Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ަމަގޭ ރިޕޯޓް

ކޯފާވެގެން ރައްޔިތުންނަށް ބެވިޔަސް ސިފައިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނު!

މިހާލުގައި ތިބެގެން، މިހާ ނިކަމެތި ހާލުގައި ތިބެގެން މަނިކުފާނު މިސައިލްއެކޭ ބުނާ އިރަށް ރައްޔިތުން ނިކުމެ ފަޙްރުވެރިވަމޭ ގޮވާ މަނިކުފާނަށް ތަރުހީބުދީ ޝުކުރު ދަންނަވާ ކުރުނީސްކޮށް މާފަތި އަޅުވައި އުޅޭނެ ކަމަށް ހީފުޅުވުމަކީ މަނިކުފާނުގެ މައްސަލައެއް ނޫންތޯ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2025 | އަންގާރަ 14:44
ރައީސް ޑޜ. މުހައްމަދު މުއިއްޒު

ރައީސް ޑޜ. މުހައްމަދު މުއިއްޒު

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލުޖުމްހޫރިއްޔާ ބައިވެރިވެޑައިގެން ދެއްވި ތަގްރީރް އަޑު އެހި ކޮންމެ މީހަކު ސަހަރޯއޭ ހިތަށް އަރާނެ ކަމާއި މެދު ޝައްކެތް ނެތެއެވެ. ރައީސްގެ ބަހުރުވަ ހުރި ގޮތުންނެއެވެ. ކޯފާވެފައި ހުރިލެއް ބޮޑު ކަމުންނެއެވެ. ކަރުން ނެންގެވި ނާރުތަކުގެ ގިނަ ކަމުންނެއެވެ. އަޑުފުޅުގެ ގަދަކަމުންނެއެވެ. އެއަށްވުރެ ބޮޑަށް ހައިރާންވާންޖެހެނީ ރައީސް ކޯފާވެ ހުންނަވައިގެން އެއްޗެހި ވިދާޅުވަމުން ގެންދެވީ ދިވެހި ރައްޔިތުންނަށް ކަމަށްވާތީ އެވެ.

އާއްމުކޮށް މިޒާތުގެ ތަޤްރީރްތައް އަޑުއިވެނީ ހަނގުރާމަތަކުގެ ތެރޭގައެވެ. ނުވަތަ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި ގައުމެއް އޮންނަ ހާލަތުގައެވެ. މިފަދަ ހާލަތްތަކުގައިވެސް ގައުމެއްގެ ވެރިއަކަށް ހުންނަ މީހަކު ހަރުކަށި ކަމާއި، ރުޅިވެރިކަމާއި އެކު ގޮން ޖައްސަވާ އެއްޗެހި ވިދާޅުވެ އުޅެނީ އެގައުމަކަށް ނުރައްކާ އޮތް އަނެއް ގައުމުގެ ލީޑަރުންނަށެވެ. އެފަދަ ހާލަތެއްގައިވެސް އެފަދަ ގައުމެއްގެ ވެރިއަކުވެސް އެގައުމެއްގެ ރައްޔިތުންނަށް ކުރުދޮށިންދީ ރަތްމަހަށް ނުގޮވާ އެއްޗެހި ގޮވައެއް ނޫޅުއްވައެވެ. އެކަމަކު ރައީސް މުއިއްޒުގެ ތަގްރީރް މިފެނުނީ މުޅިން ތަފާތުކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަގްރީރް އަޑު އިވުމުން ފުރަތަމަ ހީވީ ރައީސް މިއުޅުއްވަނީ ކްރިސްޓޮފަރ ކޮލަމްބަސްއަށް އެމެރިކާ ހޯދިގެން އުޅުނުހެން މުޅިން އައު ގައުމެއް ހޯދިގެން އުޅުއްވާހެނެއެވެ. ދުވަހަކު އަސްކަރިއްޔާއެއް ނެތް މުޅިން އައު ގައުމެއްގެ ވެރިއަކަށް ވަޑައިގެންނެވިގެން އުޅުއްވާހެންނެ އެވެ. ސިފައިންނަށް 133 އަހަރުވެގެން ބޭއްވި ރަސްމިއްޔާތެއްގައި ހުންނަވައިގެން އެއްގަމު ސިފައިން އުފައްދަވާ ވާހަކައާއި ކަނޑުގެ ސިފައިން އުފައްދަވާ ވާހަކައާއި، ވައިގެ ސިފައިން އުފައްދަވާ ވާހަކަ ދެއްކެވިއިރު، އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެތިބީ ދެން ކޮންބައެއް ހެއްޔެއެވެ. ފަހުގެ ތާރީހުގައި މިގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއަކުން މިގައުމު ސަލާމަތްކުރަން ހަނގުރާމަކުރީ ކޮން ބައެއް ހެއްޔެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތަކުން މީހުން ސަލާމަތްކުރުމުގައި ހުދު ޔުނިފޯމެއްގައި އެއުޅެނީ ކޮންބައެއް ހެއްޔެއެވެ. ރަށްރަށުން އިމަޖެންސީ ހާލަތްތަކުގައި މީހުން މަތިން އުފުލުމުގައި ހަރަކާތްތެރި އެވަނީ ކޮންބައެއް ހެއްޔެއެވެ. ބަޔަކު އަންތަރީސްވެދާނެ ނޫންތޯއެވެ.

