ރާއްޖޭގެ މިނިވަން ދުވަހުގެ އިހްތިފާލް ތަކުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފައިބައިވަޑައިގަތުމާ އެކު ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި "މާލެ އާދެވިއްޖެ." ކަމަށް ވިދާޅުވެއްޖެއެވެ.
ރާއްޖެ އަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅުގައި މޯދީ ވަޑައިގެންނެވި އިރު ކުރީ ދަތުފުޅުތަކާ ޚިލާފަށް މިފަހަރުގެ ދަތުރުފުޅަށް މީޑިއާ ގެ ސަމާލުކަން ލިބިފައިވާލެއް ބޮޑު ކަން ފާހަގަ ކުރެވޭއިރު، ބޮޑު ވަޒީރު ވިދާޅުވީ، "އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން؛" ކަމުގައެވެ.
ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުމުން ރާއްޖެ އަށް މަރުހަބާ ވިދާޅުވާން އެއަރޕޯޓުގައި ހުންނެވި އިރު، މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ހިންގި ކެމްޕޭނެއްގެ ތެރެއިން ކަން އިންޑިއާ މީޑިއާ ގައި ވަރަށް ބޮޑަށް އޮތީ ފާހަގަ ކޮށްފައެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެން ދާނެކަން ޔަޤީން ކުރައްވާ ކަމަށް ވެސް އެކްސް ގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވިއެވެ.
ދިވެހި ބަހުން މޯދީ ކުރެއްވި އަނެއް ޕޯސްޓުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް ކަމަށާއި މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ ކަމަށާއި ދެއްވި ހޫނު މަރުޙަބާއަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށް އެއަރޕޯޓަށް މޯދީ އަށް މަރުހަބާ ދެންނެވުމަށް ގޮސް ތިބި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުންނަށް އަމާޒު ކުރައްވާ ވިދާޅުވިއެވެ.
A memorable welcome in Maldives. Strong ties between our nations will greatly benefit our people. 🇮🇳 🇲🇻 pic.twitter.com/qQVoB51FJw
— Narendra Modi (@narendramodi) July 25, 2025
މިދަތުރުފުޅަކީ ރައީސް މުޢިއްޒުގެ ދަޢުވަތަކަށް ބޮޑު ވަޒީރު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް ވަރަށް ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެއެވެ. އަދި، ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް، ދެޤައުމުގެ ގުޅިފައިވާ ބަޔާނެއް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ.