ކ. މާލެ
|
22 ސެޕްޓެންބަރ 2025 | ހޯމަ 11:10
ރައީސް މުއިއްޒު ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް މުއިއްޒު ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
މަގޭ ރިޕޯޓް
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
ޤާނޫނީ ވަކީލުން ވިދާޅުވަނީ މީޑިޔާ ކަފުން ކުރުމުގެ ބިލު ސޯޝަލް މީޑިޔާއަށްވެސް އެޕްލައިވާނެ ކަމަށެވެ. އެކަމަކު ރައީސް މުިއްޒު ވިދާޅުވަނީ ބިލުގައި އޮތީ އެހެން ނޫން ކަމަށެވެ.

މުއިއްޒުބޭއަށް

މަ ކޮންމެހެން ޝުކުރު ސަނާ ނުކިޔަކަސް ފުދޭނެކަމަށް ހީކުރަމެވެ.

އަހަރެން މިސިޓީ މި ފޮނުވާލަނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެގެންނެވެ. ތިޔަ އުޅޭ ޒާތުން މުއިއްޒުބެ ނޫނަކަސް މަށާ މަގޭ ފަދަ މިކަމުގައި އުޅޭ ކުދިންނަށް ރީތި ލަނޑެއް ލިބިދާނެތީއެވެ. ހައްގުން ކަމަކާ ނުލައި ހެޔޮވަރުވަރުގެ ލަގާއެއް ލިބިދާނެތީއެވެ. ބޭކާރު ކަމަކާހުރެ އެއްވެސް ރާހަތެއް ނުކޮށް ލައްކައިން ލައްކައިން ފައިސާ ދައްކަން ޖެހި އަނބިދަރިންނާ ވަކިވެ ޖަލުގެ ކުޑަގޮޅިއެއްގައި އޮންނަން ޖެހިދާނެތީއެވެ.

މުއިއްޒުބޭއެވެ. މަ މިބުނާ އެއްޗަކާމެދު ހަރުތާކު އިށީނދެއިނދެ ވަރަށް ފުންކޮށް ވިސްނާލާނެ ކަމަށް ހީކުރަމެވެ. ވިސްނާލާނީ އެކަންޏެއް ނޫނެވެ. މަށާ މަގޭ އެކުވެރިންގެ ހައްގުގައި އަދި މުއިއްޒުބޭގެ ސަލާމަތާ ރައްކާތެރިކަމާ، ތިޔަ ބޮޑު ލެގެސީއަށްޓަކައި އެގޮތައް އަމަލުވެސް ކޮށްދޭނެ ކަމަށް ހީކުރަމެވެ.

މުއިއްޒުބޭއެވެ. ދައްކަން މިއުޅޭ ވާހަކަ ބާއްވާފައި މިވަރަކަށް އާދޭސް މިކުރަނީ ކަމުގެ ބާވަތާއި ޚައްސާސް ކަމާއި މުއިއްޒުބޭމެން އެބިލުގައި ލިޔުނު އެއްޗަކުން ގަންނާ ކުރައްވާ ބިރަކުންވެސް މެއެވެ.

މުއިއްޒުބޭއެވެ. ހާސަރުތައް ނުދަމާ ސީދާ ޕޮއިންޓަށް ދަމާ ބަހީދޯއެވެ.

އަޑުއަހާށެވެ. ތިޔަ ބުނާ ގާނޫނެއް ހެދީ މީހުންގެ އަބުރު ކަތިލިޔަ ނުދިނުމަށާ މީހުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފެއްދިޔަ ނުދޭން ވެގެންނެވެ. މަވެސް އެކަންކަމަށް ލޮލުންބޮލުން ރުހި ގަބޫލު ވަމެވެ. އެކަމަކު އެގޮތައް ލިޔެ އެއެއްޗެކަށް އަމަލު ކުރަން ފަށާފައި ފުރަތަމަވެސް ތިޔަ ކުރީ ކީއްހެއްޔެވެ. ފެންނަ ފެނުމަށް އަދި މިއުޅޭ ގާނޫނީ މީހުން ބުނާ ގޮތައް އެގޮޅިއަށް މުއިއްޒުބޭ ތިޔޮށް ފިތި ބާރުވީއެވެ.

އެގާނޫނުގައި މުއިއްޒުބޭމެން ލިޔުނެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކައިގެން ނުވާނެއެވެ. އެކަމަކު އެހެން ލިޔެފައި ތިޔަ އޮޅުވާލަނީ އެ ގާނޫނުގައި އޮތް އެއްޗެކެވެ. މުތުލަގަށް ތިޔަ ހަދަނީ އޭގައި އޮތް އެއްޗަކާ ދިމާ އިދިކޮޅެވެ. ތިޔަފަދަ މަގާމެއްގައި ހުރި މީހަކަށް ދޮގު ހަދަނީއެކޭ މަށަކު ނުބުނާނަމެވެ.

މުއިއްޒުބޭއެވެ. އެ ގާނޫނު މާނަ ކުރުމުގެ މާއްދާގެ (ޅ) ގައި "އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ، އޯޑިއޯ އަދި ވީޑިއޯ، ޓޭޕާއި، އިންޓަރނެޓް ހިމެނޭގޮތުން، ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ޚަބަރާއި، މަޢުލޫމާތު ފަތުރާ ވަސީލަތްތަކަށެވެ. މިއީ މުއިއްޒުބޭމެން ހެދި ގާނޫނުގައި އޮތް ވާހަކަ ކަޅާހުދުން އޮތް ގޮތެވެ. އަކުރަކަށް ފިއްޔަކަށް ބަދަލެއްވެސް ނުގެނެހެވެ.

މުއިއްޒުބޭއެވެ. މިވާހަކައިން ސޯޝަލް މީޑިޔާއަށް މި ގާނޫނު ނުފެތޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަމަށް ދައުލަތުގެ ބަންޑާރަ ނައިބުކަން ކުރި މީހުންނާ، ފުންނާބު އުސް ގާނޫނީ ވަކީލުންނާ، އެމީހުން ހިމެނޭ ބާ ކައުންސިލުންވެސް އެވަނީ ބުނެފައެވެ. އެކަމަކު ހަމަ އެޔަކާ އެޔެއް ގާނޫނަކާ ގާނޫނަކަށް ނުބަލާ ތިޔަ ހަދަނީ ބޮޑު ދޮގެއް ނޫންތޯއެވެ. މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދެނީ ތިޔަޒާތުގެ ވާހަކަ ދައްކާތީއެވެ. ކަމުގެ ހަގީގަތް އޮތްގޮތް ނޫން ގޮތަކަށް ބުނާތީއެވެ.

މުއިއްޒުބޭއެވެ. އަނެއްކާ އެވާހަކަ ބުނަންވެސް ތިޔަހެދީ ކިހާބޮޑު ދޮގެން ހެއްޔެވެ. ތިޔަބުނީ އެ ބިލުގައި އޮތް އެއްޗެއް ކީ ނޫސްވެރިއަކާ ބައްދަލު ނުވާވާހަކައެވެ. މިއޮށް ރޯމާ ދުވާލު ތިޔަފަދަ ބޮޑެތި ދޮގުހަދަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. މިއުޑުދަށުގައި ހުރެގެން ތިޔަޒާތު ވާހަކަ ދައްކަން ހެޔޮވާނެ ހެއްޔެވެ.

މުއިއްޒުބޭއެވެ. މުއިއްޒުބޭ ތިޔަހެން ބުނާއިރު ކަންދައްކަން ހެދި ނޫސްވެރިންގެ ފެންޑާ ދޮށުގައި ނޫސްވެރިން އިހުތިޖާޖް ކުރާތީ ދެވަޒީރަކު ފޮނުވައިގެން އެމީހުންގެ ވާހަކަތައް އަޑުއެހީމެއް ނޫންތޯއެވެ. އެވަރުންވެސް ނުވެގެން އޭގެ ތެރެއިން ނަގާކިޔާއުޅުނު ނޫސްވެރިންގެ ތެރެއިން ބަޔަކު މުއިއްޒުބޭގެ އޮފީހަށް ވައްދައި އެމީހުންނާ ބައްދަލުވެސް ކުރީމު ނޫންހެއްޔެވެ. އެމީހުން ހުށަހެޅި ވާހަކަތައް އަޑުއަހައި އެބިލާމެދު ވިސްނާނެ ވާހަކަވެސް ބުނީމު ނޫން ހެއްޔެވެ. އޭގެ ފަހުން ހިނގާފައި ގެއަށް ދިޔައިރުވެސް އެވާހަކަ ދައްކަން ނޫސްވެރިން މަސައްކަތް ކުރިއެއް ނޫން ހެއްޔެވެ.

