ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 22:55
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބުރާސްފަތި ދުވަހުގެ ރޭ ހަރުގޭގައި ވާހަކަ ދައްކަވަނީ
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބުރާސްފަތި ދުވަހުގެ ރޭ ހަރުގޭގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ ބަޔާން 2025
ގައުމު އޮތީ ރައީސް މުއިއްޒު ކުރެއްސެވި މަންޒަރާ އެއްގޮތައް ނޫންކަން އަމީރު ދެއްކެވީ ތިލަ ބަހުން ހެތްކާ އެކު
ގައުމަށް އަންނަމުންދާ ކުރި އެރުމާއި ގައުމަށް ގެނެސްދެއްވާނެ ކުރިއެރުމުގެ ވާހަކަ އިން މަޖިލީހުގައި ތިއްބަވާ އެމަނިކުފާނުގެ މެމްބަރުން ހުއްޓުމެއްނެތި އަތް ޖަހަމުން ގެންދެވި ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވަނީ މުއިއްޒު ދައްކަވަނީ ހަގީގަތާ މުޅިން ދުރު، ދޮގާ މަކަރާ ހީލަތުން ފުރިގެންވާ ވާހަކަފުޅު ތަކެއް ކަމުގައެވެ.

ގައުމުގެ ހާލަތު އޮތް ގޮތާއި ކުރިއަށް އޮތް އަހަރަށް ގައުމުގެ ކަންކަން ގެންދަވާނެ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތީން ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާން ތަކުގައި ރައްޔިތުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ގައުމަށް އަންނަމުންދާ ކުރި އެރުމާއި ގައުމަށް ގެނެސްދެއްވާނެ ކުރިއެރުމުގެ ވާހަކަ އިން މަޖިލީހުގައި ތިއްބަވާ އެމަނިކުފާނުގެ މެމްބަރުން ހުއްޓުމެއްނެތި އަތް ޖަހަމުން ގެންދަވާ މަންޒަރު ފެނެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތްތާއެވެ. ގައުމުގެ ހުރިހާ ކަމެއްވެސް ހުރީ އެ ވިދާޅުވާ ގޮތުން ނަމަ ވަރަށް ފުރިހަމަ އަށެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީ ބާވައެވެ؟ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ މުއިއްޒު އެ ދެއްކެވި ވާހަކަފުޅު ތަކަކީ ހަގީގަތާ މުޅިން ދުރު، ދޮގާ މަކަރާ ހީލަތުން ފުރިގެންވާ ވާހަކަފުޅު ތަކެއް ކަމުގައެވެ.

ތިރީގައި މިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ މައި ހަރުގޭގައި، 2024 އަދި 2025 ގައި ރައީސް މުއިއްޒު ދެއްވި ރިޔާސީ ބަޔާން ތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި އެކަންކަމުގެ ހަގީގަތް އޮތް ގޮތް ސާފު ކޮށްދެއްވާ އަމީރު ފާހަގަ ކުރެއްވި ނުކުތާ ތަކުގެ ޚުލާސާ އެކެވެ.

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދު ކުރާ ވާހަކަ ރައީސް މުއިއްޒު ވިދާޅުވިކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ރިޔާސީ ކެމްޕޭންގައި ވެސް ޑރ. މުއިއްޒު، ރައީސް ސާލިހްގެ ސަރުކާރުގައި 700 ސިޔާސީ މީހުން ތިއްބެވިކަން ފާހަގަ ކުރައްވާ މުއިއްޒުގެ ސަރުކާރެއްގައިވެސް އެންމެ ގިނަވެގެން ވެސް ތިބޭނީ 700 އެއްހާ ސިޔާސީ މުވައްޒަފުން ކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ.

އަމީރު ވިދާޅުވީ، އެހެން މުއިއްޒު ވިދާޅުވި ނަމަވެސް މުއިއްޒުގެ ސަރުކާރުގައި 3000 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދާފައިވާ ކަން ފެންނަން އެބަހުރި ކަމަށެވެ.

