ހދ. ފިނޭގެ ތަރައްގީ އަށް، ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރަން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަޤީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފިއެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެ ރަށު ކައުންސިލް އާ އެކު ހަނިމާދޫގައި ބޭއްވެވި ބައްދަލުވުމެއްގައި ވެސް ތަރައްގީ އަށް ކުރަން ހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދިޔަ އަހަރު ގެ ބައްދަލުވުމުގައި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޒަމާނީ މިސްކިތެއް ބޭނުން ވާކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ރަށުގައި ހަރުދަނާ ކުރުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގައި މޫދަށް އެރި ކަސްރަތު ކުރެވޭނެ ސަރަހައްދެއް ތަރައްޤީ ކޮށްދެއްވުމަށް އެދިފައިވެއެވެ.
އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި ތަރައްގީ އަށް ޓަކައި ކޮށްދެއްވަން ހުރި ކަންކަން ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ކުރީި އަހަރު ކޮށްދެއްވުމަށް ކައުންސިލުން އެދުނު ބައެއް ކަންކަން އަނެއްކާވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އެ ގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އަނެއްކާ ވެސް ވަނީ ދެއްވާފައެވެ. އެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފެންވަރު ރަނގަޅު ފުޓްސެލް ދަނޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރަށުގެ ސްކޫލު ހުރި ސަރަޙައްދު ބަދަލުކުރުމަށް ރައްޔިތުން އެދޭކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، އެއީ ޚުދު އެމަނިކުފާނަށް ވެސް ޤަބޫލުފުޅުކުރެއްވޭ، ދެކޮޅުޖެހޭ ކަމެއް ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މިކަމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
އަދި ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒު ޤާއިމުކުރުމާއި، ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަންވެސް ކުރިއަށް އެބަހުރިކަމަށާއި، ހަކަތައިގެ ދާއިރާއިން ވެސް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރު ފިނޭގައި ކުރިއަށް ދާ ހަމަ އެކަނި މަޝްރޫއަކީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ. ރައީސް ވިދާޅުވީ ގިނަ ބަދަލުތަކެއް ބަނދަރަށް ގެނަސްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށާއި، 2026 ގެ ބަޖެޓުގައި ހިމަނައިގެން ބަނދަރުގެ މަސައްކަތް ނިންމަވައި ދެއްވާނީ، ރައްޔިތުން އެދިފައިވާ ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެނައުމަށްފަހު ކަމަށް ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވީ އާދިއްތަ ދުވަހު ހަވީރު އެވެ.