ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނަޢީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ސަރުކާރުގެ ސްޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ނިސްބަތްވާ 55 މެމްބަރުން ވޯޓު ދީގެން ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ނިންމިއިރު މިކަމުގައި ތަހުގީގެއް ހިންގަން ޖެހޭ ސަބަބުތައް ބަޔާންކޮށްފައެއް ނެތެވެ. ހަމަ އެކަނި މި ބުނާ ވާހަކަ އަކީ އެކި ފަރާތްތަކަށް ބަދަލުދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލްގެ ކޯޗެ އާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރެވޭނަމަ އެކަން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާ އެރުވާ ކަމަށެވެ. ގޯސްކޮށް ހިނގި އެއްވެސް ކަމެއް ފާހަގަ ކުރުމެއް ނެތި ޕީޖީ އަށް ތަހުގީގެއް ހިންގާ ދައުވާ ކުރެވެން އޮތް ނަމަ އެކަން ކުރުމަށް މަޖިލީހުން ފާސްކުރި އިރު މި ބުނަނީ ދައުލަތުގެ އިސް މަޤާމެއްގައި ހުރެ، ޤާނޫނުއަސާސީ އާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިލާފަށް، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އާއި މުދަލުގެ ޙައްގުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތިން ބޭފުޅުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ތުހުމަތުތައް ކުރެވެނީ ކީއްވެގެން ކޮން ސަބަބެއް އޮވެގެން ކޮން ގާނޫނަކާ ޚިލާފުވެގެން ކަމެއް ބުނެފައެއް ނުވެއެވެ. ތުހުމަތު އޮތް ކަމަށް ބުނެ ނިންމާލީއެވެ.
އެއާއެކު ދެން މި ބުނަނީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށާއި، އެ އެއްބަސްވުންތައް ބާތިލް ކުރުމަށް ކުރަން ޖެހޭ އެންމެހާ ޤާނޫނީ ކަންކަން ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށެވެ. މީގައިވެސް އެއްވެސް ސަބަބެއް ބުނެއެއް ނުދެއެވެ. ދެން ބުނެފައި އޮންނަނީ، އޭގެ އިތުރުން މާލިއްޔަތު ޤާނޫނުން ބޭރުން އެއްވެސް ފަރާތަކަށް ބަދަލެއް ދީފައި ވޭތޯ ބަލައި، އެގޮތަށް ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ދައުލަތަށް އަނބުރާ ހޯދުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ ކަމަށެވެ. މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ގިނަ މެންބަރުން ވަނީ މިއީ ވަކި މީހަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ނޫން ކަމަށާއި ކޮންމެ ބޭފުޅަކު ކުރިނަމަވެސް ދައުލަތުގެ ފައިސާ ނުޙައްގުން ބަޔަކަށް ދީފައިވާނަމަ އެކަން ބަލަންޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވިޔަސް މިއީ ސިޔާސީ ތަހުގީގެއްގެ ގޮތުގައި ބެލޭނެ އެތައް ގިނަ ސަބަބުތައް އެބަހުއްޓެވެ.
ގެއްލުމުގެ ބަދަލު ދޭން ޖެހުނީ ކީއްވެ؟
ކުރީގެ ސަރުކާރުތަކުން، ޒާތީ ސަބަބުތަކެއްގައި އަދި ސިޔާސީ މަގުސަދެއްގައި، ނުހައްޤުން އެތަކެއް އެއްބަސްވުން ތަކެއް ބާތިލުކޮށް، ވިޔަފާރިތަކެއް ހުއްޓުވުމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލުނުކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ.