އަމީރު ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ހީލަތް ހަދަންވެގެން މިނިސްޓްރީ އެއްގައި ހުރި މުވައްޒަފަކު އެއަށްވުރެ ބޮޑު މުސާރައަކަށް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކޮށްފާނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތައް އެކަން ކުރުމަކުން މުވައްޒަފުންގެ އަދަދު މަދުވީ ކަމަކަށް ނުބެލެވޭނެ ކަމުގައެވެ.

2024 ވަނަ އަހަރު ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް ހުޅުމާލޭގައި އަޅަން ފަށާނެ ކަމަށް ވެސް 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެ އިމާރާތް ފެށުނު ތަން ފެންނަން ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.

ދެފުށް ފެންނަ ސަރުކާރެއް ހިންގަވާނެ ކަމަށް ވިދާޅުވި މުއިއްޒު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ 1 އަހަރު ވެއްޖެ ކަމަށް ފާހަގަ ކުރައްވަމުން އަމީރު ސިފަކުރެއްވީ މިއީ ވަރަށް ސިއްރުވެރި ދައުލަތެއްގެ ގޮތުގައެވެ.

އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ކޮންމެ ހަފްތާއަކު އެއް ފަހަރު ދައުލަތުގެ ޚަރަދުތައް ޝާއިއު ކުރަމުން ގެންދިޔަ ކަމަށާއި މި ސަރުކާރުން އެ ހިސާބުތައް ޝާއިއު ކުރުން ހުއްޓާލުމަށް ފަހު 6 މަސް 7 މަސް ފަހުން އަލުން ކޮންމެވެސް ވަރަކަށް އެ ހިސާބުތައް ޝާއިއު ކުރަން ފެށީ އެކިފަރާތްތަކުން ޕްރެޝަރު ބޮޑު ކުރުމުން ކަމުގައެވެ.

2024 ވަނަ އަހަރުގެ ތެރޭގައި ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ނުފެށޭ ކަން ފާހަގަ ކުރައްވަމުން އަމީރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އެޗްޑީސީ އާއި އެފްޑީސީ އަށް ހަވާލު ކޮށްގެން 11،042 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމުގައެވެ. އެޗްޑީސީގެ މިކްސްޑް ޔުނިޓްސް ގެ ގޮތުގައި 1،187 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި، ޕީއެސްއައިޕީގެ ތެރެއިން 2،506 ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 408 ފަރާތަކަށް ލޯނު ދޫކުރި ކަމަށާއި، ބިންވެރިޔާ ސްކީމުގެ ދަށުން 9000 މީހުންނަށް ގޯތި ދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުން ދާކަން އާންމު ރައްޔިތުން ފާހަގަ ކުރަމުންދާ ކަމަށާއި، އެއާއެކު އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު އާސަންދަ  އާއި އެންސްޕާ އަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު 2024 ވަނަ އަހަރު މުއިއްޒު ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޚަރަދު ކުރި ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އިތުރަށް 200 މިލިއަން ރުފިޔާ މުއިއްޒުގެ ސަރުކާރުން ހޭދަ ކުރި އިރު ދިވެހި ރައްޔިތުން އުޅެން ޖެހެނީ ބޭސް ސިޓީ އަށް ސަލާން ޖަހަން ކަމަށާއި ރައްޔިތަކަށް އެއިން ރާހަތައް ނުކުރާ ކަމަށާއި އެއީ ބޮޑު އަޖައިބެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ނަމުގައި އިމާރާތެއްގައި ނަން ބޯޑެއް ޖެހުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.

