އެމެރިކާ ގައި މައްސަލަ އުފެދިފައިވާ ސޯޝަލް މީޑިއާ އެޕް ޓިކްޓޮކްގެ އައު ވެރިފަރާތެއް ހޯދުމުގެ ޑީލް ނިމިފައިވާ ކަމަށާއި، އެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ރުހުން ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު، ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރެއްގައި ބުނެފައި ވަނީ މިހާރު ރޭވިފައިވާ ޑީލް ގެ ދަށުން އެ އެޕް އެމެރިކާގައި ބޭނުން ކުރުން މަނާ ކުރުމަށް ނުވަތަ އޭގެ ވެރިފަރާތް ކަމުގައިވާ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސް އިން އެޕް ވިއްކާލުމަށް ގޮވާލާފައިވާ ޤާނޫނުގެ ޝަރުތުތައް ފުރިހަމަކުރާ ކަމަށެވެ.
އޯވަލް އޮފީހުގައި ދެއްކެވި ވާހަކަފުޅުގައި، އޭނާ އާއި ނައިބު ރައީސް ޖޭޑީ ވާންސް ވިދާޅުވެފައި ވަނީ އިންވެސްޓަރުންގެ ގްރޫޕަކުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަނެ، 14 ބިލިއަން ޑޮލަރު ގެ އަގުހުރި އައު ކުންފުންޏެއް އުފައްދާނެ ކަމަށެވެ.
މި ޑީލް އަދި ބައިޓްޑާންސް ނުވަތަ ޗައިނާގެ އިސްވެރިން ކަށަވަރުކޮށްފައެއް ނުވެއެވެ.
އެތައް އަހަރެއް ވަންދެން އެމެރިކާގެ އޮފިޝަލުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަކާލާތުކޮށްފައިވަނީ ބައިޓްޑާންސް އާއި ޗައިނާ ސަރުކާރާ ހުރި ގުޅުންތަކުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.
ގިނަ ބަޔަކު ކަންބޮޑުވާ ކަމަށް ވަނީ ބެއިޖިންގ އިން ބައިޓްޑާންސް އަށް މަޖުބޫރު ކޮށްގެން އެމެރިކާގައި ޓިކްޓިކް ބޭނުންކުރާ ކަމަށްް ލަފާ ކުރެވޭ 170 މިލިއަން މީހުންގެ މައުލޫމާތު ހޯދާފާނެތީއެވެ.
ޓިކްޓޮކް އާއި ބައިޓްޑާންސް އިން މި ވާހަކަތަކަށް ދެކޮޅުހަދާއިރު، މިފަދަ ކަންބޮޑުވުންތަކުގެ ސަބަބުން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް ޓިކްޓޮކް މަނާކުރުމާއި ބޭނުން ކުރުން ހަނިކުރުން ފަދަ ފިޔަވަޅު އަޅާފައިވެއެވެ.
އޭޕްރީލް 2024 ގައި، އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށް، ކުރީގެ ރައީސް ޖޯ ބައިޑަން ޤާނޫނަކަށް ހެއްދެވި ބިލެއްގައި، ބައިޓްޑާންސް އަށް އަމުރު ކޮށްފައި ވަނީ 9 މަސްދުވަހުގެ ތެރޭގައި އެމެރިކާ ސަރުކާރުން ހުއްދަ ކުރާ އެމެރިކާ އިން ގަންނާނެ ފަރާތެއް ހޯދުމަށް ނުވަތަ ޓިކްޓޮކް ބަންދުކުރުމަށެވެ.
ޓިކްޓޮކް އިން މި ޤާނޫނާ މެދު ބުނެފައި ވަނީ އެއީ "ޤާނޫނު އަސާސީއާ ޚިލާފު" އެއްޗެއް ކަމަށެވެ. އެ ފަރާތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.
ބައިޓްޑާންސް އިން ބުނަމުން އައީ ވިއްކާލުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމުގައެވެ.
