މިނިސްޓްރީ އޮފް ޑިފެންސް ހިންގުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރި 10 ބުރީގެ ޑިފެންސް ބިލްޑިންގ ގައި ރައީސް އޮފީހުގެ ޕްރޮޕަގެންޑާ މަސައްކަތްތައް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަހަރުގެ މިނިވަން ދުވަހުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި އިހްތިފާލުތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މި އިމާރާތް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެގައުމުގެ ދެމެދުގައި ގަވައިދުން ކޮންމެ އަހަރަކު ބޭއްވެމުން އަންނަ ޑިފެންސް ޓޯކްސް ގެ ތެރެއިން ކުރެވުނު ގިނަ މަޝްވަރާ ތަކަކަށް ފަހު ހަމަ ޖެހިގެން ދިޔަ އެހީ ގެ ދަށުން އިމާރާތް ކުރެވުނު 10 ބުރީގެ މި އިމާރާތަކީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީ ހިންގަމުންދާ އިމާރަތަކީ ބާވެ އެކަމަށް އެކަށީގެންވާ އިމާރާތަކަށް ނުވުމުގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުހިންމު ޚިދުމަތްތައް އެކި އެކި ތަންތަނުގައި ހިނގަމުންދާތީ އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތް ދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ކުރިން ކޯސްޓްގާޑު އިމާރާތް ހުރި ތަނުގައި ބިނާކުރި މި އިމާރާތަކީ މިހާތަނަށް ޑިފެންސްގެ ދާއިރާގެ ހިންގުމުގެ ގާބިލުކަން ވަރުގަދަ ކުރަން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަސައްކަތް ކަމަށް އެނގިފައިވެއެއެވެ.
ޑިފެންސް މިނިސްޓްރީގެ ދާއިރާގެ ހިންގުން ވަރުގަދަ ކުރަން އިންޑިއާގެ ފުރިހަމަ އެހީ އާއެކު ބިނާ ކުރެވުނު ޑިފެންސް ބިލްޑިންގ ނުހުޅުވާ އުޅެނި ކޮށް އިމާރާތް ބިނާ ކުރި މަގްސަދާ ޚިލާފަށް އެތަނުގެ ބޭނުން މި ސަރުކާރުން ހިފަން ފަށައިފިއެވެ.
އެ ގޮތުން އިމާރާތުގެ 4 ބުރި ވަނީ ރައީސް އޮފީހުގެ ބޭނުމަށް ނަގާފައެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް އޮފީހަށް ނެގި ފްލޯ ތަކުގެ ތެރެއިން އެއް ފްލޯ ޚާއްސަ ކޮށްފައިވަނީ ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް ޕްރޮޕަގަންޑާ ހިންގުމުގެ މަސައްކަތަށެވެ.
އެ ފްލޯ ގައި ކުރުމަށް ހަމަ ޖެހިފައިވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލު އިސްވެ ހުންނަވާ ހިންގަވާ މަސައްކަތްތައް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް އޮފީހަށް ނަގާފައިވާ ފްލޯ ތަކުގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ހިންގަވާ ލޯކަލް ގަވަރންމަންޓް މިނިސްޓްރީ އަށް ވެެސް ޑިފެންސް ބިލްޑިންގ އިން ވަނީ ފްލޯ އެއް ދީފައެވެ.
ގާތްގަނަޑަކަށް 100 މިލިއަން ދިވެހި ރުފިޔާ ޚަރަދުވި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ރެއިންބޯ ކޮންސްޓްރަކްޝަން އާ ހަވާލު ކޮށްގެން ރައީސް ސޯލިހްގެ ސަރުކާރުންނެވެ.
ރެއިންބޯ އަށް ހަވާލު ކުރި މަސައްކަތުގެ ސްކޯޕުގައި އޮތީ ކުރިން ހުރި ކޯސްޓްގާޑް އިމާރާތް ތަޅާލުމާއި، ބިން ސާފު ކުރުމާއި، އައު އިމާރާތް އެޅުމުގެ މަސައްކަތެވެ.
ރައީސް ސާލިހް ގެ ސަރުކާރު ބަދަލުވި އިރު 10 ބުރީގެ މި އިމާރާތުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމި ކުރިއަށް ދަނީ ވައިރު ކުރުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެގައުމުގެ ގާތް ގުޅުމުގެ ތެރެއިން އިންޑިއާ އިން މި މަޝްރޫއަށް ދިން އެހީ އަކީ މުޅިން ހިލޭ އެހީއެވެ. މަޝްރޫއުގެ ހުރިހާ ކަމަކަށް އިންޑިއާ އިން ޚަރަދު ކުރާ ގޮތައް ހަމަޖެހިފައި އޮތް އިރު ޑިފެންސް ބިލްޑިންގ އަށް ފަރުނީޗަރާ ކޮމްޕިއުޓަރުފަދަ ތަކެތި ވެސް ހޯދައި ދިނުމަށް ހަމަ ޖެހިފައިވަނީ މަޝްރޫއުގެ ދަށުން އިންޑިއާ ގެ ޚަރަދުގައެވެ.