ބަންކަރިން އާ ބެހޭ ގޮތުން ވެސް މުއިއްޒުގެ ސަރުކާރުން މޮޅު ވާހަކަ ދެއްކުން ފިޔަވާ ނިކުތް ނަތީޖާ އެއް ނުފެންނަކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ބަންކަރިން އާއި ޓްރާންސްޝިޕްމަންޓް ހާބަރެއްގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި އެހެން ނަމަވެސް މުއިއްޒުގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި 400 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެ މަސައްކަތް ފެށި ކަމަށެވެ. އެކަން އެހެން ނުވާނެ ކަމަށް އެމްޑީޕީ އިން ބުނަމުން ދިޔަކަން އަމީރު ފާހަގަ ކުރެއްވިއެވެ. އެކަން ވެސް މި ސަރުކާރުން ކުރީ ދަޅަ ދައްކަން ކުރި ކަމެއްގެ ގޮތުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އައްޑޫ ބްރިޖުގެ މަސައްކަތް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެކަމާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އާސަންދައިގެ ޚިދުމަތް ރަނގަޅު ކުރާނެ ކަމަށް ރައީސް މުއިއްޒުގެ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އިރު އެ ގޮތުން ކުރާނެ އެންމެ މުހިންމު ކަމަކަށް ބަލްކް ޕްރޮކިއުމެންޓުގެ ދަށުން ބޭސް ގެންނަ ވާހަކަ ފާހަގަ ކުރެއްވި އިރު އެ ކަމަކީ އެމްޑީޕީ ސަރުކާރުން ޔޫއެންޑީޕީ އާ އެކު ސޮއިކޮށް 2023 ވަނަ އަހަރު ފަށާފައިވާ މަސައްކަތެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރު 12،940 ހައުސިންގ ޔުނިޓުގެ މަސައްކަތް ރާއްޖޭގެ އެކި ރަށްތަކުގައި ފަށާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އިރު، އަމީރު ވިދާޅުވީ އެއީ ގަބޫލު ކުރަން ހެޔޮވާ ވަރުގެ ވާހަކަ އެއް ނޫން ކަމަށެވެ. އެކަމުގެ ތަފްސީލު ދެއްވަމުން އަމީރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުން ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ކޮންޓްރެކްޓަރުގެ ވިސްނުމަށް ކަމުގައެވެ. އެއީ ފައިސާ ގެނައުން ކަމުގައި ވިޔަސް، އަނބުރާ ފައިސާ ދެއްކުން ކަމަށް ވިޔަސް ކަނޑައަޅަން ޖެހެނީ ކޮންޓްރެކްޓަރު ކަމުގައެވެ. އަމީރު ވިދާޅުވީ އެ އިއުލާނުން ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަން އިނގޭ ކަމަށާއި، ބަޖެޓުގައި ފައިސާ ނެތް ކަމަށާއި، އެ ބުނާ ގޮތައް އިންވެސްޓް ކުރާނެ ބަޔަކު ވެސް ނާންނާނެ ކަމަށެވެ.

ބޯހިޔާވަހި ކަމަށް ރާއްޖޭގެ ތާރީޚުގައި ހިމެނި އެންމެ ބޮޑު އަދަދު 2025 ގައި ހިމެނި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު، އެއީ ވެސް "ނިތްކުރިއަށް ރުލެއްވެސް އަރުވާ ނުލާ ހެދި ދޮގެއް" ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ކަމުގެ ހަގީގަތް ސާފު ކޮށްދެއްވަމުން، 2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން 3 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާނެ ކަމަށާއި، 2023 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 3.4 ބިލިއަން ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން ސަރުކާރުން މިކަމުގައި ފޮނިކަނޑާއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި އޮތީ 2.3 ބިލިއަން ރުފިޔާ ކަމަށެވެ.

