ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 15:06
މަކުނުދޫ ރައްޔިތުންގެ އިހުތިޖާޖު
މަކުނުދޫ ރައްޔިތުންގެ އިހުތިޖާޖު
ރާއްޖެއެމްވީ
މަކުނުދޫ އިހްތިޖާޖު
މަކުނުދޫ އަށް މިނިސްޓަރު މުއްތަލިބު ވަޑައިގަތުމުން މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަނީ
މިނިސްޓަރު ވަޑައިގަތީ ލޯކަލް ކައުންސިލް ބައި-އިލެކްޝަން ކެމްޕެއިންނަށް

މަކުނުދޫ އަށް މިނިސްޓަރު މުއްތަލިބު ވަޑައިގަތުމުން މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އިހްތިޖާޖު ކޮށްފިއެވެ.

ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރ މިނިސްޓަރު މަކުނުދޫ އަށް ވަޑައިގަތީ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލު ބައި-އިލެކްޝަން ގައި ވާދަ ކުރާ ޕީއެންސީ ގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވެއެވެ.      

ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރާ މެދު ނުރުހުން ފާޅު ކުރަމުންދަނީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި މަކުނުދޫ އެއަރޕޯޓުގެ ވާހަކަ ނެތުމުންނާއި، ރަށުގެ ކަރަންޓު ހާލަތުު ދަށްވެ، އިރުއިރުކޮޅުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމުން ކަމަށް ވެސް އިހްތިޖާޖުގެ ބައިވެރިއަކު ބުނެފައިވެއެވެ.

އެމްޑީޕީ ސަރުކާރުން ފެށި މަކުނުދޫ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން އޭރު ފެށި ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މުޅިން ނިމިފައެވެ.

އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ބިގް ފިޝް މޯލްޑިވްސް އާއި ޙަވާލުކޮށްގެން މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

މަކުނުދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކު ނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭ އެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.

މަކުނުދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށް 43.12 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތް ކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސް އާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.

ހުކުރު ދުވަހު މަކުނުދޫގައި އިހްތިޖާޖު ކުރި މީހުން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ވެސް ގޮވާފައެވެ.

ވެރިކަމަށް ހޮވުމަށްފަހު މަކުނުދޫ އަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރު ނިމެންވާއިރު އެއަރޕޯޓު ހުޅުވޭނެ ކަމަށެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުން ބުނަނީ އެތަނުގައި އަދި އޮތީ ފަސްގަނޑެއް ކަމަށެވެ.

މިނިސްޓަރު މުއްތަލިބު މަކުނުދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމަށް ދިޔަ ގިނަ މީހުން ވެސް ތިބީ ޝުއޫރު ފާޅު ކުރުމަށް މެސެޖުތައް ހިފައިގެންނެވެ. އިހްތިޖާޖު ކުރި މީހުން ވަނީ މިނިސްޓަރުގެ ފަހަތުން އެއަރޕޯޓު އަޅަން ހިއްކާފައި އޮތް ފަސްގަނޑަށް ވެސް ގޮސްފައެވެ.

"ދަތުރު ވަރަށް ކުރުކޮށްލާފައި ކައިގެން އެމީހުން ފުރައިފި؛" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

- ކޮމެންޓް