ގައުމީ ދިފާއީ ބާރުގައި ހުރި އުޅަނދުތަކާއި އަސްކަރީ އާލާތްތަކުގައި ދަބަރު ޖަހައި ހަލާލުވެފައި ހުރި ވާހަކަ ދެއްކެވި އިރު، ރައީސް ދަތުރުކުރައްވަން ބޭނުންކުރައްވާ ޕްރެޒިޓެންޝަލް ފްލީޓްގައި ބޭނުންކުރައްވަނީ ކޮން ސަރުކާރަކުން ގެނައި ކޮން އުޅަނދުތަކެއް ހެއްޔެއެވެ. ނޭވާއަކު ދެކޮޅު ރައީސްއާއި އަނބިކަނބަލުންނާއި ބޭފުޅުން އާރަށަށް ޕިކްނިކް ވަޑައިގަންނަވަން، ރާޅު ކަފާފައި ތިޔަ ދަތުރުކުރައްވަނީ ދަބަރުޖަހައި ހަލާކުވެފައި ހުރި ބާ އުޅަނދުތަކެއްގައި ހެއްޔެއެވެ.

ބަޖެޓްނެތް ކަމަށް ވިދާޅުވެ ސިފައިންނަށް ކުރަންޖެހޭ އެތައް ހަރަދެއް ކުޑަކޮށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސިފައިންނާއި ސިފައިންގެ ތަމްރީންތަކާއި އާލާތްތަކަށް އެއްވެސް ކުރިއެރުމެއް ގެނެސްނުދެއްވާ ހުންނެވުމަށްފަހު، ގޮތް ނޭނގޭ ގޮތަށް ހައެއްކަ ޓޭންކަރު ގެންނަވައިގެން ގައުމިއްޔަތޭ ސިފައިންނޭ މިނިވަންކަމޭ ވިދާޅުވެ އަޑުގެ ނެތްތަނަށް ހަޅޭފުޅު ލެއްވުމަކުން ހަގީގަތް ބަދަލެއް ނުވާނެ ނޫންތޯ އެވެ. މިއަދުގެ ސިފައިންނަކީ ތިޔަ ދައްކަވާ ވާހަކަފުޅުތަކުގެ ހަގީގަތާއި ކަންއޮތް ގޮތް، ނޭނގޭ ވަރުގެ ތަންދޮރު އޮޅުން ނުފިލާ ބައެއް ކަމަށް ރައީސްއަށް ހީފުޅުވާނަމަ، އެއީ ވަރަށް ބޮޑު ކުށް ހީއެއް ނޫންތޯއެވެ. މިކަމުގެ ސާފު ހެއްކަކީ ރައީސް ޖަޒްބާތުގައި ޖެހިވަޑައިގެން ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، ކުރިފުޅުމަތީގައި ތިބި ސިފައިންގެ މޫނު މަތިން ފެންނަމުންދިޔަ މާޔޫސްކަމާއި ނުތަނަވަސްކަން ނޫންތޯއެވެ. އެކަކު އަނެކަކު ކަންފަތް ދޮށުގައި ދައްކަމުން ދިޔަ ސިއްރު ވާހަކަތައް ނޫންތޯއެވެ. ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން ރައީސްއަށް ކުރަންޖެހޭ ގަދަރާއި އިޚްތިރާމް ސިފައިން ރައީސްއަށް ކުރަމުންދިޔަ ނަމަވެސް އަތޮޅުތެރޭގެ ސިފައިންގެ މަރުކަޒުތަކުގެ ބަންކު ބެޑް ޖަހާފައި ހުންނަ ބެރެކްސްތަކުގެ ހާލަތު އެންމެ ރަނގަޅަށް އިނގޭނީވެސް ހަމަ އެސިފައިންނަށް ނޫންތޯއެވެ. ސިފައިންގެ މީހާއަށް އަންނަންޖެހޭ ކުރިއެރުން ނުގެނެސް ގެނެސްދޭ މިސައިލަކުން އެމީހުން އުފަލެއް ނުވާނެ ނޫންތޯއެވެ.