ޑިޖިޓަލް އިކޮނޮމީގެ ވާހަކަ މުއިއްޒު ދެއްކެވި އިރު މޯލްޑިވްސް ކަނެކްޓް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ ފައިބަރ ނެޓްވޯކް މައި ސްޓޭޝަނަށް ގުޅާލާނެ ނިޒާމެއް ގާއިމު ކުރަން އެމްޑީޕީ ސަރުކާރުން މަސައްކަތް ފެށި ކަމަށާއި، އެހެން ނަމަވެސް ބިލުތަކަށް ފައިސާ މި ސަރުކާރުން ނުދެއްކުމުގެ ސަބަބުން ޕްރޮޖެކްޓް އޮތީ ހުއްޓިފައި ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މަސްވެރިކަމުގެ ވާހަކައިގައި 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތައް ހަމަ ޖެއްސި ކަމަށް ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވިއިރު، ރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައިވާ މިންވަރު އަމީރު ހާމަ ކުރެއްވިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭ އެވްރެޖްކޮށް މިފްކޯ އަށް 85،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ ކަމަށާއި ނަމަވެސް 2024 ވަނަ އަހަރު ގަނެފައިވަނީ އެންމެ 53،000 މެޓްރިކް ޓަނު ކަމަށް އަމީރު ވިދާޅުވިއެވެ.

ދަޅުމަސް އެކްސްޕޯޓު ކުރި މިންވަރަށް ބައްލަވާލައްވަމުން އަމީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެވްރެޖުކޮށް 12،417 މެޓްރިކް ޓަނުގެ ދަޅު މަސް އެކްސްޕޯޓު ކުރި ކަމަށާއި، 2024 ވަނަ އަހަރު އެ އަދަދު އެތައް ގުނައެއް ކުޑަވެގެން ގޮސް އެކްސްޕޯޓު ކުރީ އެންމެ 5000 މެޓްރިކް ޓަނު ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރި އަރުވަން އެއް ކަމެއްވެސް ނުކުރެވޭކަން މިއިން ވެސް އެނގޭ ކަމަށާއި އެ ސިނާއަތު ދަނީ ހުލިވަމުން ކަމަށެވެ.

މަސް އެކްސްޕޯޓު ކޮށްގެން 150 މިލިއަން ޑޮލަރު އެވްރެޖް ކޮށް ކޮންމެ އަހަރަކު އެމްޑީޕީގެ ވެރިކަމުގައި ލިބެމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ލިބުނީ 82 މިލިއަން ޑޮލަރު ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

20 ރިސޯޓު 2024 ވަނަ އަހަރު ހުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު ހުޅުވުނީ އެންމެ 3 ރިސޯޓު ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތު ތަކުގެ ދޯހަޅި ކަމުން އިންވެސްޓްމަންޓްތައް ރާއްޖެއާ ދުރައްދާ ކަމުގެ ހެއްކެއްގެ ގޮތުގައި މިކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އިންފްލޭޝަން ގެ ވާހަކަ ރިޔާސީ ބަޔާނުގައި ވަރަށް އުފަލާއެކު ރައީސް މުއިއްޒު ފާހަގަ ކުރައްވަމުން، އިންފްލޭޝަން ހުރީ 1 އިން ސައްތައިގައި ކަމަށް ވިދާޅުވި އިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 6.5 އިން ސައްތައިގަ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަ ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 10.2 އިން ސައްތައިގައި ކަން ވެސް ފާހަގަ ކުރެއްވިއެވެ.

