު ވެސް އެކަށީގެންވާ ވަރަށް އަތްދޮވާކަށް ނުފެނޭ،" ގަރބާ ވިދާޅުވިއެވެ.