ދެން އޮތީ ރައީސް ދިވެހި ރައްޔިތުންނަށް ގޮވި އެއްޗެހީގެ ވާހަކައެވެ. ސިފައިންނަށް ލިބުނު އަސްކަރީ އުޅަނދުތަކެއްގެ ކަންތަކުގައި ފާޑުކިޔާ މީހުންނަކީ ދިވެހިންތޯއާއި ގައުމެއް ލޯތްބެއް އޮތް ބައެއްތޯއާއި ވިދާޅުވެ، ހަރުއަޑުފުޅުން އެއްޗެހި ވިދާޅުވެ، ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ބައެއް ކަމަށާއި އަމިއްލަ އެދުން ބޮޑު ބައެއް ކަމަށާއި ސިޔާސީ ކަންކަމަށް ގޮސް ހުސްވެފައިތިބި ބައެއް ކަމަށް ވިދާޅުވެ ހުތުރުކޮށް ވާހަކަދެއްކެވިއިރު، އެވާހަކަ ރައްދުވި ގިނަ ރައްޔިތުން ރައީސް އަށް ދަންނަވަނީ އެންމެ ވާހަކައެކެވެ.

ރައީސްއެވެ. ތުރުކީން ބާވެގެން ދޫކޮށްލި މަނަވަރެއް ގެންނެވުމަކުން އެތައް ސަތޭކަ މިލިއަނެއް ހަރަދުކުރައްވައިގެން އެމަނަވަރުގައި ބަހައްޓާނެ މިސައިލް ބައްލަވައިގަތުމަކުން އިޒްރޭލްގެ ކުންފުންޏެއް މެދުވެރިކުރައްވާ ޓޭންކަރުތަކެއް ގެންނެވުމަކުން އަޅުގަނޑުމެން ފަޙްރުވެރިއެއް ނުވެއެވެ. ސަބަބަކީ ބޭސް ސިޓީއަށް ބޭސް ނުލިބިގެން ހިނގާ ހިނގާ ދެފައިކޮޅު ވެއްޓިއްޖެއެވެ. އާސަންދަ ނުލިބިގެން ގެއާއި އާސަންދަ އޮފީހާއި ދެމެދު ދެމިދެމި ގޮއްވަޅު ބޮޑުވެއްޖެއެވެ. ތަކެތީގެ އަގު ބޮޑުވެ ކަރަންޓް ބިލް ބޮޑުވެ، ހަރަދުތައް ފޫނުބެދި ތެޅި ތެޅި ޕްރެޝަރު މަތިވެއްޖެއެވެ. ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފާއިސާ ނުދީގެން ކުންފުނިތައް ބަނގުރޫޓްވެ އެކުންފުނިތަކުގައި އުޅޭ މީހުންގެ އާއިލާތައް ހާލުގައި ޖެހި ބިކަ ވެއްޖެއެވެ. މިނޫންވެސް ކިތަންމެ ކަމެކެވެ.

ރައީސްއެވެ. މިހާލުގައި ތިބެގެން، މިހާ ނިކަމެތި ހާލުގައި ތިބެގެން މަނިކުފާނު މިސައިލްއެކޭ ބުނާ އިރަށް ރައްޔިތުން ނިކުމެ ފަޙްރުވެރިވަމޭ ގޮވާ މަނިކުފާނަށް ތަރުހީބުދީ ޝުކުރު ދަންނަވާ ކުރުނީސްކޮށް މާފަތި އަޅުވައި އުޅޭނެ ކަމަށް ހީފުޅުވުމަކީ މަނިކުފާނުގެ މައްސަލައެއް ނޫންތޯއެވެ.

ޤަބޫލުފުޅުރައްވާށެއެވެ. އަޅުގަނޑުމެންނަކީ ދިވެހިންނެއެވެ. ގައުމު ދެކެ ލޯބިވާ އަޅުގަނޑުމެންގެ ހަށިގަނޑުގައިވެސް ގައުމިއްޔަތުގެ ލޭ ހިނގާ ފަޚްރުވެރި މައް ދިވެހީންނެއެވެ. އެކަމަކު މަނިކުފާނު ތިޔަ ވިދާޅުވާ ގައުމިއްޔަތެއް އަޅުގަނޑުމެން ނުދަންނަމައެވެ. ގައުމިއްޔަތަކީ ބާ މަނަވަރަކާއި ސާރފޭސްޓް އެއަރ މިސައިލްއެއް ނަމަ ތިޔަ ޖައްސަވާހާ ބެރަކަށް ނަށާކަށް އަޅުގަނޑުމެން ނެތީމެއެވެ. ދިވެހި މުހާވަރާއެއްގައި އޮވެއެވެ. ހިނާނެ ފެން ހޯދާނީ ގޯނިފެން ހޯދައިގެންނެއެވެ. މަނަވަރާއި މިސައިލްގެ ކުރިން ކާނެ ބޭސްކޮޅު ހޯއްދައިވައިދެއްވާށެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

04 ޖުލައި 2018
ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު