ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 19:25
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސްގެ ކުރިފުޅުމަތީގައި މުޅި ބ.އަތޮޅު ލާމަރުކަޒީ ނިޒާމާއި ދެކޮޅު!
ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަމުން ވަޑައިގެންނެވިއިރު، ބައެއް ރަށުގައި ރިބަން ކަޑުއްވަނީވެސް ކުރީ ސަރުކާރުން ފައްޓާފައި ހުރި މަޝްރޫއުތަކުގައެވެ. މިއަދު ސަނާ ކިޔަންވީ ރައީސް މުއިއްޒަށްތޯ ނުވަތަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްތޯ އެވެ.

ރައީސްއެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވުމަށެވެ. ވެރިކަމާއި ހަވާލުވެވަޑައިގެން ހުވާ ކުރެއްވެވީވެސް ހަމަ މިފަދައިން ޚިދުމަތްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންއެވެ. ނަމަވެސް މިކަމުގައި އަލިމަގެއް މިއަދާއި ހަމައަށް އައި އިރު ނުފެނެއެވެ. ރައްޔިތުން އާދޭސް ދަންނަވަނީއެވެ. ބޯހިޔާވަހި ކަމަށެއެވެ. ރަނގަޅު ފެނާއި ނަރުމާގެ ޙިދުމަތަށެއެވެ. ކަރަންޓްގެ ޙިދުމަތަށެއެވެ. އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހްރޫމްވެ ރައްޔިތުން މިދަނީ ބިކަ ހާލުގައި ޖެހުމުންނެއެވެ. ރައްޔިތުންނަށްޓަކައޭ ވިދާޅުވެ ކުރާ އެއްވެސް ކަމެއް ދެކޮޅެއް ނުޖެހެއެވެ. ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ. ސަރުކާރަށް މިކަމުގައި ވާއެއްވެސް ކަމެއް ނެތެއެވެ.

ކޮންމެއަކަސް މިއަދު ސަރުކާރުގެ އެންމެ ބިޔަ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދަނީ ރަށްރަށުގައި ބަހައްޓާ އޭޓީއެމްތަކެއެވެ. ކޮންމެ އޭޓީއެމްއެއް ބަހައްޓަންވެސް ބޮޑު ހަރަދުކޮށްގައި ސަރުކާރުގެ ވަފްދުތައް ރަށްރަށަށް ވަޑައިގަންނަވަނީއެވެ. މިއީ ހަމަ ރައްޔިތުންގެ ފާއިސާއެވެ. މީގެ ކުރިން ބީއެމްއެލްއިން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށްފަހު އެބެހެއްޓި ވާހަކަ މީޑިއާތަކަށް ފޮނުވާލަނީއެވެ. ގިނަ ފަހަރު އެއީ ހަބަރަކަށްވެސް ނުވެއެވެ. މިއަދު ބޮޑު ރަސްމިއްޔާތު ބާއްވާ، ހަފްލާތައް ބާއްވާ، އޭޓީއެމް ޚިދުމަތް ފެއްޓުމަށް، ރައީސް މުއިއްޒުއާއި ވަޒީރުވެސް ރަށްރަށަށް ވަޑައިގަންނަވަނީއެވެ. މިއީ ތަންފުކެއް ބޮޑު ވަރެއް ނޫންތޯއެވެ. އޭޓީއެމްގެ ޚިދުމަތަކީވެސް ކޮންމެ ރަށަކަށްވެސް ބޭނުންތެރި ޚިދުމަތެކެއެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން ހަފްލާތައް ބޭއްވުމަށްފަހު ކުރަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ރައްޔިތުން ދަނީ ބުނަމުންނެއެވެ.

