ކ. މާލެ
|
27 ޖޫން 2025 | ހުކުރު 08:24
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު (ވ), ޖޮއިންޓް ޗީފްސް އޮފް ސްޓާފް އެއާފޯސް ގެ ޗެއަރމަން ޖެނެރަލް ޑޭން ކޭން (ކ) އާއި އެކު ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - ޖޫން 26، 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު (ވ), ޖޮއިންޓް ޗީފްސް އޮފް ސްޓާފް އެއާފޯސް ގެ ޗެއަރމަން ޖެނެރަލް ޑޭން ކޭން (ކ) އާއި އެކު ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - ޖޫން 26، 2025
އޭއެފްޕީ
އިސްރާއީލް-އީރާން ހަނގުރާމަ
އެމެރިކާ އިން ހަމަލާ ދިނުމުގެ ކުރިން އީރާނުން ފައްކާ ކޮށްފައި ހުރި ޔޫރޭނިއަމް ސިއްރު ތަނަަކަށް ގެންދިޔަ ކަން އެމެރިކާ އަކަށް ނޭނގޭ
އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތް ވިދާޅުވަނީ މީޑިއާ އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާ އިން ދިން ހަމަލާތަކުގެ ކާމިޔާބީ ކުޑަކޮށް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް

އެމެރިކާ އިން ހަމަލާ ދިނުމުގެ ކުރިން އީރާނުން ފައްކާ ކޮށްފައި ހުރި ޔޫރޭނިއަމް ސިއްރު ތަނަަކަށް ގެންދިޔަ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް ބުރާސްފަތި ދުވަހު ވިދާޅުވީ، މިދިޔަ ހަފްތާގެ ފަހުކޮޅު އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ދިން ހަމަލާތަކުން ސަލާމަތް ކުރުމަށް އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން ތަނަކަށް ގެންގޮސްފައި ވާކަމުގެ އެއްވެސް އިންޓެލިޖެންސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑަށް ބެލުމުގެ ފުރުޞަތު ލިބުނު އެއްވެސް އިންޓެލިޖެންސް މަޢުލޫމާތެއްގައި އެއްޗެހި ހުންނަންޖެހޭ ތަނުގައި ނެތް ކަމަށް ނުވަތަ އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް ދައްކާފައެއް ނުވޭ،" ހެގްސެތް ވިދާޅުވިއެވެ.

ހަމަލާ ތަކަށްފަހު، ގިނަ މާހިރުންތަކެއް ހާމަ ކޮށްފައި ވަނީ އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ދިން ހަމަލާގެ ކުރިން އީރާނުން ފޯރްދޯ ސައިޓުން ހަތިޔާރު އުފެއްދޭވަރުގެ މިނަވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކްޕައިލެއް އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް ބެލޭ ކަމަށާއި، އެ ތަކެތި އިސްރާއީލަށާއި އެމެރިކާ އަށާއި އދ.ގެ ނިއުކްލިއަރ އިންސްޕެކްޓަރުންނަށް ނޭނގޭ ތަންތަނުގައި ފޮރުވާފައި ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި މެކްސަރ ޓެކްނޮލޮޖީސް އިން ނަގާފައިވާ ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި ބުރާސްފަތި އަދި ހުކުރު ދުވަހު ފޯރްދޯ ގައި "އާދަޔާ ޚިލާފު ހަރަކާތްތަކެއް" ހިނގާފައިވެއެވެ. އަދި އެ ސައިޓުގެ އެއް ދޮރާށި ކައިރީގައި އެއް ގަމު އުޅަނދުގެ ދިގު ލައިނެއް އޮތްތަން ފެނެއެވެ.

އީރާނުގެ އިސް މަސްދަރަކުން ރޮއިޓަރސް އަށް އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި ހަތިޔާރު އުފެއްދޭ މިންވަރަށް - 60 އިންސައްތަ އަށް މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ ބޮޑު ބައެއް އެމެރިކާގެ ހަމަލާގެ ކުރިން ސިއްރު ތަނަކަށް ގެންގޮސްފައިވެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މި ވާހަކަތައް ނޫސް ކޮންފަރެންސެއް ގައި ވަނީ ދޮގު ކުރައްވާފައެވެ.

ހެގްސެތް ވަނީ މީޑިއާ އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާ އިން ދިން ހަމަލާތަކުގެ ކާމިޔާބީ ކުޑަކޮށް ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ހެގްސެތް މިހެން ވިދާޅުވީ ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ފުރަތަމަ އެސެސްމަންޓް ލީކުވުމާ ގުޅިގެން އާންމުވި ޚަބަރުތަކާ ގުޅިގެންނެވެ.

އެމެރިކާ ސަރުކާރުގެ ޓޮޕް ސީކްރެޓް މި ޑޮކިއުމެންޓް ލީކުވެ، އަދި އެ ޑޮކިއުމެންޓާ ހަވާލާދީ ފެތުރުނު ޚަބަރުތަކާ ގުޅިގެން ހެގްސެތް ވިދާޅުވީ އެއީ އެހާ އިތުބާރު ބޮޑު ރިޕޯޓެއް ނޫން ކަމަށެވެ.

- ކޮމެންޓް