ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކި ކުރުމުން މެމްބަރުކަން ގެއްލޭ ގޮޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލު ކުުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ހިނގަމުންދަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލު ކުރަން މަޖިލިހަށް ކުއްލި ގޮތަކަށް ބިލެއް ހުށަހަޅައިފި އެވެ.
ބިލުގައި ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު، އުއްތަމަ ފަނޑިޔާރާ އެކު ޖުމްލަ 5 ފަނޑިޔާރުން ކަމަށް ކަނޑައަޅަން ހުށަހަޅާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ޖަލްސާ އަށް މި ބިލު އެޖެންޑާ ކުރި އިރު، ބިލު މަޖިލިހަށް ހުށަހަޅާފައިވަނީ 23 ފެބްރުއަރީ 2025 ވީ އާދިއްތަ ދުވަހުއެވެ.
ބިލު މިހާ އަވަސް ގޮތަކަށް އެޖެންޑާގައި ހިމެނި އިރު، ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވީ އާދިއްތަ ދުވަހުގެ ރޭ 8:30 އަށް ވުރެ ލަސްވި ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރު ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބޭނުމެއް ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާން ކުރެވިފައިވާ ފަދައިން ގާނޫނުއަސާސީ އަކީ ވަރަށް ފޮނި އުއްމީދަކާއެކު ދިވެހިން ލިބިގެން ގާނޫނު އަސާސީ އަކަށް ވާއިރު، ގާނޫނުއަސާސީ އިން ދިވެހިން ކުރާ އެންމެ ފޮނި އުއްމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ، އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލު ކޮށްގެން ކަމުގައި ދެކޭތީ ކަމުގައެވެ.
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާ އެކު އެކޯޓަށް އައްޔަނު ކުރެވިފައިވާ، ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އިތުރަށް މި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
އެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް މި ގާނޫނަށް އަމަލު ކުރަން ފަށާތާ ގިނަ ވެގެން 5 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ މަދުވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ވަކި ކުރުމުގެ ސަބަބުން ދިވެހި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އިންތިޒާމު ކޮށް ހަމަ ޖައްސަންޖެހޭ ކަމެއް ވާނަމަ އެކަމެއް ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާތާ ގިނަ ވެގެން ޖުމްލަ 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ކޮށް ނިންމަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރެވޭ ފަނޑިޔާރުން ފިޔަވާ، ސުޕްރީމު ކޯޓުގައި ދެން ތިބި ފަނޑިޔާރުން ތިބި މަގާމުގައި ދެމި ތިބޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ކަންކަމުގެ ތެރެއިން ޖޭއެސްސީ އިން ކުރަންޖެހޭ ކަންކަން ބިލުގައި ބަޔާން ކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުމަށްޓަކައި އެކަންކަން ކުރުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާއި ބަޔާން ކޮށްފައިވާ އިޖުރާއުތަކާ މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެން ވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ފަނޑިޔާރުން ވަކި ކުރުމާ ބެހޭ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަން ބިލުގައި ބަޔާން ކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުމަށްޓަކައި އެކަންކަން ކުރުމަށް ކަމާބެހޭ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިގެން ވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިގާނޫނަށް އަމަލު ކުރަން ފަށާނީ، މިގާނޫނު ފާސްވެ، ތަސްދީގު ކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމަށް ކުއްލި ގޮތަކަށް ބިލެއް މި ހުށަހެޅީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ އެ ކޯޓަށް ހުށަހަޅުއްވާފައިވަނިކޮށްނެވެ.
ރައީސް ޑރ. މުއިއްޒު ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވި ދުވަހު ވިދާޅުވީ "ކޯޓުތަކަށް އަތްބޭނުން މިހާ ހިސާބުން ނިމުނީ" ކަމުގައެވެ.