މިއަދު ވެރިކަމުގައި ހުންނެވި، ރައީސް މުއިއްޒުއަށް ރައްޔިތުންގެ އާދޭސްތައް އަޑެއް ނީވޭ ކަހަލައެވެ. އެމަނިކުފާނު އެންމެ ފަހުން ބ. އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގައި މުޅި ބ.އަތޮޅުން ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާޙްތަކާއި ދެޅޮށް އަޑު އުފުލާފައެވެ. އަދި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކުގެ ވާހަކަ ކައުންސިލުތަކުން ވަނީ ރައީސްއާއި ހިއްސާކުރައްވާފައެވެ. ކޮންމެ ބައްދަލުވުމަކަށްފަހު ކައުންސިލްތަކަށް ދެއްވި ޖަވާބަކީ އެކަންކަން ބައްލަވާނެ ކަމަށެއެވެ. ލާމަރުކަޒީ ނިޒާމާއި ގުޅިގެން ދަތުރު ނިންމަވާލައްވަމުން ދަރަވަންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އަލިފުން ޔާއަށް އެނގިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންނަށްޓަކައި ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތައް ލޭބަލް ކުރަމުން ދަނީ ރައްޔިތުންނަށް ކޮށްދޭކަމެއް ނޫން ކަމެއްގެ ގޮތުގައި ކަމަށެއެވެ. ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ސަރުކާރުން ރައްޔިތުންނަށް ފުރިހަމައަށް ކަންކަން ކޮށްދެވޭނެ ގޮތަށް ކަންކަން ކުރެއްވުމަށް ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން 80 ށް ވުރެ ގިނަ ކައުންސިލުން، އެ އިސްލާހްތައް ތަސްދީގު ނުކުރުމަށް ރައީސް އަށް ގޮވާލައި ބަޔާންތައް ނެރެފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ، ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ކަމަށާއި އަދި މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރު ކަމާއެކުގައި ކަން ކަށަވަރު ކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ބާރުކަނޑުވާލަށް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރުމަށް ބ. ދޮންފަނު ކައުންސިލުން ރައީސް މުއިއްޒުއަށް ގޮވާލެއްވިއެވެ. ދަރަވަންދޫ އެއަރޕޯޓަށް މި ވޭތުވެދިޔަ 12 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށާއި އެއަރޕޯޓުގެ ހާލަތު ދަށްވަމުންދާތީ މި މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ދަރަވަންދޫ ކައުންސިލުން ރައީސް މުއިއްޒު އަށް ވަނީ ދަންނަވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑއިގެންނެވި ފަހުން ބ.ކިހާދޫ އަށް ބޭނުންވާ ކަންކަން ތަކުރާރުކޮށް އެމަނިކުފާނާ ހިއްސާ ކުރައްވަފައި ވީނަމަވެސް މިއަދާއި ހަމަޔަށް ވެސް ވައުދުތައް ނުފުއްދާތީ، ކިހާދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުންތައް ބަންޑުންކޮށްލައްވާފައެވެ. ބ. ފުޅަދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެ ރަށުގައި ފެށިފައިވާ، ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތީ މީހުން ލިބުމުގައި ދަތިތަކެއް ދިމާވެގެން، ރަށުގެ އާބާދީ ގައި މީހުން މަދުވުމުގެ ސަބަބުން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވެގެންދާއިރުވެސް ބ. ކިހާދޫއަށް ކޮށްދެއްވަން ވެވަޑައިގެންނެވި އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް ނުފެށޭކަން ހާމަވެފައިވާއިރުވެސް، ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އަނެއްކާވެސް ވަނީ އިތުރު ވައުދުތަކެއްވެވަޑައިގެންފައެވެ.

ރައީސްއެވެ. ރައްޔިތުން މަނިކުފާނު ވެރިކަމަށް ގެންނެވީ ވަރަށް ފޮނި އުއްމީދުތަކާއި އެކުގައެވެ. ވަރު ވަރުން ވުޒާރާތައް ހައްދަވައިގެން ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވާށެއެވެ. ރަށަކަށް ވަޑައިގެންނެވުމުގެ ކުރިން ރަށުގައި ހުޅުވަން ތައްޔާރުވެފައި ހުރީ ކޮން މަޝްރޫއެއްތޯ ކައުންސިލްތަކަށް ގުޅުއްވައިގެން ބެއްލެވުމުގެ ބަދަލުގައި، ރައްޔިތުންގެ އަސާސީ ޚިދުމަތް ދެއްވުމަށް ސަރުކާރުން މިއަދު މަސައްކަތް ކުރަން ޖެހެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި އިރު އެކަންކަމަށް ސަރުކާރުގެ ހާއްސަ ސަމާލުކަމެއް ދެއްވަންޖެހެއެވެ. ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަމުން ވަޑައިގެންނެވިއިރު، ބައެއް ރަށުގައި ރިބަން ކަޑުއްވަނީވެސް ކުރީ ސަރުކާރުން ފައްޓާފައި ހުރި މަޝްރޫއުތަކުގައެވެ. މިއަދު ސަނާ ކިޔަންވީ ރައީސް މުއިއްޒަށްތޯ ނުވަތަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްތޯ އެވެ.

- ކޮމެންޓް