ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 00:11
އަބްދުﷲ ޝަކީބް (ކ)
އަބްދުﷲ ޝަކީބް (ކ)
ސޯޝަލް މީޑިއާ
ހދ.މަކުނުދޫ
ބައި-އިލެކްޝަން ދުވަހު މަކުނުދޫ ސިއްހީ މަރުކަޒަށް ސިޔާސީ މަގަމާކަށް އިތުރު މީހަކު ހަމަ ޖައްސައިފި
ޕޮލިޓިކަލް ޑައިރެކްޓަރަކު ހަމަ ޖެއްސީ މިހާރު ސިޔާސީ މަގާމުގައި ހުރި މީހާގެ މައްޗަށް

ހދ. މަކުނުދޫގެ ޚިދުމަތުގެ ހާލަތު ދަށްވެފައިވާ ސިއްހީ މަރުކަޒުގެ ސިޔާސީ މަގާމަކަށް އިތުރު މީހަކު ހަމަ ޖައްސައިފިއެވެ.

ހޮނިހިރު ދުވަހު އޮތް ކައުންސިލް ގެ ބައި-އިލެކްޝަން އާ ދިމާކޮށް، އިތުރު މީހަކު ހަމަ ޖެއްސި އިރު މިހާރުވެސް އެ މަރުކަޒުގައި ސިޔާސީ މަގާމެއްގައި މީހަކު އަންނަނީ ވަޒީފާ އަދާ ކުރަމުންނެވެ.

މަކުނުދޫން ވާހަކަ ދެއްކި މީހަކު ބުނީ އަލަށް މި ހަމަޖެއްސި ފަރާތް ހަމަ ޖެއްސީ މިހާރު ހުރި މީހާގެ މައްޗަށް ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމަށް ކަމަށެވެ.

"ތިރީހަކަށް ހާސް ރުފިޔާގެ މަގަމާމެއް ކަމަށް މީހުން ބުނަނީ؛ ވޯޓު ލީ ދުވަހު މަގާމު ހަމަޖެހިފައި އޮތް ކަމަށް ރަށުތެރޭގައި ކިޔަނީ؛" އޭނާ ބުންޏެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަކުނުދޫ ސިއްހީ މަރުކަޒުގައި އިތުރު ސިޔާސީ މަގާމެއް އުފައްދާ އެ މަގާމަށް ލީ އެރަށުގައި ތެލުގެ ވިޔަފާރީގައި އުޅޭ ފަރާތެއް ކަމަށްވާ އަބްދުﷲ ޝަކީބް އެވެ.

އޭނާ އަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އެ ރަށަށް ކެމްޕެއިންގައި ވަޑައިގެންނެވި ދަތުރު ގައި އެމްޑީޕީ އަށް ސޮއިކޮށް ރައީސް ސާލިހް އަށް ފޯމު ހަވާލު ކުރި ފަރާތެކެވެ.

ޝަކީބް ގެ އެމްޑީޕީ އަށް ސޮއިކޮށް ރައީސް ސޯލިހް އަށް ފޯމު ހަވާލު ކުރަނީ - އެމްޑީޕީ

މަކުނުދޫ ސިއްހީ މަރުކަޒަށް ޕޮލިޓކަލް ޑިރެކްޓަރަކު ހަމަ ޖެއްސި ނަމަވެސް ބައި-އިލެކްޝަން ގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް ވަނީ ބަލިވެފައެވެ.

"އެމްޕީގެ މާ ގާތް މީހެއް ކަމަށް ވަނީ މަގާމަށް ހަމަ ޖެއްސީ، ކޮންމެހެން ތައުލީމީ ފެންވަރަކަށް ބަލައިގެން ކުރި ކަމެއް ނޫން އެއީ، އަނެއްކޮޅުން އެ ލާރި މާ ރަނގަޅުވީސް މަރުކަޒުގެ ހާލަތު ރަނގަޅު ކުރަން ބޭނުން ކުރި ނަމަވެސް؛" އެ ރަށު މީހަކު ބުންޏެވެ.

މި ދިޔަ ހޮނިހިރު ދުވަހު އޮތް ބައި-އިލެކްޝަން އާ ދިމާކޮށް ސިޔާސީ މަގާމުގެ އިތުރުން ފެނައަކަށް ވެސް އިތުރު ތިން މުވައްޒަފުން ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ. މިފަދަ މަގާމުތަކަށް މިހާރު މީހުން ލަމުން ގެންދަނީ އިއުލާނެއްވެސް ކުރުމެއް ނެތި ކަން ފާހަގަ ކުރެއެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ސިޔާސީ މަގާމުތަކަށް މީހުން ލުން ނިމުމަކަށް ގެންނަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެން މުއިއްޒު ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. އަދި 700 ށް ވުރެ ސިޔާސީ މަގާމަތައް އިތުރު ނުވާނެ ކަމަށް މި ސަރުކާރުން، ސަރުކާރުގެ ކުރީ ކޮޅުގައި ބުނެފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި 3000 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މަގާމުތައް ވަނީ އުފައްދާފައެވެ. ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ކުރުމަށް ފަސް ޖެހިފައެވެ. ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުން ކުރާނެ ކަމެއްވެސް އިށީންނާނެ ގޮނޑި މޭޒުވެސް ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް