ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ލޯނު ދެއްކުމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިނުގެ ބައިވެރިވުމެއް އޮތްކަމަށް ބުނެ ދައުރު ކުރަމުންދާ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފައިޔޫ) ގެ ރިޕޯޓުގައި ހުރި ވާހަކަތައް މުހުތާޒު ދޮގު ކުރައްވައިފިއެވެ.
މި ރިޕޯޓަކީ ހުކުމާ އެއްގޮތަށް ސާބިތު ދަަރަންޏެއް ނުދައްކާތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮއްވާ، ސިނާނު ދަރަނި ދެއްކި ގޮތާއި ގުޅޭގޮތުން އެފްއައިޔޫ އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެކެވެ. މި ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާއި ގުޅިގެން މެންބަރު ސިނާނު އަށް ގުޅަން މަސައްކަތް ކުރި އިރު އޮތީ ފޯނު ނިއްވާފައެވެ. އަދި މުހުތާޒުއަށް ގުޅުމުން އޭނާ ވަނީ މި ރިޕޯޓު ދޮގު ކުރައްވާފައެވެ. މުހުތާޒު ވިދާޅުވީ އެ ރިޕޯޓުގުގައި އޭނާގެ ނަން އެންމެ ތަނެއްގައި އިންނަމަވެސް ދެން އޭނާގެ ނަން އެހެންތަނެއްގައި ނެތް ކަމަށާއި، އެތަނުގައި އިނީ މުމްތާޒު ކިޔާ މީހެއްގެ ނަން ކަމަށެވެ. އެހެންކަމުން އެއީ އެފްއައިޔޫގެ ރިޕޯޓެއް ކަމަށް ބުނެ ކާކުކަން ނޭނގޭ ބަޔަކު ލާފައިވާ ރިޕޯޓެއް ކަމަށާއި، އޭގައި ހުރި ވާހަކަތަކަކީ ސައްހަ ވާހަކައެއް ނޫން ކަމަށާއި، އެކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ސިނާނަކީ ކުރިން މުހުތާޒުގެ ކްލައެންޓެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެފްއައިޔޫގެ ރިޕޯޓް ކަމަށް ބުނާ ރިޕޯޓުގައި 2 މީހަކާއި ކުންފުންޏެއްގެ ނަން ހިމެނިފައިވެއެވެ. އެއީ މުހުތާޒު މުހުސިން، މުހައްމަދު ސިނާން އަދި ހެލްތް އެންޑް ގްލޯ ޕވޓ ލޓޑ އެވެ. ނަމަވެސް ޕަރސަން އޮފް އިންޓްރެސްޓުގައި މުހުތާޒުގެ ނަން އައިސްފައި އޮތް ނަމަވެސް މި ރިޕޯޓުގެ އެހެން ތަންތަނުގައި އޮތީ މުމްތާޒު މުހުސިނެވެ.
ރިޕޯޓުގައި ވަނީ 13 ފެބްރުއަރީ 2025 ގައި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މިހާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހްތާޒް މުހުސިން، 1,749,600 ރުފިޔާ މުހައްމަދު ސިނާން އަދި އަހުމަދު ވަހީދުގެ ޖޮއިންޓް އެކައުންޓަށް ޖަމާކުރި ކަމަށެވެ. އަދި ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ބާކީ ބައި ހަމަޖައްސަން ކޯޓުން އަމުރުކޮށްފައިވާ ގޮތަށް އެ ފައިސާ އުނިކުރިކަމަށް ރިޕޯޓުގައިވެ އެވެ.
މުހައްމަދު ސިނާން ވަނީ 3.8 މިލިއަން ރުފިޔާގެ ލޯނެއް ބޭންކުން ނަގާފައެވެ. އަދި ލޯނު ނުދެއްކުމުގެ ސަބަބުން އެމްއައިބީން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން 14 އޮކްޓޯބަރ 2024 ގައި އަމުރެއް ނެރެ، 6 މަސްދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައިވެއެވެ.
ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑުން 12 ފެބްރުއަރީ 2025 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މުހައްމަދު ސިނާނަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެ އެވެ. އެ އެގްރީމެންޓުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ އެ ފައިސާ ސިނާނު ދައްކަން ޖެހެ އެވެ. ބޭންކަށް މި ފައިސާ ޖަމާކުރީ ނަގުދު ފައިސާއިންނެވެ.
އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާއިރު، އެމްއެމްއޭ އިން މި ރިޕޯޓުގެ އަސްލާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާން އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިއަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ޣާލިބު ސަލީމް އެވެ.
ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ އޭނާއާއި ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމް ބައިވެރިވެގެން ނެގި ލޯނެއްގެ ފައިސާ ދައްކާފައިނުވާ މައްސަލަ އެވެ.
މައްސަލާގައި 25 ޖޫން ވީ ބުދަ ދުވަހު ސުޕްރީމް ކޯޓުން ޝަރީއަތް ފަށައި، ބޭއްވި އަޑުއެހުމުގައި ޣާލިބުގެ ފަރާތުން ބުނެފައިވަނީ އިސްލާމިކް ބޭންކުން އިތުރު ބަޔަކާ އެކު ސިނާން ނެންގެވި 2.5 މިލިއަން ރުފިޔާގެ ލޯނު ނުދައްކަވާ އޮތުމުން އިސްލާމިކް ބޭންކުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ.
އެ ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުކުމް ކުރީ ހަ މަސް ތެރޭ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅައިފައި ވެއެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަވަމުން ނުގެންދަވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ތަންފީޒީ މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ.
އެހެންވެ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަވާފައިނުވާތީ، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާ އެކު ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް އެމްއައިބީ އަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސްކުރަން ކޯޓުން ވަނީ އަންގައިފައެވެ.
އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީ އަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުން އެނގުނު ގޮތުގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ފެބްރުއަރީ 13ގައި މައްސަލަ ހުށަހެޅުމުން، ހަމަ އެ ދުވަހު އެ ފައިސާ ވަނީ އެއްކޮށް ދައްކާ ޚަލާސްކޮށްފައެވެ.