ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން އެކަން އަންގަން ފަށައިފިއެވެ.
މިނިސްޓްރީން ފޮނުވާ ލިޔުމުގައި އޮންނަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން "ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ފްލެޓް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކަށް އަންގާ އެންގުމުގެ" ގޮތުގައެވެ.
އެ ލިޔުމުގައި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި އެފަރާތެއް ހިމެނޭ ކަމަށާއި އެހެން ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތުން އެ ފަރާތެއް "ޝަރުތު ފުރިހަމަ ނުވާ ކަމުގައި؛" ދަންނަވާ ކަމަށެވެ.
އެއާއެކު ޝަރުތު ފުރިހަމަ ނުވާ ކަމަށް މިނިސްޓްރީން ނިންމި ސަބަބު ލިޔުމުގައި ހިމަނާފައިވެއެވެ.
މިނިސްޓްރީން ދޫކުރާ ލިޔުމާ މެދު ޝަކުވާ އެއް ވާނަމަ 5 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނެ ކަމަށް އެ ސަރުކާރުން ނެރެފައިވާ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އެ ގޮތުން އެ ލިސްޓުގައި 391 ދެމަފިރިންނާއި، ގޯތި ނުވަތަ ފްލެޓް އޮތް 302 މީހަކު ހިމެނޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު 305 މީހަކު ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން އާންމުކުރި ލިސްޓުގައި ދެމަފިރިން ހިމެނިފައިވާ ނަމަ ފްލެޓު ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ގޯތި ލިބިފައި ވާނަމަ އެ މީހަކަށް ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލަން އެއްބަސްވުމުން ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުން ތަކަށް ދަރުބާރުގޭގައި ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ "ކުރީ ސަރުކާރުން އުސޫލުތައް އިއުލާނު ކުރައްވާފައި އޮތް އިރު އަނބިމީހާ އަށް ގޯއްޗެއް، ފިރިމީހާ އަށް ގޯއްޗެއް އޮވެގެން [ފްލެޓް] ނުލިބޭނެ ގޮތަކަށް ނޯންނާނެ؛" ކަމަށެވެ.
ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓުން މި ސަރުކާރަށް ފެންނަ "ޝަރުތު ހަމަނުވާ" މީހުން ލިސްޓުން އުނި ކުރުމަށް ފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދޭން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމިކަން އިއުލާނު ކުރީ މެއި މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ، ފައިނަލް ލިސްޓުގެ ގޮތުގައި އަލުން އައު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނޮވެމްބަރު 15، 2023 ގައި ކުރީ ސަރުކާރުން އާންމުކުރި ލިސްޓުން އެއްވެސް މީހަކު އުނި ކުރާނީ އެޕީލް ކުރުމުގެ ފުރުސަތު ދީ، ކޯޓަށް ދާނަމަ އެ މަރުހަލާ ނިންމާ ފުލެޓު ނުލިބޭނެކަން ޔަގީން ވުމުން ކަމަށް ވެސް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.