ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 18:25
ޕީއެންސީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދައްކަވަނީ
ޕީއެންސީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ެމެމްބަރުންނަށް ނުފޫޒު ފޯރުވުން
ރައީސް މުއިއްޒު ގެންދަވަނީ މެމްބަރުންގެ ވޯޓަށް ސީދާ ނުފޫޒު ފޯރުއްވަމުން
ޕާޓީން ނެރޭ ވިޕް ލައިންއާ އެއް ގޮތައް އަމަލު ކުރަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި
ވިފް ލައިން އާ ޚިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީ ގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވި
ސުޕްރީމު ކޯޓުގައި ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ސުޕްރީމު ކޯޓުގެ ބެންޗު ބަދަލު ކުރަން ނުގަބޫލު މެމްބަރުން ޕީއެންސީ ގައި އެބަ ތިއްބެވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސީދާ ނުފޫޒު ފޯރުއްވަމުން ކަމަށް ވެރިކަން ކުރާ ޕާޓީގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް މި ނޫހާ ވާހަކަ ދެއްކެވި އެ މެމްބަރު ވިދާޅުވީ، އަންގާރަ ދުވަހުގެ ވޯޓާ ގުޅިގެން މުއިއްޒު ވަނީ ވިޕް ލައިން އާ ޚިލާފު ނުވުމަށް އަންގަވާފައި ކަމަށެވެ.

ޕާޓީން ތްރީ ލައިން އެއް ކަނޑައެޅީމާ އެއާ ޚިލާފު ނުވެވޭނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

މުުއިއްޒު މިހެން ވިދާޅުވި އިރު ދިވެހި ދައުލަތް އެކުލެވިގެންވަނީ ވަކިވެފައިވާ 3 ބާރުގެ މައްޗަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ތަކުގެ ތެރޭގައި ސަރުކާރަށް ފާރަވެރިވެރި ވުމުގެ މަސްއޫލިއްޔަތު މަތި ކުރެވިފައިވާ ވާ ކަމަށް ގާނޫނު އަސާސީ ގައި ވަނީ ކަނޑައަޅާފައެވެ.

އަދި ރަައްތިތުންގެ މަޖިލީހުގެ މެމްބަރަކު ވޯޓު ލާ ގޮތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ގާނޫނީ ގޮތުން މަނާ ކޮށްފައިވާ ކަމެކެވެ.

"ޕާޓީ އަކީ ރައީސް މުއިއްޒު، މުއިއްޒު އަންގަވާ ގޮތަކަށް ވިޕް ލައިން ނުކުންނަނީ، ވިޕް ލައިންއާ ޚިލާފު ނުވެވޭނެ ކަމަށް ވެސް ރައީސް އަންގަވަނީ؛" އެ މެމްބަރު ވިދާޅުވިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންގާރަ ދުވަހު މަޖިލީހުގައި ނެގި ދެ ވޯޓުގައި ޕީއެންސީ އިން ތްރީ ލައިން ވިޕު ނެރެފައިވަނިކޮށް ވިޕް ލައިންއާ އެއް ގޮތައް ބައެއް މެމްބަރުން އަމަލު ކޮށްފައެއް ނުވެއެވެ.

އަންގާރަ ދުވަހު ވޯޓަށް އެހީ، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އާއި ސްޕްރީމު ކޯޓުގެ ބެންޗުން ދެ މެމްބަރުން މަދު ކުރުމަށް ހުށަހަޅާފައި ވާ ބިލު މަޖިލިހުން ބަލައި ގަތުމާ މެދު ގޮތެއް ނިންމުމާ ބެހޭ ގޮތުންނެވެ.

މި ދެ މައްސަލަ ވެސް ވަނީ ޕީއެންސީ އިން ބޭނުންވި ގޮތައް ފާސްވެފައި ނަމަވެސް، ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެމްބަރުން މި ދެ މައްސަލައިގައި ވެސް ސަރުކާރުގެ ޕޮސިޝަނާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ.

"ކޯޓު ތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހުށަހެޅީ މެމްބަރުންނަށް ވާނުވާ ވެސް އެނގުމެއް ނެތި، ޕީއެންސީގެ މެމްބަރަކު އަމިއްލަ ގޮތުން ހުށަހެޅި ބިލެއްގެ ގޮތުގައި ބިލު ހުށަހެޅީ، އެހެންވެ ގިނަ މެމްބަރުންނަކަށް ނުވެސް އެނގޭ ބިލެއް އަންނަ ކަމެއްވެސް؛" މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމު ކޯޓުގައި ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ސުޕްރީމު ކޯޓުގެ ބެންޗު ބަދަލު ކުރަން ނުގަބޫލު މެމްބަރުން ޕީއެންސީ ގައި އެބަތިއްބެވިއެވެ.

އަންގާރަ ދުވަހުގެ ވޯޓުގެ ކަންތައް ހިނގައިޔަ ގޮތާ ބެހޭ ގޮތުން، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕް ގެ ލީޑަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ، އަންގާރަ ދުވަހުގެ ވޯޓުގައި ޕީއެންސީ ގެ 11 މެމްބަރުން ބައިވެރި ނުވި ކަމަށް މީޑިއާގައި ފެތުރިފައިވާ ވާހަކަ އަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި އޭގެ ތެރެއިން 9 މެމްބަރުން އުޅުއްވަނީ، ޕާޓީގެ ދަތުރުތަކުގައި ރަށުން ބޭރުގައި ކަމަށެވެ.

ފަލާހް ވަނީ މަޖިލިހަށް ހާޒިރުވެ ވިޕްލައިން އާ އެއްގޮތައް ޕީ އެންސީގެ 2 މެމްބަރުން ވޯޓު ނުދޭ ކަމަށް ވިދާޅުވެފައެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިޕް ލައިން އާ ޚިލާފަށް އަންގާރަ ދުވަހުގެ ވޯޓުގައި ބައިވެރި ނުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް