އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް މާލޭގެ މަގުމަތުކައި ކުރަމުން ގެންދިއަ އިހުތިޖާޖުތަކާއި ގުޅިގެން ހަމަ ކޮންމެ ރެއަކުހެން މީހަކަށް ޗިޓު ފޮނުވައި، ފުލުހަށް ހާޒިރު ކޮށްގެން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެކަމުން ހާސިލް ކުރެވުނު ހަމައެއް ވެސް ކަމެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަލް ލަތީފު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕުރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ކުރަމުން ގެންދިއަ ސިލްސިލާ މުޒާހަރާތައް މެދު ކަނޑާލީ ރައީސް މުއިއްޒުގެ މި ސަރުކާރުން ބިރުދެއްކުމުން ފަހަތައް ޖެހިގެން ނޫން ކަމަށާއި މުޒާހަރާތައް މެދު ކަނޑާލީ ސީދާ އެމްޑީޕީން ބޭނުން ވެގެން ކަމަށެވެ.
މި މުޒާހަރާތަކާއި ގުޅިގެން ޗިޓު ފޮނުވައިގެން ކޮންމެ ރެއަކު މީހަކު ފުލުހަށް ހާޒިރުކޮށް ތަހުގީގުތަކެއް ހިންގަމުން ގެންދާ މަންޒަރު އެބަ ފެންނަކަމަށާއި ނަމަވެސް މިކަމުން ރައީސް މުއިއްޒަށް ހާސިލްވި ހަމަ އެއްވެސް ކަމެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް މުއިއްޒަށް މުޒާހަރާގެ ބައިވެރިން ފުލުހަށް ހާޒިރުކޮށްގެން ހާސިލް ކުރެވުނު ކަމަކަށް އޮންނާނީ އެމްޑީޕީ މެމްބަރުން ބިރުގަނެގެން މުޒާހަރާތަކަށް ނުކުންނަން ފަސްޖެހުން ނުވަތަ މުޒާހަރާތައް ހުއްޓާލުން ކަމުގައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަށް އެކަމެއް ހާސިލް ނުވި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މުޒާހަރާގެ ބައިވެރިން ފުލުހަށް ހާޒިރުކޮށް، ބިރުދައްކަން މަސައްކަތް ކުރި ނަމަވެސް ފެނިގެން ދިއައީ އެ މަންޒަރު ނޫން ކަމަށާއި ފެނިގެން ދިއައީ ސަރުކާރުން ދެއްކި ބިރާއި އެކުވެސް އިތުރަށް މުޒާހަރާތައް ވަރުގަދަ ވެގެން ދިއަ މަންޒަރުކަމަށެވެ.
އަބަދުވެސް މިކަހަލަ ކަންކަން ފެށިގެން އަންނައިރުގައި، މިއީ ހާހުން މީޙުން އެއްވެެގެން ހިނގާ ކަންކަމެއް ނޫން. އެހެން ނަމަވެސް ފެށޭއިރު، ކޮންމެ ގައުމެއްގައި މިކަހަލަ ކަންތައް ކުރިއަށް ދިއަ ނަމަވެސް، ހަރަކާތްތައް ފެށިގެން އަންނަނީ މިގޮތަށް. އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން އެއީ އެތަނަށް ދާ މީހުންގެ އަދަދު މަދުވެގެންނެއް. މީހުން މަދޭ، ބައެއް މީހުން އެހެން ބުނެއުޅޭ. ކަންބޮޑުވުން ނެތީއެއް ނޫން. ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. އެހެން ނަމަވެސް މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރާ މީޙުންގެ އަދަދަދަކީ ކޮންމެހެން މުހިންމު އެއްޗެއްނޫން
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް![]()
ހަސަން ލަތީފު ވިދާޅުވީ ރައީސް މުއިއްޒަށް ލިބިފައި އޮތް ބާރުތަކުގެ ބޭނުން ކޮށްގެން ނަމަވެސް މުޒާހަރާކުރުން ހުއްޓުވުމަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި އެކަން އެމަނިކުފާނަށް ހާސިލް ނުކުރެވުނު ކަމަށެވެ.
ހަސަލް ލަތީފު ވިދާޅުވީ މިއަދު މި ގައުމުން ފެނިގެން މިދަނީ ދައުލަތެއް އެއްކޮށް ފުނޑުފުނޑު ކޮށްލާ މަންޒަރުކަމަށާއި މިކަން މި ކުރައްވަނީ ރައީސް މުއިއްޒު ގިނިކަންޏާ ހުންނަވައިގެން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ މުއައްސަސާތަކެއް ވެއް ފެއިންކޮށްލައްވަމުން ގެންދަވާ ކަމަށާއި އެމްޑީޕީ މުޒާހަރާގެ ތެރެއިން ބައިވެރިން ފުލުހަށް ހާޒިރުކޮށް ބިރުދެއްކުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ކޮށް 19 މާރޗް ވަނަ ދުވަހު މުޒާހަރާތައް މެދުކަނޑާލީ، 14 ރޭ މެދު ނުކެނޑި ކުރި ފޯރިގަދަ މުޒާހަރާތަކަށް ފަހުގައެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމް.ޑީ.ޕީގެ ފަރާތުން މާލޭގައި ކުރިއަށް ގެންދިއަ ސިލްސިލާ މުޒާހަރާތައް ވެގެން ދިޔައީ ސަރުކާރު ކައްކުވާލި މުޒަހަރާތަކަށެވެ. އެ ހިސާބުން ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ޖެހުން ފަދަ އެތައް ކަމެއް މި މުޒާހަރާތަކުން ފެނުނެވެ.
އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެތައް ބަޔަކަށް ވަނީ ފުލުހަށް ހާޒިރު ވުމަށް ޗިޓު ފޮނުވައި ފުލުހަށް ހާޒިރުކޮށް ފައެވެ. އެގޮތުން އެމްޑީޕީގެ މުޒާހަރާތަކުގައި ހަރަކާތްތެރިވި 13 މީހަކު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.