Advertisement
ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 08:49
ރައީސް ޑރ. މުއިއްޒު އާއި ސްރީލަންކާގެ ރައީސާ ޑިސެނަޔަކެ އާ ދެމެދު ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައި - 28 ޖުލައި 2025
ރައީސް ޑރ. މުއިއްޒު އާއި ސްރީލަންކާގެ ރައީސާ ޑިސެނަޔަކެ އާ ދެމެދު ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައި - 28 ޖުލައި 2025
ރައީސް އޮފީސް
ދިވެހިރާއްޖެ-ސްރީލަންކާ ގުޅުން
ސްރީލަންކާގެ މަސްވެރިންނަށް އަރަބި ކަނޑަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމާ ބެހޭ ގޮތުން ރައީސް މުއިއްޒު އާ ލަންކާގެ ރައީސް މަޝްވަރާ ކުރައްވައިފި
ދިފާޢީ، ސަލާމަތީ އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު
ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓް އަދި ވިޔަފާރީގެ ގުޅުން އިތުރުކުރުމަށް މަޝްވަރާކުރެވުނު
ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް ދެޤައުމުން މަޝްވަރާ ކުރި

ސްރީލަންކާގެ މަސްވެރިންނަށް އަރަބި ކަނޑަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމާއި ބެހޭ ގޮތުން ސްރީލަންކާގެ ރައީސް ޑިސެނަޔަކެ ރާއްޖޭގެ ރައީސް މުއިއްޒު އާ މަޝްވަރާ ކުރައްވައިފި އެވެ.

މިކަން ހާމަ ކުރެއްވީ، ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކަށް ފަހު ހޯމަ ދުވަހު ރައީސް އޮފީހުގައި ދެއްވި ބަޔާނުގައެވެ.

"އަޅުގަނޑާއި ރައީސް މުޢިއްޒު އަދި އަޅުގަނޑުމެންގެ ވަފުދުތަކާއެކު ދެފަރާތުގެ މަޝްވަރާތައް ނިންމާލައިފިން. އަޅުގަނޑުމެން މިހާރު ގުޅުންތައް ހުރި ހާލަތުގެ ތަފްސީލީ މުރާޖަޢާއެއް ހަދައި، މުސްތަޤުބަލުގައި ދެފަރާތަށް މަންފާކުރާނެ ދާއިރާތަކުގައި އެއްބާރުލުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކޮށްފައިވާނެ،" ޑިސަނާޔަކެ ސިންހަޅަ ބަހުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ޤައުމުތަކެއްގެ ހައިސިއްޔަތުން، މަސްވެރިކަމާއި ކަނޑުގެ ދާއިރާގައި ހުރި ބޮޑު ފުރުޞަތު ދެ ގައުމުގެ ވާހަކަ ތަކުގައި ފާހަގަ ކުރެއްވި ކަމަށާއި. އައު އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނާއި، ސްރީ ލަންކާގެ މަސްވެރި އުޅަނދުފަހަރަށް އަރަބި ކަނޑަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމާއި މަސްވެރިކަމުގެ ރޮނގުން އިތުރު އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ސްރީ ލަންކާގެ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސްރީލަންކާ އަށް ރާއްޖެ އިން ހުރިހާ އިރެއް ގައި ވެސް ދެމުން އަންނަ ވަރުގަދަ އެހީތެރިކަމަށްޓަކައި ރައީސް މުޢިއްޒަށާއި ދިވެހި ސަރުކާރަށް ޝުކުރު ދެންނެވި އެވެ.

ސްރީލަންކާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވެފައި ވާތީ އެކަމަށް ޝުުކުރު އަދާ ކުރައްވަމުން ދިވެހިރާއްޖޭގެ އިޤްތިޞާދާއި މުޖުތަމައަށް އެ ފަރާތްތަކުން ކުރާ ޚިދުމަތް ފެނުމަކީ އުފަލެއް ކަމަށް ޑިސެނަޔަކެ ވިދާޅުވިއެވެ. ހަމައެހެންމެ، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސްރީލަންކާގެ އިޤްތިޞާދާއި މުޖުތަމަޢަށް ކުރާ ޚިދުމަތް ފާހަގަ ކުރައްވާ ކަަމަށް ވެސް ވިދާޅުވިއެވެ.

ސްރީލަންކާ އާއި ދިވެހިރާއްޖެ އަކީ ތަޢުލީމީ ދާއިރާގައި ވަރުގަދަ ގުޅުމެއް އޮތް ދެ ޤައުމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދާއިރާގައި އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާ ކުރި ކަމަށް ވެސް ސްރީ ލަންކާގެ ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އެއްބާރުލުމާއި މުހިންމު ދާއިރާތަކުގައި އިންވެސްޓްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަން ފާހަގަ ކުރައްވަމުން ޑިސެނަޔަކެ ވިދާޅުވީ، ދިވެހި އިންވެސްޓަރުންނަށް އަބަދުވެސް ސްރީލަންކާ އަކީ އިތުބާރުހުރި އިންވެސްޓްކުރެވޭނެ މަންޒިލަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސް މުޢިއްޒަށް ދެންނެވިން، މިހާރު ސްރީލަންކާ އިން އިންވެސްޓަރުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންދާ ސިންގަލް-ވިންޑޯ ނިޒާމާއި، އިންވެސްޓަރުންނަށް އިތުރަށް ހިތްވަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އަދި މާލީ ނޫން އިނާޔަތްތަކުގެ ސްކީމްތަކާ ބެހޭ ގޮތުން. އަދި އަޅުގަނޑު އެމަނިކުފާނަށް މަޢުލޫމާތު އެރުވިން ސްރީލަންކާގައި ހުރި އެންމެ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކާ ބެހޭގޮތުން. މިއީ އިންވެސްޓަރުންނަށް ފަހި އަދި ވަކި އުފެއްދުންތަކަށް ޚާއްޞަ ކުރެވިފައިވާ ޞިނާޢީ ސަރަޙައްދުތަކެއް. މި ތަންތަނަކީ ދިވެހި އިންވެސްޓަރުންނަށް ސްރީލަންކާގައި އިންވެސްޓްކުރުމަށް ބެލިދާނެ ތަންތަން،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްރީ ލަންކާގެ ރައީސް ގެ ވާހަކަފުޅުގައި ދިވެހި ވިޔަފާރިވެރިންނަށް އެ ގައުމުގައި އިންވެސްޓް ކުރުމަށް ދަޢުވަތު ދެއްވިއެވެ. ޚާއްޞަކޮށް އައިޓީ/އާޓިފިޝަލް އިންޓެލިޖެންސް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމާއި، ފަތުރުވެރިކަމާއި މުނިފޫހިފިލުވުން، ރިއަލް އެސްޓޭޓް ގެ ދާއިރާ އިން އިންވެސްޓް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ދެ ޤައުމަށްވެސް އިޤްތިޞާދީގޮތުން މުހިންމު ދާއިރާ ކަމަށާއި، މި ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ވެސް ޑިސެނަޔަކެ ވިދާޅުވިއެވެ. މިގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން، ޚާއްޞަކޮށް ވައިގެ ގުޅުން އިތުރުކުރުމާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާ ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިފާޢީ، ސަލާމަތީ އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާއާއި ދިވެހިރާއްޖެ އަކީ ވަރުގަދަ ސަޤާފީ ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، ސިންހަޅަ އަދި ދިވެހި ބަހަކީ އެއް އަސްލަކުން އައިސްފައިވާ ދެ ބަސް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ދެ ގައުމުގެ މީހުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، ސަޤާފަތާއި ތަރިކައިގެ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ޑިސެނަޔަކެ ވިދާޅުވިއެވެ.

- ކޮމެންޓް