ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 14:17
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ
މެމްބަރުކަން ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ބަލައި ނުނިމެނީސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި އެ ކޯޓަށް ހުށަހަޅައިފި
ނުސީދާ އިންޒާރުތަކެއް ފަނޑިޔާރުންނަށް ލިބެމުން ދާނަމަ ޖެހިލުމެއް ނެތި، މިނިވަންކަމާއެކު، މަސައްކަތްކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް އޮންނާނެ ކަމަކަށް ނުދެކޭ ކަމަށް ވަކީލު ވިދާޅުވި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ކަމުގެ އަޑުތައް އާންމުވެގެން ދިޔުމަކީ، އާންމުންގެ ނުތަނަވަސްކަން އުފެދިގެންދާނޭ ކަމެއް ކަމަށް ވެސް ވަކީލު ވަނީ ފާހަގަ ކުރައްވާފައި
ކޯޓުން ހުކުމަކަށް ވާސިލުވުމުގެ ކުރިން، 'އިންޓެރިމް އޯޑަރު' ގެ ސިފައިގައި ކޯޓު އަމުރުތައް ނެރެދިނުމަކީ ޑިމޮކްރަޓިކް ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް

މެމްބަރުކަން ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ބަލައި ނުނިމެނީސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި އެ ކޯޓަށް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-C/02 ޤަޒިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މައްސަލަ ހުށަހަޅާފައިވާ ފަރާތުގެ ހައިސިއްޔަތުން ކޯޓުގެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މައްސަލައިގެ  އަޑުއެހުމެއް 17 ފެބްރުއަރީ 2025 އަށް ތާވަލު ކުރެވިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ބަލަމުންދާކަމާއި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމާއި، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު އާންމުވެފައިވާ ކަމުގައެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންނަކީ، މުސްތަގިއްލު ކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންވުމެއްނެތި، އެންމެހައި ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން، އަމަލުކުރަން ތިބި ފަރާތްތަކެއްކަމަށް ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ފަނޑިޔާރުންނަށް މުސްތަގިއްލު ކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅިގެންދާ ގޮތަށް، އެއްވެސް ފަރާތަކުން އަމަލުކުރާނަމަ، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅިގެންދިޔުމުގެ އިހުތިމާލު އޮންނާނެ ކަމަށާއި މިފަދަ ހާލަތްތަކުގައި، އަދުލުއިންސާފު ގާއިމުކޮށް، ނިޒާމުގެ ނަހަމަ ބޭނުން ހިފިޔަނުދިނުމަށް ކުރަންޖެހޭ އަމުރުތައް ކުރުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައި އޮތް ބާރެއް ކަމަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

"މުޅި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައި އޮތް މިފަދަ މައްސައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލައި، ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަސައްކަތްކުރެވެމުންދާނަމަ އޭގެ ސަބަބުން މުޖުތަމައުގެ އާންމު ހަމަޖެހުމަށް އަސަރުކޮށްފާނޭ ކަމަކަށްވާތީ، ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށަހަޅަމެވެ." ވަކީލު ވިދާޅުވެފައިވެއެވެ.

ވަކީލު އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާ ކަމުގެ އަޑުތައް އާންމުވެގެން ދިޔުމަކީ، އާންމުންގެ ނުތަނަވަސްކަން އުފެދިގެންދާނޭ ކަމެއް ކަމަށާއި، މިފަދަ އަމަލުތަކުން އާންމުންނަށް ސިފަވެގެންދާނީ، ދައުލަތުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން، މައްސަލަ ވަކި ގޮތަކަށް ނިންމުމަށްޓަކައި، ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅިގެންދާނެ ކަމުގެ ނުސީދާ އިންޒާރެއް ފަނޑިޔާރުންނަށް ކުރިމަތިކުރުވަމުންދާ މަންޒަރު ކަމުގައެވެ.

އަދުލުއިންސާފު ގާއިމުވުމުގެ އަސާސީ އެއް ހަމައަކީ، އިންސާފު ގާއިމުވާތަން ފެނި އެމަގުން އެކަން ހިނގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮތުން ކަމަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތްކަމުގައިވާއިރު، އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އިން މަނާކުރާ ކަމެއް ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށް، އެ މައްސަލަ ބައްލަވަން ތިބި ފަނޑިޔާރުންނާ ގުޅޭ އެކި ބާވަތްތަކުގެ މައްސަލަ ބަލައި، ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ކަމުގެ ނުސީދާ އިންޒާރުތަކެއް ލިބެމުން ދާނަމަ ޖެހިލުމެއް ނެތި، މިނިވަންކަމާއެކު، މަސައްކަތްކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް އޮންނާނެ ކަމަކަށް ނުދެކޭ ކަމަށްވެސް ގާނޫނީ ވަކީލު އަލީ ހުސެއިން ބުރާސްފަތި ދުވަހު ކޯޓަށް ހުށަހެޅުއްވި ސިޓީގައި ވެއެވެ.

ކޯޓުތަކަށް ހުށަހެޅޭ މިބާވަތުގެ އާންމު މަސްލަހަތު އެކުލެވިގެންވާ މައްސަލަތަކުގައި، ކޯޓުން ހުކުމަކަށް ވާސިލުވުމުގެ ކުރިން، 'އިންޓެރިމް އޯޑަރު' ގެ ސިފައިގައި ކޯޓު އަމުރުތައް ނެރެދިނުމަކީ، ޑިމޮކްރެޓިކް މުޖްތަމައުތަކުގެ ކޯޓުތަކުންވެސް އަމަލުކުރަމުންދާ އުސޫލެއްކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ވަކީލު އަލީ ހުސެއިން ހަވާލާ ދެއްވާފައިވާ ގަޒިއްޔާއަކީ، 20 ނޮވެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ މެމްބަރަކު ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ، މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުތައް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ދެކިގެން، އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

- ކޮމެންޓް