ރަށުތެރޭގައި މީހުން ކިޔަނީ ރައީސްގެ ދެފައިންޕުޅަށް ހިނި އަރައިފި ކަމަށެވެ. ދެފައިންޕުޅު އެއްތާނގައި ނުޖައްސަވާ ދަތުރުފުޅު ކުރައްވަނީ ކަމަށެވެ. ދުލަށް އައިހާ ވާހަކަފުޅުތަކެއް ވިދާޅުވަނީ ކަމަށެވެ. ވައުދުތަކާއި އަހުދުތައް މަތިމައްޗަށް ކުރައްވަނީ ކަމަށެވެ. ވެގެން އުޅޭ ގޮތް ވެސް ވަރަށް ސާފު ކަމަށެވެ. އެމީހުން ބުނަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާ ގުޅިގެންވެސް ރައީސް މުއިއްޒު މި ފާޑަކަށް އުޅުއްވަން ފެއްޓެވި ކަމަށެވެ. އެދުވަހު ވެސް މިއަދު ވެސް ރައީސްގެ ދެފައިންޕުޅަށް ހިނި އެރި ސަބަބު އެއްގޮތް ކަމަށެވެ. ސަބަބަކީ އިދިކޮޅު އެމްޑީޕީން އިއުލާން ކުރި މުޒާހަރާ ކަމަށެވެ. ޑިސެމްބަރު 10 ގައި އިއުލާން ކުރީ ޖަލްސާއެކެވެ. ޖެނުއަރީ 31 ގައި ހިނގާލުމެކެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވަމުން ގެންދެވީ ހުރިހާ ކަމެއް އޯކޭ ކަމަށެވެ. މެނޭޖް ކުރެއްވޭނެ ކަމަށެވެ. ހިލޭ އެހީއާއި އާމްދަނީ ވެސް ލިބެން އެބަހުރި ކަމަށާއި، ދަތި އެއްވެސް ހާސް ކަމެއް ނެތް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއް ހޭދަ ނުކުރައްވާ ހުޅުމާލޭގެ ހަތަރު ހުޅުމާލެ ވަރުގެ ރަސްމާލެ އެއް ހިއްކަވާ 65 ހާސް ހައުސިން ޔުނިޓް އަޅުއްވާ ނިންމަވާނެ ކަމަށެވެ. ކުރީ ސަރުކާރުން ދިން އެއްޗެއް ދިން ތާކުން، ދިން ގޮތަކަށް ދެއްވާނެ ކަމަށެވެ. 48 ގަޑީއިރުގެ ތެރޭގައި ކިލޯއަކަށް 20ރ އަށްވުރެ ދަށް ނުވާނެ ރޭޓަކުން މަސްވެރިންގެ އަތުން ކިރާ މަހަށް ޑޮލަރުން ފައިސާ ދެއްވާނެ ކަމަށެވެ. މިހެން ގޮސް ކިތައްމެ ވާހަކަފުޅެކެވެ. އޭރު ފެހި ސިގްނަލްތަކާއިގެން ބަޖެޓް އޮތީ ފުރިފައެވެ.
2023 ނިމިއްޖެއެވެ. 2024 ފެށިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ސަރުކާރާވީ ފަޅިއަށް ފުރޮޅި މަޖިލީހުގެ ކޮންޓްރޯލްވެސް ލިބިވަޑައިގެންފިއެވެ. 50 ބިލިއަން ރުފިޔާގެ ބަޖެޓަކާ ސުޕަރ މެޖޯރީޓީ އޮތް މަޖިލީހަކާ ދައުލަތުގެ ފުރިހަމަ އާރާއި ބާރާ އެކު ހަޔާތުން ދުވަހެއް ސަރުކާރުން ދުވަހެއް ހޭދަކުރައްވަން ފައްޓަވައިފިއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އަހަރު ހިގައްޖެއެވެ. 50 ބިލިއަން ޚަރަދުވެ ބަޖެޓްވެސް ހުސްވެއްޖެއެވެ. ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވުނުތާ އަމިއްލަފުޅު ލެގަސީ ޕްރޮޖެކްޓް ވެސް މިދިޔައީ ރައްޔިތުން އެތައް މިލިއަން ޑޮލަރެއް ބަދަލުގެ ގޮތުގައި ދައްކަން ޖެހިގެންނެވެ. އިންތިހާގެ ގެއްލުމެވެ. ރައްޔިތަކަށް ވީ ފައިދާއެއް ރަށަކަށް އައި ތަރައްގީއެއް، ގައުމަށް ލިބުނު ކުރިއެރުމެއް ނުފެނި ރައްޔިތުން މާޔޫސްވެއްޖެއެވެ. އެއާއި އެކު 10 ޑިސެމްބަރުގައި ބޮޑު އެއްވުމަކަށް އެމްޑީޕީން އިއުލާން ކުރިއެވެ. ރައީސް ދަތުރުތައް ފެއްޓެވިއެވެ. މަސްވެރިންނާ ވެސް ބައްދަލު ކުރައްވަނީ އެވެ. ގޯތި މީހުންނާ ފްލެޓް މީހުންނާވެސް ބައްދަލު ކުރައްވަނީ އެވެ. ޓެކްސީ ޑްރައިވަރުންނާ ވެސް ބައްދަލު ކުރައްވަނީ އެވެ. އެ ދުވަހު ވެސް ބޭނުމަކަށް ވީ ރައްޔިތުން މަގުމައްޗަށް ނުކުތަ ނުދިނުމެވެ.
