Advertisement
ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 15:03
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025
އެމްޑީޕީ
ފައްޔާޒް އިސްމާއިލް
ޚުދުމުޚުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އެ މީހުންގެ ނޭއްގާނީ ވާހަކަތައް ރައްޔިތުންނަށް ނޭނގުން: ފައްޔާޒް
ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ ޚުދުމުޚުތާރު ވެރިންގެ ކަމެއް
މީގެ ކުރިން ވެސް ވެރިޔަކު މީޑިއާ ގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރެއްވި ކަން ފައްޔާޒު ފާހަގަ ކުރެއްވި
ދުލާއި ގަލަމުގެ މިނިވަންކަން ހަނިކުރުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް އެމްޑީޕީގެ ސަރުކާރުން އުވާލާނެކަމަށް ފައްޔާޒު ވިދާޅުވޭ

ޚުދުމުޚުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށް އެމްޑީޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ފައްޔާޒު ވިދާޅުވީ، "ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް،" ކަމުގައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު އުތީމުގައި އޮތް ރަސްމިއްޔާތުގައި ޚިޔާލުފާޅު ކުރުމާއި މީޑިއާ ގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ބާރު ލިބޭ ގޮތައް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ސިޔާސީ މީހުންގެ އަބުރު ރައްކާތެރި ކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމަށާއި ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމުގައެވެ.

މީޑިއާގެ މިނިވަން ކަން ނައްތާލުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވަނިކޮށް އެ ބަދަލު ތަކަށް ބާރު ލިބޭ ގޮތައް ގައުމީ ދުވަހުގެ ޖަލްސާ ގައި މުއިއްޒު ވިދާޅުވީ، ހިތައް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ އަދި ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ހައްގެއް ނޫން ކަމުގައެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" ރައީސް ސާލިހްގެ ސަރުކާރާ ބެހޭ ގޮތުން ހަގީގަތެއް ނެތް ބޮޑެތި ދޮގުތަކެއްގެ މައްޗަށް ރިޔާސީ ކެމްޕޭން ބައްޓަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒު އިތުރަށް ވިދާޅުވީ، އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، "ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ،" ކަމަށެވެ.

"މީގެ ކުރިން ވެސް ވެރިޔަކު ތި މަސައްކަތް ކުރެއްވި. ކާމިޔާބެއް ނުވޭ. އިރާދުކުރެވިއްޔާ މިފަހަރު ވެސް ކާމިޔާބެއް ނުވާނެ."

އަނެކާގެ ހައްގުތަށް އަރައިގަނެ އަބުރު ކަތިލާ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ މިނިވަންކަމެއް ނޫންކަމަށް މުއިއްޒު ތަކުރާރުކޮށް އާދިއްތަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.

މަސްދަރު: އެކްސް
- ކޮމެންޓް