އިންޑިއާ އާއި ދިވެހިރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް މުއާހަދާ އެއް އެކުލަވާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ފަދަ އައު ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރެވެމުންދާ ކަމަށް މިސްރީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިދިކޮޅު ގައި ހުންނަވައިގެން ހިންގެވި "އިންޑިއާ އައުޓް" ކެމްޕޭން އާއި އަދި ވެރިކަމަށް ވަޑައިގެން ފަހުން އިންޑިއާ އާ ދެކޮޅަށް ހިނގި ބައެއް ކަންކަމާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް، ރައީސް މުއިއްޒުގެ ސަރުކާރުގެ ރާގު ވަރަށް ބޮޑަށް ބަދަލު ކޮށް އިންޑިއާ އާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ ގޮތުން ރައީސް މުއިއްޒުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާއެވެ.
މިއީ ރައީސް މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މޯދީ ދިވެހިރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާގެ ޚާރިޖިއްޔާ އިން ހާމަ ކޮށްފައިވާ ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ޖުލައި 25 އިން 26 އަށް ބޮޑު ވަޒީރު މޯދީ ދަތުރުފުޅެއް ކުރައްވާނެއެވެ. މިއީ ބޮޑުވަޒީރު ދިވެހިރާއްޖެ އަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ، އަދި ރައީސް މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ދައުލަތެއްގެ އިސްވެރިއަކު ނުވަތަ ސަރުކާރެއްގެ އިސްވެރިއަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާ އާ އެކު ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރެވެމުން ދާއިރު، ރާއްޖެ އިން ވަނީ ޗައިނާ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައެވެ.
ޗައިނާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދިވެހިރާއްޖެ އިން ބޭރުގެ ޤައުމަކާ އެކު ވެފައިވާ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން ސަރުކާރުން އޭރު ބުނެފައި ވަނީ އެއްބަސްވުމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، ދިވެހި އުފެއްދުންތަކާއި ވިޔަފާރިތަކަށް އައު ބާޒާރުތަކުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން މުސްތަޤްބަލުގައި އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު އަމަލު ކުރަން ފެށި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓު ޑިއުޓީގެ އާމްދަނީ ދަށްވުން ނޫން އިތުރު ބަދަލެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.