Advertisement
ކ. މާލެ
|
23 ޖުލައި 2025 | ބުދަ 17:19
އިންޑިއާގެ ނިއުދިއްލީގައި އޮކްޓޯބަރު 7، 2024 ގައި އޮތް ޖޮއިންޓް ސްޓޭޓްމަންޓް އަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުއިއްޒު
އިންޑިއާގެ ނިއުދިއްލީގައި އޮކްޓޯބަރު 7، 2024 ގައި އޮތް ޖޮއިންޓް ސްޓޭޓްމަންޓް އަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުއިއްޒު
ގެޓީއިމޭޖަސް
ދިވެހިރާއްޖެ-އިންޑިއާ ގުޅުން
ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖައްސައި ދިން 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ ހުސްކޮށްލައިފި: އިންޑިއާ
ރާއްޖެ އަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައި ގަތުމަށް އިންޑިއާ އިން ގެންދަނީ އެހީތެރިކަން ފޯރުކޮށް ދެމުން
30 ބިލިއަން އިންޑިއަން ރުޕީސްގެ ސްވޮޕްލައިން މިހާރު ދަނީ ބޭނުން ކުރަމުން
ދިވެހި ރާއްޖެ އޮތީ މާލީ ގޮތުން ދަތި ހާލުގައި

ދިވެހިރާއްޖެ ވަނީ މާލީ ގޮތުން ދަތި ހާލެއްގައި ކަމަށާއި، އިންޑިއާ އިން އެހީގެ ގޮތުގައި ހަމަ ޖައްސައިދިން 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ މުޅިން ހުސްކޮށްލައިފި ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒް (އެމްއީއޭ) އިން ބޭއްވި ނޫސް ކޮންފަރެންސެއް ގައި ވާހަކަ ދައްވަމުން ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައި ގަތުމަށް އިންޑިއާ އިން ގެންދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

"އަޅުގަނޑުމެން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ހާލަތު ވަނީ ރަނގަޅުވެފައެވެ. މިކަން ވަނީ އައިއެމްއެފް ފަދަ ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކުން ފާހަގަކޮށްފައެވެ."

މިސްރީ ވިދާޅުވި ގޮތުގައި އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި އިންޑިއާ އިން އެހީގެ ގޮތުގައި ކުރިން ފޯރުކޮށްދިން 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިޓީ ވަނީ ގާތްގަނޑަކަށް މުޅިން ބޭނުންކޮށް ހުސްވެފައެވެ. އަދި މިހާރު 30 ބިލިއަން އިންޑިއަން ރުޕީސް ގެ ސްވޮޕް ލައިން ގެންދަނީ ބޭނުން ކުރަމުންނެވެ.

"އިންޑިއާ އައުޓް" ޝިއާރުގެ ދަށުން ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ހިންގެވި ރައީސް މުއިއްޒުގެ ދައުވަތަކަށް ބޮޑު ވަޒީރު ދިވެހިރާއްޖެ އަށް ކުރައްވާ ދަތުރުފުޅު އޮންނާނީ ޖުލައި 25ން 26 އަށެވެ.

މުޢިއްޒު ވަނީ 2024 ގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އޭގެ ކުރިން މޯދީ ބޮޑު ވަޒީރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. ބޮޑުވަޒީރުގެ ދަތުރު ފުޅުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާ ދެ ގައުމަށް މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ބައެއް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙު ކުރައްވާނެއެވެ.

އިންޑިއާ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރީ ގެ ބައިވެރިންގެ ތެރެއިން އެއް ގައުމެވެ. ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 500 މިލިއަން ޑޮލަރާ ގާތްކުރެއެވެ.

"ދެ ޤައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި، އިންވެސްޓްމަންޓް މުޢާހަދާއެއްގެ މަޝްވަރާތައް ކުރިއަށްދެއެވެ. އިއާދަކުރަނިވި ހަކަތަ އާއި މަސްވެރިކަން ފަދަ އައު ދާއިރާތަކުގައި އެއްބާރުލުން ދިނުމުގެ ފުރުޞަތުތައް ވެސް ބަލަމުންދެއެވެ،" މިސްރީ ވިދާޅުވިއެވެ.

މިވަގުތު އިންޑިއާ ގެ އެހީގައި ކުރިއަށްދާ އެންމެ މުހިންމު މަޝްރޫޢަކީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަތަރު ރަށެއް ގުޅުވާލެވޭނެއެވެ.

"މީގެ އިތުރުން މަގުހެދުމާއި، ވައިގެ ބަނދަރު ތަރައްގީ ކުރުމާއި އަދި މަސް ޕްރޮސެސްކުރާ ޔުނިޓެއް ހެދުމުގެ މަޝްރޫޢުތައް ވެސް ކުރިއަށް ދެއެވެ. އަދި ދިވެހިރާއްޖޭގެ ބޭނުންވާ ކަންތައްތަކުން އިސްކަންދޭ ކަންކަމަށް ބިނާކޮށް، ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި އެހީތެރިވެދީގެން އަޅުގަނޑުމެން ވަނީ ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށްދީފަ އެވެ،" ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ބިލްޑިންގ ޕްރޮޖެކްޓްގެ މުހިންމު މަސައްކަތްތަކެއް ވަނީ ނިމިފައެވެ. އަދި ވަރަށް އަވަހަށް މި މަޝްރޫއު އިއުލާނު ކުރެވޭނެއެވެ.

ރައީސް މުޢިއްޒު 2024 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ހެދުނެވެ. މިގޮތުން 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީޒް ގެ ސްވޮޕް އެރޭންޖްމަންޓެއް ހެދުނެވެ. މީގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހިރާއްޖޭގެ ޓްރެޜަރީ ބިލްތަކަށް އިންވެސްޓް ކުރުން ކުރިއަށް ގެންދާ ކަމަށް މިސްރީ ވިދާޅުވިއެވެ.

- ކޮމެންޓް