މަހުޖަނު އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދަވާފައިވާކަން އިއުލާން ކޮށްފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު އޮތް އެެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގައި ވެސް މަސްކް ވަނީ ވަރަށް އިސްކޮށް މަސައްކަތް ކޮށްފަ އެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމާ ހަވާލުވުމަށް ފަހު، ސަރުކާރުގެ މުހިންމު މަސައްކަތެއް ވެސް މަސްކްއާ ހަވާލު ކުރި އެވެ.
ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ތައާރަފު ކޮށްފައިވާ ޚަރަދުގެ ބިލުގެ މައްސަލައިގައި ޓްރަމްޕް އަދި މަސްކްގެ ގުޅުން ގޯސްވީއިރު، މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުން ވެސް އިސްތިއުފާ ދީފަ އެވެ. ޓްރަމްޕްގެ ޚަރަދުގެ ބިލަށް މަސްކް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، ޓްރަމްޕް ވެސް ވަނީ މަސްކް އަށް ރައްދު ދީފަ އެވެ.
މަސްކް ވަނީ "އެމެރިކާ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާކަން އިއުލާން ކޮށްފަ އެވެ. އެގޮތުން އެކްސްގައި މަސްކް ބުނެފައި ވަނީ ދެބައި ކުޅަ އެއްބައި މީހުންގެ ޚިޔާލު ހުރީ ސިޔާސީ ޕާޓީއެއް އުފައްދަން ކަމަށެވެ.
މަސްކް ބުނެފައި ވަނީ ޤައުމު ބަނގުރޫޓުވުމާ ދިމާލަށް ދަތުރު ކުރަމުން ދާއިރު، އެމެރިކާގެ ރައްޔިތުން ތިބީ ޑިމޮކްރަސީގައި ނޫން ކަމަށާއި، އެ މީހުން ތިބީ އެއްް ޕާޓީގެ ނިޒާމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެމެރިކާ ރައްޔިތުންގެ ހަގީގީ މިނިވަންކަން އަލުން ހޯދައި ދިނުމަށް، އެމެރިކާ ޕާާޓީ އުފައްދާފައިވާ ކަމަށް މަސްކް ބުންޏެވެ.
އެކަމާ ގުޅިގެން ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި މިހާތަނަށް ތިން ވަނަ ޕާޓީ އަކަށް ކުރި ހޯދިފައި ނުވާ ކަމަށެވެ. އަދި ތިން ވަނަ ޕާޓީ އަކަށް ކާމިޔާބެއް ވެސް ހޯދިފައި ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި ތިން ވަނަ ޕާޓީ އަކަށް ކުރި ހޯދިފައި ނުވާއިރު، އެމެރިކާ ޕާޓީގެ ނަމުގައި މަސްކް ސިޔާާސީ ޕާޓީއެއް އުފައްދާފައިވާ ކަމަށް ވިދާޅުވެފައިވާތީ، އެކަމަށް ޓްރަމްޕް ވިދާޅުވީ "ޕާޓީ އުދައްދައިގެން އޭނާ އަށް މަޖާ ކުރެވިދާނެ" ކަމަަށެވެ.
މީގެ ކުރިން ޓްރަމްޕްގެ އެންމެ އަރިސް އަދި އެންމެ ވަފާތެރި މީހާގެ ގޮތުގައި ހުރި މަސްކް މިހާރު ބުނަމުން އަންނަނީ، އެ ބިލަށް ތާއީދު ކުރާ މެމްބަރުންނާ ދެކޮޅަށް ވެސް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމުގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުމުގައި ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ދެމުން އަންނަ ސަބްސިޑީތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. ގާތް ގުޅުމެއް އޮތް ދެ ރަޙުމަތްތެރިންގެ ދެ މެދުގައި މިހާރު ވަނީ ބޮޑު ހައިޖާނު ގަނޑެއް އުފެދިފަ އެވެ.
މިކަމުގެ ސަބަބުން މަސްކްގެ ޓެސްލާގެ ހިއްސާ އަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 488 އެމެރިކާ ޑޮލަރަށް ހިއްސާއެއްގެ އަގު އަރާފައިވާއިރު، މިހާރު އެ އަގު ހުރީ ހިއްސާއެއް 315.35 އެމެރިކާ ޑޮލަރުގައި ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް އައިއިރު 160 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމެރިކާގެ ސިޔާސީ މަސްރަހު ޑޮމިނޭޓު ކުރަމުން އަންނަނީ ރިޕަބްލިކަން ޕާޓީ އަދި ޑިމޮކްރަޓިކް ޕާޓީ އެވެ. އެހެންކަމުން އެ ދެ ޕާޓީގެ ވިދުން ކަނޑުވާލައި، އެހެން ޕާޓީ އަކަށް ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. ނަމަވެސް، މަސްކްގެ މުއްސަނދި ކަމާއި، އޭނާގެ މާލީ ބާރުވެރިކަމުން، މަސްކް އުފެއްދި ޕާޓީ އިން އަންނަ ބަދަލުތަކުން ފެނިދާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.