ޓްރަމްޕް 2025 ގެ ޖަނަވަރީގައި ރައީސްކަމާ ހަވާލުވުމަށްފަހު، އެޕްގެ އައު ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރު މުއްދަތު ދެއްވިއެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ "ފަންނީ" އިންވެސްޓަރުންގެ ލިސްޓެއް އަވަހަށް ހާމަކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އަލަށް އުފައްދާ ކުންފުނީގައި ބައިވެރިވާނެ ބައެއް ފަރާތްތަކުގެ ނަން ހާމަކުރެއްވިއެވެ. އެ ގޮތުން ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުނި އޮރަކަލް އާއި އެކުންފުނީގެ ބޯޑުގެ ޗެއަރމަން ލެރީ އެލިސަން (ޓްރަމްޕްގެ ގާތް އެކުވެރިއެއް)، ފޮކްސް ކޯޕަރޭޝަންގެ ރޫޕަޓް މަރޑޮކް، އަދި ޑެލް ޓެކްނޮލޮޖީސްގެ އިސްވެރިޔާ މައިކަލް ޑެލް މީގެ ތެރޭގައި ހިމެނެއެވެ.
މި ޑީލު ގެ ދަށުން އެމެރިކާގެ ޓިިކްޓޮކް ވަރޝަން ހިންގާ އެލްގޮރިދަމް އިންވެސްޓަރުން ކޮންޓްރޯލު ކުރާނެ އެވެ. އަދި ކުންފުނި އެކުލެވިގެންވާ 7 މެންބަރުންގެ ޑިރެކްޓަރުންގެ ބޯޑުގެ 6 ގޮނޑި ލިބޭނީ އެމެރިކާގެ ފަރާތްތަކަށެވެ. ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރުގައިވާ ގޮތުން، ޗައިނާގެ މިލްކިއްޔާތުގައި އޮންނާނީ މި އައު ޖޮއިންޓް ވެންޗަރގެ 20 އިންސައްތަ އަށް ވުރެ މަދު މިންވަރެކެވެ.
އެލްގޮރިދަމަކީ އެޕް ބޭނުންކުރާ ފަރާތްތަކުގެ ފީޑްގައި ފެންނަ ކޮންޓެންޓް ކަނޑައަޅާ ޓެކްނޮލޮޖީއެވެ. އަދި މިއީ އެޕްގެ އެންމެ އަގުހުރި އަދި އެންމެ ސެންސިޓިވް ބައި ކަމުގައި ބެލެވެއެވެ.
ވައިޓް ހައުސްގެ އޮފިޝަލުން ބުނާ ގޮތުން މި ޑީލްގެ ދަށުން، އެމެރިކާގެ ޓިކްޓޮކް ވަރޝަން ބޭނުން ކުރާނީ އައު އެލްގޮރިދަމެކެވެ. މިއީ މިހާރުގެ ވަރޝަނަށް ބިނާކޮށް، އެމެރިކާގެ ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާއަށް ޚާއްސަ ކޮށް ފަރުމާ ކުރެވޭ އެލްގޮރިދަމެކެވެ.
"އިތުބާރުހުރި ސެކިއުރިޓީ ޕާޓްނަރުން" ސޮފްޓްވެއަރ އަޕްޑޭޓްތަކާއި، އެލްގޮރިދަމްތަކާއި، ޑޭޓާ ފްލޯތައް މޮނިޓަރ ކުރާނެ ކަމަށް އެގްޒެކެޓިވް އޯޑަރުގައި ބަޔާންކޮށްފައިވެއެވެ.
އެމެރިކާ ގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާ މިހާރު ވެސް ރައްކާކުރަނީ އޮރަކަލް ގެ އެމެރިކާގައި ހުރި ސަރވަރުތަކުގައެވެ. މިއީ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ޓްރަމްޕް އާއި ވާންސް ވިދާޅުވެފައިވަނީ މި އިންތިޒާމު 2024 ގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޓިކްޓޮކް ވިއްކުމުގެ ޝަރުތުތައް ފުރިހަމަކުރާ ކަމަށެވެ. އެހެން ކަމުން، މި ސޯޝަލް މީޑިއާ އެޕް އެމެރިކާ ގައި މަސައްކަތްކުރުން ކުރިއަށް ގެންދެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.