ހިނގަހިނގައި ހުރި ރިސޯޓްތަކަށް ކުއްލިއަކަށް އޮފިޝަލުން އަރައި އެތަންތަން ހުއްޓުވައިފައި އެބަ ހުއްޓެވެ. ހިނގަހިނގާ ހުރި މަޝްރޫއުތައް ބާތިލު ކޮށްލާފައި އެބަހުއްޓެވެ. ގާނޫނީ ގޮތުން ދެމި އޮތް އެއްބަސްވުންތައް ހިތައް އެރީމާ ބާތިލު އެއްޗަކަށް ހަދާފައި އެބަހުއްޓެވެ. މި ފަރާތްތަކުގެ މައްސަލަތަކަށް ހައްލު ހޯދައިދީ، އިންސާފު ގާއިމުކުރުމަށް ޓަކައި އެކަށީގެންވާ ބަދަލެއް ދައުލަތުން ދޭނެކަމަށް 2018 ގެ ކެމްޕޭނުގައި އެމްޑީޕީ އިން ވަނީ ވައުދުވެފައެވެ. އެހެން ކަމުން ވެރިކަމަށް އައިސް އެ ވައުދު ފުއްދުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
ސެޓްލްމަންޓްގެ ކަންކަން ގެންދިޔައީ ކަނޑައެޅިފައިވާ އުސޫލުގެ މަތިން
ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ ކުރެވިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވައިލައި ނެރުނު ހުދު ކަރުދާސް، ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ދިރާސާ ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިދާރާތަކަށް އޮތީ ފޮނުވައިފައެވެ. ދައުލަތުން ބަދަލުދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް އެ ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
ބަދަލު ދިނުން މަނާ ކަމަށް މަޖިލީހުން ކަނޑާއެއް ނާޅާ!
ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހެދުމުގެ ބާރު ލިބިގެންވާ ދައުލަތުގެ މުއައްސަސާ ކަމަށް ވީ ހިނދު، މަޖިލީހުން އެކަމަށް ޤާނޫނެއް ހަދާފައެއް ނުވެއެވެ. ނުވަތަ އެކަމަށް ޤާނޫނެއް ހެދުމަށް ޓަކައި މަޖިލީހަށް ބިލެއް ހުށަހަޅަންވެސް މަޖިލީހުން ސަރުކާރަށް އަންގާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަޖިލީހުން އެންގީ ހާމަކަން ބޮޑުގޮތެއްގައި، ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން އެކަން ކުރުމަށެވެ.
ކޯޓުން ބޭރުގައި މައްސަލަ ނިންމުމާއި، ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭ ޤާނޫނެއް، ނުވަތަ ގަވާއިދެއް ނުވަތަ އެއްވެސް އުސޫލެއް ރާއްޖޭގައި ނެތުމާއެކު އެކި ފަހަރު އެކި ގޮތަށް ގެންދިޔައީ އަމަލު ކުރަމުންނެވެ. މި ފަހަރު މި ގޯސްވީ އުސޫލެއް އެކަށައަޅައި، ގެޒެޓުގައި ޝާއިޢުކޮށްގެން އެކަން ކުރިއަށް ގެންދިއުމުން ކަމަށް ވެދާނެއެވެ.
އުސޫލުގައި އޮތީ ކީކޭތޯ؟
ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކުރި އުސޫލުގައި ސެޓްލްމަންޓުގެ ދަށުން ޙައްލުކުރާނެ މައްސަލަތައް އޮތީ ސާފުކޮށް ބަޔާން ކޮށްފައެވެ. އެގޮތުން ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ހައްލުކުރެވޭނެ ކަންކަމަކީ:
އެއްބަސްވުން ބާޠިލުކުރުން؛
އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުން؛
އެއްބަސްވުމާ ޚިލާފުވުން؛ އަދި
އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ބޭނުންވާނެ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދަ ބާޠިލުކުރުމެވެ.
މީގެ ކޮންމެ ކަމަކީވެސް، ކުރީގެ ސަރުކާރުތަކުން ގަސްތުގައި ވަކި ބަޔަކަށް ގެއްލުން ދިނުމުގެ މަގްސަދުގައި ޓާގެޓް ކޮށްގެން ކޮށްފައިވާކަން ފެންނާން އެބައޮތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންސާފުވެރި ދައުލަތެއްގެ ސިފަ ދެމެހެއްޓުމުގެ ގޮތުން ގެއްލުމުގެ ބަދަލުދިނުމަކީ ކުރާން ޖެހޭނެ ކަމެކެވެ.
މީގެ އިތުރުން ސެޓްލްމަންޓް ހައްލު ހޯދުމުގައި ކަންކަން ކުރާންވީ ގޮތުގެ ވަރަށް ހަރުދަނާ އުސޫލުތަކެއް ވެސް އޮތީ ކަނޑައަޅާފައެވެ. އެގޮތުން، މައްސަލަ ޙައްލުކުރުމަށް ހުށަހެޅުމުގެ މުއްދަތާއި، މައްސަލަ ޙައްލުކުރުމުގެ އިޖުރާއަތް ތަކާއި، ގެއްލުމުގެ ބަދަލު ހިސާބުކުރުމުގެ މިންގަނޑުތައް ހިމެނެއެވެ.
