ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 06:58
ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
އެމްޑީޕީ
ކޮންޓްރެކްޓަރ ފައިނޭންސިންގ
ނުހައްގު ބޮޑެތި އަގުތަކުގައި ކޮންޓްރެކްޓަރުން ލައްވާ މި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއުތަކަށް އެމްޑީޕީ ސަރުކާރެއްގައި އިހްތިރާމެއް ނުކުރާނެ: އަމީރު
ކޮންޓްރެކްޓަކަށް ބޮޑެތި އަގުތައް އެކި ފަރާތްތަކުން ހުށަހަޅަނީ ހަތަރު އަހަރު ފަހުން ފައިސާ ދައްކަން ޖެހޭ ގޮތައް މި ސަރުކާރުން ހަދައިދީގެން
އަމީރު ސިފަ ކުރެއްވީ އެއީ ދައުލަތް ލޫޓުވުން ކަމުގައި
ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި 12،940 ހައުސިންގ ޔުނިޓު މަޝްރޫއު ސަރުކާރުން މިހާރު އެބުނާ ގޮތައް ނުހިންގޭނެ ކަމަށްވެސް އަމީރު ވިދާޅުވި

ކޮންޓްރެކްޓަރ ފައިނޭންސިންގ ދަށުން މުއިއްޒު ސަރުކާރުން ރާއްޖެ އަށް ނުހައްގު ބޮޑެތި އަގުގައި ގެންނަ ޕްރޮޖެކްޓް ތަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމެއްގައި ފައިސާ ނުދައްކާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ހުކުރު ވިލޭރޭ ވާހަކަފުޅު ދައްކަވަމުން އެތައް ގުނައެއް ބޮޑު ކޮށް އަގު ހުށަހަޅައިގެން ހަދާ މިފަދަ ކޮންޓްރެކްޓްތަކަކީ އަމީރު ސިފަކުރެއްވި ގޮތުގައި ދައުލަތުގެ މާލިއްޔަތު ފޭރުމެވެ.

"މިބޭފުޅުން ވިސްނުން މިހުރީ ދުނިޔޭގެ އެކި ގައުމުތަކުން ކޮންޓްރެކްޓްތައް ގެނައުމަށް، ޗައިނާ ފަދަ ގައުމުތަކުން ކޮންޓްރެކްޓްތައް ގެނެސްފައި ބުނަނީ މިވެނި ކަމެއް ކުރާށޭ ހަތަރު އަހަރު ފަހުން ޕޭމަންޓު ދައްކަން ފަށާނަމޭ؛" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ހަތަރު އަހަރު ފަހުން މި ވެރިކަން ނޯންނާނެ ކަން މިއަދުގެ ސަރުކާރަށް އެނގޭ ކަމަށާއި އެހެން ކަމުން ދައްކަން ޖެހޭ ފައިސާ އަށް މި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބަލައިގެން ބޮޑެތި އަގުތައް ހުށަހެޅުމުގެ ފުރުސަތު ތަނަވަސް ކުރަނީ ކަމުގައެވެ.

އަމީރު އިޝާރާތް ކުރެއްވި ގޮތުގައި އެތައް އަހަރެއް ފަހަށް ޕޭމަންޓު ފަސްކުރުމުން ކޮންޓްރެކްޓަރުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އެފަދަ ފަރާތްތަކުން ހުށަހަޅަމުން ދަނީ އެތައް ގުނައެއްގެ ބޮޑު އަގެއް ކަމުގައެވެ.

"އެހެންވީމާ މި ވާގޮތަކީ 10 މިލިއަން ރުފިޔާ އަށް ކުރެވޭ މަސައްކަތް ކޮންޓްރެކްޓަރު މިކުރަނީ ސަތޭކަ މިލިއަން ރުފިޔާ އަށް؛" އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވީ އެ ގޮތައް ގެންނަ ކޮންޓްރެކްޓް ތަކަށް އެމްޑީޕީ ސަރުކާރެއްގައި ފައިސާ ނުދައްކާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ ސަރުކާރު ބަދަލުވެގެން އެމްޑީޕީ ސަރުކާރެއްގައި އެއަށް އޮނަރ އެއް ނުކުރާނަމޭ."

މި ގޮތައް ހަދާ ކޮންޓްރެކްތަކަކީ އަމީރު ސިފަ ކުރެއްވި ގޮތުގައި ދިވެހި ރައްޔިތުން ލޫޓުވުން ކުރާ ކަމެއް ކަމަށެވެ.

އަމީރު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު މި ސަރުކާރުން މިހާތަނަށް ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި އިއުލާނު ކޮށްފައިވާ ހުރިހާ ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު އާ ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދަން ހާމަ ކުރި ގެދޮރުއެޅުމުގެ މަޝްރޫއަކީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އިއުލާނު ކުރި މަޝްރޫއުތަކެއް ކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫއުތަކުގެ އަގު ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ރަށްރަށުގައި ގެދޮރު އެޅުމަށް ކަމަށް ބުނެ ދާދި ފަހުން ސަރުކާރުން އިއުލާނު ކުރި ހައުސިންގ މަޝްރޫއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، އެއީ ވެސް ތާކުންތާކު ނުޖެހޭ ގޮތަކަށް އިއުލާނު ކުރެވުނު މަޝްރޫއެއް ކަމަށެވެ.

2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި 12،940 ހައުސިންގ ޔުނިޓު ރާއްޖޭގެ ރަށްރަށުގައި މިއަހަރު އަޅަން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވިކަން ފާހަގަ ކުރައްވަމުން އަމީރު ވިދާޅުވީ، އެކަން އެގޮތައް ކުރިއަށް ދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާށޭ މިވާހަކަ."

އެ މަޝްރޫއަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާނު ކުރިއިރު ފައިސާ ހޯދުމުގެ ޒިންމާ ކޮންޓްރެކްޓަރ އުފުލުމުގެ އިތުރުން ފައިސާ ދެއްކުމާ ބެހޭ ހުރިހާ ޓާމްސް އެއް އޮތީ ކޮންޓްރެކްޓަރުގެ އިޚްތިޔާރަށް ދޫކޮށްލާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

"ސަރުކާރުގައި ނެތް އެއްވެސް ޕްލޭނެއް، ބަޖެޓުގައި ފައިސާ އެއްވެސް ނެތް، ރާއްޖެ އައިސް އެގޮތައް އިންވެސްޓް ކުރާނެ ބަޔަކު ވެސް ދުނިޔެއަކު ނެތް؛" ކަމަށް އަމީރު ވިދާޅުވިއެވެ.

- ކޮމެންޓް
- ގުޅުންހުރި
އަމީރުގެ ރައްދު ޝިޔާމަށް: ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދެވި ހުރީ 185 މިލިއަން ރުފިޔާ، މިއަށްވުރެ މާ ދަތީގައިވެސް ފައިސާ ދޫކުރި
އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް ރައީސް ދައްކަވާ ވާހަކަފުޅުތަކަށް އަމީރުގެ ވަރުގަދަ ރައްދެއް
ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވާނެ ބުއްދިއެއް ވެސް މިސަރުކާރުގެ ނެތް: އަމީރު
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅު އަމީރު ދޮގޮކުރައްވައިފި
ރައީސް މުއިއްޒު ދަރަނި ދައްކަވަން 13 ބިލިއަން ހޭދަކުރެއްވުމުން ދެން ހިނގި ޚަރަދުތައް ފޫބެއްދީ ކިހިނެއްތޯ ސުވާލު އުފެދިއްޖެ!
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
އިގްތިސާދަށް ހިޔަނި އެޅުނު އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު - އަމީރު