ދަރަނީގެ ވާހަކަ މުއިއްޒު ދެއްކެވި އިރު، އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު އަހަރު 2023 ގައި ޑެފިސިޓް އަކީ 10.7 ބިލިއަން ރުފިޔާ ކަމަށާއި، 2024 ވަނަ އަހަރު ޑެފިސިޓް ހުރީ 13.6 ބިލިއަން ގައި ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށެވެ. ރައީސް މުއިއްޒު މި ހަގީގަތް ވިދާޅުވާން ބޭނުންފުޅު ނުވިކަން ބަޔާން ދެއްވި އިރު މޫނު މަތިން ފެނުނު ނަމަވެސް އެވާހަކަ އޮތީ ބަޔާނުގައި ވިދާޅުވެފައި ކަން އަމީރު ފާހަގަ ކުރެއްވިއެވެ. 2024 ވަނަ އަހަރުގެ ޖުމްލަ ދަރަނި 21 ބިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ. އެއީ ކޮވިޑް އެންމެ ދަތި ދުވަސްވަރަށް ވުރެ ވެސް ޑެފިސިޓް ބޮޑު ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަ ދަރަނި 2024 ވަނަ އަހަރު ނިމޭ އިރު 150 ބިލިއަން ގައި ހުންނާނެ ކަމަށާއި އެއާއެކު ރާއްޖޭގެ ދަރަނި، އަހަރު ނިންމާލި އިރު އެންމެ ބޮޑު އަދަދެއް އުފެއްދީ މި ސަރުކާރުން ކަމަށް ރެކޯޑް ކުރެވޭނެ ކަމަށެވެ. 2025 ނިމޭއިރު 160 ބިލިއަނަށް ދަރަނި އަރާނެ ކަން ފާހަގަ ކުރައްވަމުން އަމީރު ތަކުރާރު ކޮށް ވިދާޅުވީ ދަރަނި ކުޑަ ނުވާ ކަމަށެވެ.

ރިޒާވް ރަނގަޅުވި ކަމަށާއި، 2024 ވަނަ އަހަރު ނިމުނު އިރު 773 މިލިއަން ޑޮލަރު ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނު އިރު ރިޒާވް ގައި 590 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރު 773 މިލިއަން ޑޮލަރު ހުރި ކަމަށް މުއިއްޒު ވިދާޅުވިއިރު، އެއީ 2024 ވަނަ އަހަރު މުއިއްޒު އިންޑިއާ އަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ވީ އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރު އެއް ފަހަރާ ގެނެސް ރިޒާވް ގައި ބަހައްޓާފައި ހިސާބު އެގޮތައް ދެއްކީ ކަމުގައެވެ. އެ 400 މިލިއަން ޑޮލަރު ލިބުނީ މާ މޮޅު އިގްތިސާދީ ސިޔާސަތެއްގެ ސަބަބުން ނޫންކަން އަމީރު ފާހަގަ ކުރެއްވިއެވެ. އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނު އިރު ރިޒާވް ގައި ހުރީ ކަރަންސީ ސްވޮޕް ގެ ގޮތުގައި ހޯދި ފައިސާ ހިމަނައިގެން ހުރި އަދަދު ނޫން ކަމުގައެވެ. އަމީރު ވިދާޅުވީ ރިޒާވް ގައި ހުރި ކަމަށް ވިދާޅުވި ފައިސާ އިން ކަރަންސީ ސްވޮޕް ފައިސާ އުނި ކުރީމާ ގްރޮސް ރިޒާވް އަކީ އެ ވިދާޅުވާ އަދަދަށް ވުރެ މާ ކުޑަ އެއްޗެއް ކަމުގައެވެ.

55 ރަށެއްގެ ފެނާ ނަރުދަމާގެ ވާހަކަ މުއިއްޒު ދެއްކެވި އިރު އެހެން ސަރުކާރަކުން ރާއްޖޭގެ އެއްވެސް ރަށެއްގެ ފެނާއި ނަރުދަމާ އާ ގުޅޭ ގޮތުން އެވޯޑު ކުރަން ޖެހޭ މަޝްރޫއެއް ނޯންނާނެ ކަމަށާއި އެމްޑީޕީ ސަރުކާރު ނިމުނު އިރު ހުރިހާ ރަށެއްގެ މަޝްރޫއުތައް އެވޯޑު ކުރެވި މަސައްކަތް ދިޔައީ އެކި ލެވެލް ގައި ކުރިއަށް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖެއަށް ކުރިއެރުމެއް ތަރައްގީއެއް ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށެވެ.

- ކޮމެންޓް