Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 18:28
އެމްއެންޑީއެފް ގެ ބެރު ދުންމާރި ބޭންޑާއެކު ހަތްކޮޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސްގެ އޮފީހަށް ވަޑައިގަންނަވަނީ - 25 ޖުލައި 2025
އެމްއެންޑީއެފް ގެ ބެރު ދުންމާރި ބޭންޑާއެކު ހަތްކޮޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސްގެ އޮފީހަށް ވަޑައިގަންނަވަނީ - 25 ޖުލައި 2025
ރައީސް އޮފީސް
އިންޑިއާ-ރާއްޖެ ގުޅުން
އިންޑިޔާ އިން ދިވެހިރާއްޖެ އަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް އެހީ ހަމަ ޖައްސައިދީފި
އިންޑިއާ އިން ހަމަޖައްސައިދިން އެހީ އިން ދިވެހި ސަރުކާރުގެ އިސްކަންދޭ މަޝްރޫޢުތަކަށް ޚަރަދު ކުރެވޭނެ
ބޮޑުވަޒީރު މޯދީ ގެ ދަތުރުފުޅުގައި 4 އެމްއޯޔޫ އަކާއި 3 އެއްބަސްވުމެއްގައި ސޮއިކުރެވުނު
މޯދީގެ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ މުނާސަބަތާ

ދިވެހި ސަރުކާރުގެ އިސްކަންދޭ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ހުކުރު ދުަވަހު ހަވީރު ބޮޑު ވަޒީރު މޯދީ އާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ބޮޑުވަޒީރުގެ ޒިޔާރަތް މި ދިމާވަނީ ދެ މުހިންމު ދެ މުނާސަބަތަކާއެވެ.

ހޮނިހިރު ދުވަހު، ބޮޑުވަޒީރު މޯދީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފުރުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ހުކުރު ދުވަހު ދިވެހިރާއްޖެ އާއި އިންޑިޔާ އާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަ ކުރުމަށް ހަނދާނީ ސްޓޭމްޕެއް ނެރެނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު، ބޮޑުވަޒީރު މޯދީ އާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި، އެ ދެބޭފުޅުންގެ ހާޒިރުގައި 4 އެމް.އޯ.ޔޫއަކާއި 3 އެއްބަސްވުމެއްގައި ސޮއިކުރުން ކުރިއަށް ގެންދެވުނު ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"މީގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގެ އެއްބަސްވުމެއް ހިމެނެއެވެ."

މިއީ ސަރުކާރުގެ މުހިންމު ދާއިރާތަކުގެ އިސްކަންދޭ މަޝްރޫޢުތަކަށް ބޭނުން ކުރުމަށް ހަމަ ޖެހުނު އެހީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިޔާ ސަރުކާރުން ފަންޑުކޮށްފައިވާ އެލް.އޯ.ސީތަކުގެ ދަށުން ދިވެހިރާއްޖޭގެ އަހަރީ ދަރަނި އަނބުރާ ދެއްކުމުގެ ޒިންމާތައް ލުއި ކުރުމާއި، އިންޑިޔާ-ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އައި.އެމް.އެފް.ޓީ.އޭ) މަޝްވަރާތައް ފެށުމާއި، އިންޑިޔާގެ ބަޔަރސް ކްރެޑިޓް ފެސިލިޓީގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 3,300 ސޯޝަލް ހައުސިންގ ޔުނިޓް ހަވާލުކުރުމާއި، އައްޑޫ ސިޓީގެ މަގުތަކާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އިފްތިތާޙު ކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ މުހިންމު 6 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް މަޝްރޫޢު އިފްތިތާޙު ކުރުމާއި، އެމްއެންޑީ އެފް އަށް ހަދިޔާ ކުރާ 72 އުޅަނދާއި އެހެނިހެން އާލާތްތައް ހަވާލު ކުރުން މި ދަތުރުފުޅުގެ ތެރޭގައި ހަމަ ޖެހިގެން ދިޔަކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކާ ބެހޭ ގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އެ ބޭފުޅުން މަޝްވަރާ ކުރެއްވީ ތަރައްޤީގެ ޕާޓްނަރޝިޕް، ޤާބިލުކަން އިތުރު ކުރުން، ޞިއްޙަތު، އުމްރާނީ ތަރައްޤީ، ޑިޖިޓަލް އިޤްތިޞާދު، އެކުއަކަލްޗަރ، މޫސުމަށް އަންނަ ބަދަލުތައް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުންނެވެ. ދެ ލީޑަރުން ގޮވާލެއްވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަ އާއި ކުރިއެރުން އަދި ފާގަތިކަން އިތުރުކުރުމަށްޓަކައި ގާތް ގުޅުމެއްގެ ތެރެއިން މަސައްކަތް ކުރުމަށެވެ."

ބޮޑު ވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި މި އަހަރަކީ އިންޑިޔާ އާއި ދިވެހިރާއްޖެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި ނަމަވެސް ދެ ގައުމުގެ ގުޅުމުގެ މޫތައް ތާރީޚުގެ މާކުރިއަށް އަދި ކަނޑުގެ ފުންމިނަށް ވުރެ ފުނަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ހުކުރު ދުވަހު ނެރެވުނު ހަނދާނީ ސްޓޭމްޕްތަކުގައި ދެ ޤައުމުގެ ސަގާފީ ކަނޑުމަތީ އުޅަނދުތައް ދައްކުވައިދޭ ކަމަށާއި، މިއިން ދޭހަވަނީ އަޅުގަނޑުމެންނަކީ ހަމައެކަނި އަވައްޓެރިންނެއް ނޫންކަމާއި، އެކުގައި ދަތުރުކުރާ ދަތުރުގެ ބައިވެރިން ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިގްތިސާދީ ގުޅުން އަވަސް ކުރުމަށްޓަކައި، ދެ ގައުމުން އެތައް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ވެސް ވަނީ ފެށިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ގައުމުގެ ފައިސާ އިން އަގު އަދާކުރެވޭ ނިޒާމެއް ތައާރުފް ކުރެވުމުން ރުފިޔާ އާއި ރުޕީސް ބޭނުން ކޮށްގެން ސީދާ ވިޔަފާރި ކުރެވޭނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ދިވެހިރާއްޖެ އަށް ވަޑައިގަތީ ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ.

ޖުލައި 25 އިން 26 އަށް ކުރައްވާ މި ދަތުރުފުޅުގައި، މޯދީ މާލޭގައި ބޭއްވޭ މިނިވަން ދުވަހުގެ ހަފްލާތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

- ކޮމެންޓް