މުއިއްޒުބޭއެވެ. އެވާހަކަތައް ދައްކަން ނޫސްވެރިން ބޮޑު ޕެނަލް ޑިސްކަޝަންއެއްވެސް ބޭއްވިއެއް ނޫން ހެއްޔެވެ. އޭގައި ގާނޫނީ ވަކީލުންނާ ކުރީގެ ބަންޑާރަ ނައިބުންވެސް އެވާހަކަ އެގޮތައް ދެއްކިއެއް ނޫން ހެއްޔެވެ. އޭގެ ދިފާއުގައި ވަޒީރުންނާ ސިޔާސީ ވަޒީފާ ދީގެން ގެންގުޅޭ ކުދިންކޮޅު ލައްވާ މުއިއްޒުބޭވެސް ޕެނަލް ޑިސްކަޝަންއެއް ބޭއްވީމު ނޫން ހެއްޔެވެ. އެކަމަކުވެސް ތިޔަ ބުނަނީ އެ ބިލު ކިޔާފަ ހުރި ނޫސްވެރިއަކާ ދިމަލެއް ނުވެއޭއެވެ. އަދި އެގާނޫނުން ސޯޝަލް މީޑިޔާއަކަށް އަސަރެއް ނުކުރާނެޔޭއެވެ. އަމުދުން ބިލު ފާސްކުރަމުން މުއިއްޒުބޭ ޕާޓީގެ ޕީޖީ ލީޑަރު ފަލާހުވެސް ވަރަށް ރަނގަޅަށް އެވާހަކަ ބުނެދިނެއް ނޫންހެއްޔެވެ. ސޯޝަލް މީޑިޔާގައިވެސް މީހަކު އަބުރަށް އަރައިފިއްޔާ ގާނޫނު އަރާ ހަމަކުރާނެ ވާހަކަ އޭނާވެސް ބުންޏެވެ. މީހަކު ހައިރާންވެ އަންތަރީހެއް ނުވާނެ ހެއްޔެވެ.

މުއިއްޒު ބޭއެވެ. މުއިއްޒުބޭ ކިޔާނެ އެއްޗެއް ކިއިދަނެއެވެ. އެކަމަކު ދެރަވަނީ ތިޔަކަމުގެ އަނިޔާ އަހަރަމެންނާ އަހަރެމެންގެ އެކުވެރި ކުދިންކޮޅަށް ލިބިދާނެތީއެވެ. މުއިއްޒުބޭ ތިޔަ ދިޔަ ރަށެއްގައި ހުރެގެން އެދެއްކި ވާހަކަތައް ލައިވްކޮށް މީޑިޔާތަކުން ގެނެސްދިނެވެ. ދައުލަތުގެ ޓީވީންނާ ދެންވެސް ހުރި ޓީވީ ތަކުންނެވެ. އެޓީވީތަކުން ގެނައީ މުއިއްޒުބޭ ދެއްކި ވާހަކަ ވަގުތުން ވަގުތަށެވެ. މުއިއްޒުބޭ ތިޔަހެދި ބޮޑެތި ދޮގުތަކެވެ. އެކަމަކު ކުށްވެރިވާނީ ޓީވީތަކާއި ޓީވީތައް ހިންގާންތިބި މީހުންނެވެ. މިހާރުވެސް މިއުޅޭ ރާއްޖެ ޓީވީއަށް އެވަނީ އެފަދަ ފިޔަވަޅެއް އަޅާފައެވެ. މި ގާނޫނުގެވެސް ކުރިންނެވެ. އަންހެނަކު މުޒާހަރާއެއްގައި ބުނި އެއްޗެއް ލައިވްކޮށް ގެނެސްދިނީތީއެވެ. ދެންވެސް ވާނީ އެހެންނެވެ. މުއިއްޒުބޭ އަރާ ހުންނާނީ އެއްފަރާތުގައެވެ. ތިޔަ ކުރި ކަމަކުން ކުށްވެރިވާނީ އެވާހަކަތައް ގެނެސްދިން ނޫސްވެރިންނާ ޓީވީ ޗެނަލްތަކެވެ. ގާނޫނު އަރާ ވަށާލާނީ އެމީހުންގެއެވެ.

މުއިއްޒުބޭއެވެ. ނިންމާލަމުން ފަހު ބަހަކަށްވެސް ބުނާނަމެވެ. ތިޔަ ގޮތައް މީހުންނަށް ލަނޑު ނުދެށޭވެ. ނޫސްވެރިން ލައްވައި ހައްގުން ކަމަކާ ނުލައި ބޮޑު ބޮނޑިއެއް އެމީހުންނަށް ލިބުނަ ނުދޭށެވެ. ޕޯޑިއަމެއް ކައިރިއަށް ހުއްޓެވުނަސް އަދި މައިކެއް އަތަށް އެރިއަސް ހިތުހުރިހާ އެއްޗެއް ނުގޮވާށެވެ. ކުޑައިކޮށްނަމަވެސް ބަލާލާށެވެ. މުއިއްޒުބޭ ކިޔާ ކޮންމެ އެއްޗެއް ނޫސްވެރިން ގެންނާނެއެވެ. އެކަމަކު އެގޮތައް އެވާހަކަ ގެންނަ ކޮންމެ ފަހަރަކު ކުށްވެރިވެ ބޮޑުތަނުން ޖޫރިމަނާވެ، އެޖޫރިމަނާ ނުދެއްކި ޖަލަށް ދޭން ޖެހުނީމާ ކަމަކު ނުދާނެއެވެ. މިކަމާމެދު ހަރުކޮށް ވިސްނާލާނެ ކަމަށް ހީކުރަމެވެ. ވަރަށް ސަލާމެވެ.

- ކޮމެންޓް