ދަނޑުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުނި އެގްރޯނެޓް ގައި 3 ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) އިން ތިއްބަވާއިރު އެބޭފުޅުން ކުރައްވާނެ މަސައްކަތެއް ނެތް ކަމަށާއި އޭގެ ތެރެއިން ދެ ބޭފުޅަކު އެއް ގޮތަކަށް ވެސް އޮފީހަށް ވަޑައިނުގަންނަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
"މެނޭޖިންގ ޑިރެކްޓަރު ހުސެއިން ދީދީ އަންގަވާފައި އޮންނަ ކަމަށް ވަނީ އޮފީހަށް ވަޑައިގަންނަވާކަށް ނުޖެހޭނޭ، ވަޑައިގަތަސް އެބޭފުޅުންނަށް ތިއްބޭވޭނެ އިންތިޒާމެއް ވެސް ހަމަ ޖެހިފައެއް ނޫން އޮންނަނީ،" މިކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކަށް މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ތިރީސް ފަސް ހާސް ރުފިޔާ މަހު މުސާރަ ލިބޭ ގޮތައް އެގްރޯ ނެޓް އަށް ސަރުކާރުން އައްޔަން ކުރައްވާފައިވާ ތިން ޑީއެމްޑީ އިން ނަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުރައްހީމް އަބްދުﷲ ގެ އާއިލީ ބޭފުޅެއް ކަމަށްވާ ލ. ފޮނަދޫ ބަނަފްސާގެ އަބްދުލް ހަސީބު އިބްރާހީމް އާއި، ގދ. ފަރެސް މާތޮޑާ ޝޭޑީ ހައުސް، އަހުމަދު އައިމަން އާއި، ކުރީގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އެވެ.
މި ތިން ބޭފުޅުންނަށް މަހެއްގެ މައްޗަށް ޖުމްލަ 105،000ރ ރައްޔިތުންގެ ފައިސާ އިން ހޭދަ ވާއިރު އަދާކުރާނެ އެއްވެސް ޒިންމާއެއް ނެތް ކަމަށް އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.
އަދި އެބޭފުޅުން ކޮންމެހެން އޮފީހަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ހުސެއިން ދީދީ އަންގަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
"ތިން ޑީއެމްޑީ އިންގެ ތެރެއިން ހަސީބު ވަޑައިގަންނަވާ އޮފީހަށް، އެހެން ނަމަވެސް އޭނާ ވެސް ކުރައްވާނެ ކަމެއް ނޯވޭ، އަނެއް 2 ޑީއެމްޑީން އެއްގޮތަކަށް ވެސް ވަޑައިގަންނަވާ ތަނެއް ނުފެނޭ،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ކުރީ ސަރުކާރު ނިމުނު އިރު ދަނޑުވެރިކަން ކުރި އެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އެގްރޯ ނެޓްގެ ޚިދުމަތްތައް ދެމެން ދިޔަ ނަމަވެސް މިހާރު އެ ކުންފުންޏަކީ އެއްވެސް ކަމެއް ނުހިނގާ ހަމަ އެކަނި މުސާރަ ނަގައިގެން ބަޔަކު ތިބޭ ތަނެއް ކަމަށް މައުލޫމާތު ލިބިއެވެ.
އެގްރޯނެޓަށް 3 ވަނަ ޑީއެމްޑީ އަކު އައްޔަނު ކުރެއްވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މިގަމާށް އެމްޑީޕީ ދޫކޮށް ރައީސް މުއިއްޒުގެ ޕީއެންސީ އާ ގުޅިވަޑައިގެންނެވި ކުރީގެ ކުރެންދޫ ދާއިރާގެ މެމްބަރު ޣަނީ އައްޔަނު ކުރެއްވި އިރުވެސް، އެތަނުގައި ތިއްބެވި އަނެއް 2 ޑީއެމްޑީ އިން ނަށް ކުރައްވާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޣަނީ އަށް މަގާމު ދެއްވުމުން، ތިން ޑީއެމްޑީ އިންނާއި ޖެނެރަލް މެނޭޖަރާއި ސީނިއަރ މެނޭޖްމަންޓާއެކު އެމްޑީ ހުސެއިން ދީދީ ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އެމްޑީ ވިދާޅުވި ކަމަށް ވަނީ، ޑީއެމްޑީ ކަމަށް ސަރުކާރުން ބޭފުޅުން މަގާމަށް ހަމަޖެއްސެވި ކަމުގައި ވިޔަސް އެ ބޭފުޅުން ކުރައްވާނެ މަސައްކަތެއް ކުންފުނީގައި ނޯންނާނެ ކަމަށެވެ. އަދި ޖާގައިގެ ދަތިކަން ހުރި ގޮތުން އެބޭފުޅުން އިށީންނަވާނެ ތަނެއްވެސް ނެތަ ކަމަށެވެ.
ޑީއެމްޑީ އިންގެ އިތުރުންވެސް ކުންފުންޏަށް އެތައް މުވައްޒަފަކު މި ސަރުކާރުން ވަނީ ނަގާފައެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ނަމަވެސް ކުންފުނީގައި އެއްވެސް މަސައްކަތެއް ނުހިންގާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގްރޯނެޓް ވަރުގަދަ ކޮށް އެސްޓީއޯ އާ އެކު އުފައްދާފައިވާ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ ދަށަށް އެގްރޯނެޓް ބަދަލު ކޮށް އެގްރޯނެޓްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ޖެނުއަރީ މަހު ރައީސް މުއިއްޒު އިއުލާނު ކުރެއްވި ނަމަވެސް ކުންފުންޏަށް މުވައްޒަފުން އިތުރު ކުރުން ފިޔަވާ އެހެން އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.