Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 21:59
ރާއްޖޭ ގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެއްބާރުލުން ހޯދުމަށް މިނިސްޓަރ ތޯރިގް އިބްރާހިމް މަސްދަރު ސިޓީގެ އޮފިޝަލުންނާ ބައްދަލު ކުރައްވަނީ- 13 ޖެނުއަރީ 2025
ރާއްޖޭ ގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެއްބާރުލުން ހޯދުމަށް މިނިސްޓަރ ތޯރިގް އިބްރާހިމް މަސްދަރު ސިޓީގެ އޮފިޝަލުންނާ ބައްދަލު ކުރައްވަނީ- 13 ޖެނުއަރީ 2025
އެންވަރަންމަންޓް މިނިސްޓްރީ
އެމްޑީޕީ
އީޕީއޭ އާއި އީއައިއޭ ސިޔާސީ ކުރުމުން ދިވެހިރާއްޖެ އަށް އެހީވާ ބޭރުގެ ފަރާތްތަކުގެ އިތުބާރު ރާއްޖެ އަށް ގެއްލިގެން ދާނެ: އެމްޑީޕީ
މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ހިންގުމަށް ރުޖޫޢަ ވުމަށް ގޮވާލި
ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނެވުނު އިސްލާހުތަކުން އީއައިއޭ ޕްރޮސެސްގެ ކްރެޑިބިލިޓީ ގެއްލިއްޖެ
އީޕީއޭ ސިޔާސީ ކުރުމަކީ ރާއްޖެ އަށް ލިބޭ ހިލޭ އެހީގެ މިންވަރު މަދުވެ، އެހީދޭ ފަރާތްތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން ބަދަލުކޮށް، ސަރުކާރުގެ ސިޔާސީ ބާރު ސީދާ ހިނގާ ތަނަކަށް ހަދައި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާބެހޭ ގަވާއިދު ސިޔާސީ ބޭނުމަށް ބަދަލުކޮށް، މުޅި އިދާރާގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ "މިފަދަ ޑިމޮކްރަސީގެ ހަމަތަކާ ނުބައްދަލު ކަންކަން ކުރުން ހުއްޓާލުމަށް،" ރައީސް މުހައްމަދު މުއިއްޒު އަށް ގޮވާލާ ކަމަށެވެ.

އީޕީއޭ އަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތިމާވެށީގެ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ގުދުރަތީ ވަސީލަތްތަކާއި ދިރުންތައް ހިމާޔަތްކޮށް ތިމާވެށީގެ ދާއިރާ ރެގިއުލޭޓް ކުރުމަށް އުފެއްދި މުހިއްމު މުއައްސަސާއެއް ކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައި ވަނީ އެކި ވެރިކަމުގައި އެކި މިންވަރަށް މި އިދާރާގެ މަސައްކަތް ހިފަހައްޓައި ނުވަތަ މިނިވަންކަމާ އެކީ މަސައްކަތް ކުރެވޭނެ މާހައުލު ފަހިކޮށްދެމުން އައިސްފައިވާކަން ފާހަގަ ކުރާ ކަމަށެވެ.

"ނަމަވެސް މި ހަފްތާތެރޭގައި، ސަރުކާރުން އިސްނަގައިގެން އީޕީއޭ އުފެއްދުމުގެ މަގްސަދު ގެއްލޭ ގޮތަށާއި ހިންގުމަށް ސިޔާސީ ނުފޫޒު އިންތިހާ އަށް ފޯރުވޭ ގޮތަށް އިދާރީ އޮނިގަނޑު ބަދަލު ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ދޭ އަހައްމިޔަތު ކުޑަކަން ފާހަގަވާ ކަމެކެވެ."

އީޕީއޭ ގެ ނަން ބަދަލުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް ދީފައިވާ އަހައްމިއްޔަތުކަން ނިޒާމުން ވެސް ގެއްލުވާލާފައިވާތީ އެކަމާ އެމްޑީޕީ އިން ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.

ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައިވާ އެހެނިހެން މުހިއްމު މުއައްސަސާތަކުގެ ބާރުވެސް ހަނިކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ތިމާވެށީގެ ދާއިރާ ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާގެ ބާރުތައް މައި ސަރުކާރަށް ސީދާ ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ރީސްޓްރަކްޗާރ ކުރުމަކީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެމްޑީޕީ ގެ ބަޔާނު ގައި އިތުރަށް ބުނެފައި ވަނީ 12 އޮގަސްޓު ވަނަ ދުވަހު ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނެވިފައިވާ އިސްލާހްތަކުގެ ސަބަބުން އީއައިއޭ ޕްރޮސެސްގެ ކްރެޑިބިލިޓީ އެއްކޮށް ގެއްލިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. މިއީ ފާއިތުވީ 12 ވަރަކަށް އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެންމެ ނުރަގަނޅު އިސްލާހް ކަމަށް ޕާޓީން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

"މި އިސްލާހްގެ ސަބަބުން އީއައިއޭ ހެދުމާއި، އެޕްރޫވް ކުރުމުގެ ހުރިހާ މަރުހަލާތައް ސިޔާސީ ކުރެވުނީއެވެ."

ބަޔާނުގައި ބުނެފައިވަނީ، މިކަންކަމަކީ "ދިވެހިރާއްޖޭގެ ނާޒުކު ވެށި ހިމާޔަތް ކުރުމަށް ބޭނުންވާ ފަންނީ ލަފާ އެރުވުމަށް އެޅޭ ހުރަހެއް،" ކަމަށެވެ.

ސިޔާސީ މަގްސަދު ހާސިލް ކުރުމަށް، އީއައިއޭ އަވަސް މިނުގައި ހެދުމުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ފަދަ މުހިއްމު ޑޭޓާގެ އަލީގައި ކަންކަން ނިންމުމަށް ހުރަސް އެޅި، ރައްޔިތުންނާއި، ދައުލަތުގެ މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާ ޚަރަދު ކޮށްގެން ހިންގާން ޖާގަ ހުޅުވިގެންދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެ އަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ތަހައްމަލު ކުރަމުން އަންނަ އެއް ގައުމަށްވެފައި، ދިވެހިރާއްޖެ އަށް ލިބޭ ހިލޭ އެހީ އެންމެ ބޮޑު މިންވަރަކަށް ލިބޭ ދާއިރާ އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާ ކަމުގައި ވާތީ އީޕީއޭ އާއި އީއައިއޭ ހެދުމުގެ މަރުހަލާ ސިޔާސީ ކުރުމަކީ ދިވެހިރާއްޖެ އަށް އެހިވާ ފަރާތްތަކުގެ އިތުބާރު ވެސް ރާއްޖެ އަށް ގެއްލިގެން ދާނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ލިބޭ ހިލޭ އެހީގެ މިންވަރު މަދުވާނެ ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ބުދަ ދުވަހު ނެރުނު ބަޔާނުގައި ދިވެހިރާއްޖެ ޑިމޮކްރަސީ އަށް މިކުރާ ދަތުރުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް ސިޔާސީ ނިޒާމެއް އުފެއްދުން ކަން ފާހަގަ ކޮށްފައިވެއެވެ.

އެހެން ނަމަވެސް، ބަޔާނު ގައި، މި ސަރުކާރުން ރޭވިގެން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ވެރިމީހާ ބާރުވެރި ކުރުވުމުން ކަމަށް ބުނެފައިވެއެވެ.

"އެހެން ކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ހިންގުމަށް ރުޖޫޢަ ވުމަށް،" ގޮވާލާ ކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

- ކޮމެންޓް