މިއަދު ވެސް މި ފެންނަނީ އެ މަންޒަރު ތަކުރާރުވާ ތަނެވެ. 31 ޖެނުއަރީގައި މުޒާހަރާ އިއުލާން ކުރުމާއެކު ދަތުރުފުޅުތައް ފެއްޓެވިއެވެ. ރައީސްގެ ހެޔޮފުޅު ކަމުން ކަންކަން ކޮށްދެއްވަން ވެސް ފެއްޓެވިއެވެ. ރަށްރަށުގައި ހުންނަ އެންޓަނާތައް ހުރި ތަން ނޫން ތަންތަނަށް ބަދަލު ކުރައްވާ ޕްރިންޓް މެޝިން ބަހައްޓަވައިގެން ޕްރިންޓް ކުރެވޭނެ ގޮތް ގޮތް ހައްދަވާ، އެއް ދަނޑު މަތީގައި އަނެއް ދަނޑު އަޅަން ޖެހުނަސް އެކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ވައުދުތައް ވެވަޑައިގަންނަވަން ފެއްޓެވީ އެވެ. ކަސްޓަމްގައި ތަޅުލާފައި ހުރި ފުންފަތް ކޮންޓޭނަރުވެސް މިނިވަންވެ ރަށުތެރެއަށް ނުކުމެއްޖެއެވެ. މިދަނޑިވަޅުގައި އެއްކަލަ ސިއްހަތުގެ މައްސަލައެއްވެސް ނެތެވެ.
ސުވާލަކީ ރައީސް ތިޔަ އުޅުއްވަނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ދެކެ ލޯބިން ރައްޔިތުންނަށް ހެޔޮ އެދިގެންތޯއެވެ. ނޫނީ ހަމަ ގަންނާ ކުރައްވާ ބިރުންތޯއެވެ. އިޚުލާސްތެރި ނަމަ، ހެޔޮ އެދިވަޑައިގަންނަވާ ނަމަ، މި ނިމިދިއަ އަހަރު ލިބިވަޑައިގެންނެވި 55 ބިލިއަން ރުފިޔާއިން ރައްޔިތަކަށް ކަމެއް ކޮށް ނުދެއްވާ ވަޔަށް ތަޅާ ބުރުއްސަވާލެއްވީ ކީއްވެތޯއެވެ. ރައްޔިތުން މަތިން ހަދުމަފުޅު ވަނީ އިދިކޮޅު ޕާޓީން މުޒާހަރާއެއް އިއުލާން ކުރީމަ އެކަނި ތޯއެވެ.
ގަބޫލުފުޅު ކުރައްވާށެވެ. ރަށްރަށަށް ވަޑައިގެންނެވި ދާނެ އެވެ. މަތިމައްޗަށް ވައުދުތައްވެސް ވެވަޑައިގެންނެވިދާނެ އެވެ. ކުރިން ވީ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް މަތިމައްޗަށް ދެއްވިދާނެއެވެ. ރައްޔިތުންނާ އެކު ފުޓްބޯޅަ ވެސް ކުޅުއްވިދާނެއެވެ. އެކަމަކު ޖެނުއަރީ 31 އަންނަން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. ރައްޔިތުން ނުކުންނާނެއެވެ. އެމީހުންގެ ހައްގުތައް ހޯދަން އެމީހުން ވަކާލާތު ކުރާނެއެވެ. ހައްދަވަނެ އެއްޗެއް ހައްދަވާށެވެ.