Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 16:04
ހައިކޮމިޝަނަރ ޖީ. ބާލަސުބްރަމާނިއަން (ކ) އާއި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނަން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އާ މިނިސްޓްރީ އޮފް ފިނޭންސް ގައި ބައްދަލު ކުރައްވަނީ- 17 ސެޕްޓެމްބަރ 2025
ހައިކޮމިޝަނަރ ޖީ. ބާލަސުބްރަމާނިއަން (ކ) އާއި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނަން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އާ މިނިސްޓްރީ އޮފް ފިނޭންސް ގައި ބައްދަލު ކުރައްވަނީ- 17 ސެޕްޓެމްބަރ 2025
ފިނޭންސް މިނިސްޓްރީ
ދަަރަނި
50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
50 މިލިއަން ޔޫއެސް ޑޮލަރުގެ ޓްރެޜަރީ ބިލުގެ މުއްދަތު ހަމަވީ މި މަހުގެ 18 ށް
ފައިސާ ދެއްކުން ފަސްކޮށްދިނީ އިންޑިއާ އިން ރާއްޖެ އަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއްކަމަށް މުއިއްޒު ސަރުކާރުން ބުނޭ
މި އަހަރު 500 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަންޖެހޭއިރު، އަންނަ އަހަރު 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

ސެޕްޓެމްބަރ 18 ގައި މުއްދަތު ހަމަވި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފަައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) އަނބުރާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފިއެވެ.

އިންޑިއާ އިން މި ފައިސާ ދެއްކުން ފަސްކޮށް ދިނީ ބުދަ ދުވަހު މާލޭގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފެންވަރުގެ މަޝްވަރާތަކަކަށް ފަހުގައެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އިސްކޮށް ހުންނެވީ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމާނިއަން އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލޯނު ދެއްކުން ފަސްކޮށް ދިނުމަކީ ދިވެހިރާއްޖެ އަށް އޮތް އިންޑިއާގެ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށާއި، އިންޑިއާ ސަރުކާރުން ދެމުންދާ ވަރުގަދަ މާލީ އެހީތެރިކަން ހާމަވާ ކަމެއް ކަމަށެވެ.

އަދި މަޝްވަރާތަކުގައި އިންޑިއާ އިން ދަރަނި ނަގައިގެން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، ދެ ފަރާތުން މަޝްރޫޢުތަކުގެ ކުރިއެރުން ބަލައި، ގޮންޖެހުންތައް ދެނެގަނެ، އަދި ކަނޑައެޅިފައިވާ ތާވަލާ އެއް ގޮތައް މަޝްރޫއުތައް ނިންމުމަށް އެއްބަސްވެފައިވާ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ވިޔަފާރި އިތުރުކުރުމުގެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކޮށް، ވިޔަފާރީގެ މިންވަރު އިތުރު ކުރުމަށް ދެ ފަރާތުން ވެސް އެއްބަސްވިއެވެ.

މި ލޯނު ދެއްކުން ފަސްކޮށް ދިނީ ދިވެހިރާއްޖެ އަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި އަހަރު 500 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަންޖެހޭއިރު، އަންނަ އަހަރު 1 ބިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހެއެވެ.

މި އަހަރުގެ މޭ މަހު ގެ ތެރޭގައި ވެސް 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދެއްކުން އިންޑިއާ އިން ފަސްކޮށްދީފައި ވެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ތިން ބުރެއްގެ މަތިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓީބިލުގެ ތެރެއިން އެއް ޓީ-ބިލް މިހާތަނަށް ވަނީ 2024 ގެ ޖަނަވަރީ މަހު އަނބުރާ ދައްކާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ މާލީ ގޮތުން ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ލޯނުތައް އަދާ ކުރުމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އެހީތެރިކަން ވަނީ ހަމަޖެހިފައި ކަމަށް ބުނަމުންނެވެ.

ސަރުކާރުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމުމަށް މަގު ފަހި ކުރުމުގެ ގޮތުން، ސަރުކާރުގެ ހިންގުމުގެ ޚަރަދު ދަށްކޮށް، ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރުމަށް ދުނިޔޭގެ ރޭޓިންގ އޭޖެންސީ ތަކުން ސަރުކާރަށް ލަފާދީފައިވީ ނަމަވެސް އެފަދަ އިސްލާހީ އެއްވެސް ފިޔަވަޅެއް ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާތަން ނުފެންނަ ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

- ކޮމެންޓް