ގެޒެޓް ގައި އާންމު ކުރި އުސޫލުގެ 8 ވަނަ މާއްދާގައި، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށް ލަފާދިނުމަށް ކޮމިޓީއަށް ނިންމޭނެ ހާލަތްތައްވެސް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ޚިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާޠިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ. ނުވަތަ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ފާހަގަވާން ޖެހެއެވެ. އޭގެ އިތުރުން، އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާޠިލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެކަމާގުޅޭ ޤާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް ޢަމަލުކުރާ ގޮތާ ޚިލާފަށްކަން ފާހަގަވާން ޖެހެއެވެ. ނުވަތަ އެ މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލުގެ އަދަދު، މި އުސޫލުގެ ދަށުން މައްސަލަ ޙައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތަކަށް ވާން ޖެހެއެވެ.
އުސޫލުގައި ބުނަނީ، އެ މައްސަލައެއް ޙައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ޙައްލުކުރުން ކަމަށް، އިކޮނޮމިކް ކައުންސިލްގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާން ޖެހޭނެ ކަމަށެވެ. އަދި މި ހާލަތްތަކުގައި ވެސް ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރަންވާނީ، ކޯޓު މެދުވެރިކޮށް މައްސަލަ ނިންމާ ހިނދެއްގައި، ކޯޓުން ނަގައިދޭނެކަމަށް ބެލެވޭ ބަދަލުގެ މިންވަރު، ދެފަރާތް މަޝްވަރާކޮށްގެން އެއްބަސްވެވޭނެ ބަދަލަށްވުރެ ބޮޑުވާނެކަމަށް އެކަށީގެންވާ ހަމަތަކުގެ މަތީން ގަބޫލުކުރެވޭނަމަ ކަމަށް ވެސް ވަނީ ބުނެފައެވެ.
ވަކި ސަރުކާރެއްގެ އެއްބަސްވުންތައް ތަހުގީގު ކުރަނީ ކީއްވެ؟
މާލިއްޔަތު ކޮމިޓީން ނިންމައިގެން މަޖިލީހުގެ ތަޅުމުން ރައީސް ސާލިހްގެ ސަރުކާރުގެ ސެޓްލްމަންޓް އެއްބަސްވުންތަކާ ބެހޭ ޖިނާއީ ތަހުގީގެއް ކުރީގެ ވެރިންގެ މައްޗަށް ހިންގަން ނިންމިއިރު، ސުވާލު އުފެދޭ ސެޓްލްމަންޓް އެއްބަސްވުންތައް މި ސަރުކާރުން ވަނީ ހަދާފައެވެ. އެކަންކަން ތަހުގީގު ކުރަން ނުޖެހެނީ ކިއްވެތޯ ސުވާލު އުފެދެއެވެ. އަދި އެ އުފެދޭ ސުވާލާއެކު މި ނިންމުމަކީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ބަލާނެ ޖާގަ އަދި ވަކީން ބޮޑަށް ލިބެއެވެ.
މި ސަރުކާރުން މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ އެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް ހެދީ، އެ ކުންފުންޏަށް 13 މިލިއަން ޑޮލަރުގެ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށް، 29 އޮގަސްޓް 2024 ގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
އެއީ ކޮން އުސޫލަކުން ނިންމި ކަމެއް ކަން އެނގެން ނެތަސް، އެކްސްޕެޓް ސިސްޓަމްގެ އެއްބަސްވުމެއް އިއުލާނު ކުރުމެއް ނެތި މިހާރު އެ ކުންފުންޏާއެކު މި ސަރުކާރުން ވަނީ ހަދާފައެވެ.
އެ ކުންފުންޏަށް 13 މިލިއަން ޑޮލަރު ދޭންޖެހޭކަމަށް ކަނޑައެޅި ކޯޓެއް ނެތެވެ. އެހެން ނަމަވެސް އެއީ ބަލަން ޖެހޭނެ މައްސަލަ އެއް ކަމަކަށް މާލިއްޔަތު ކޮމިޓީއަކަށް ނުފުނުނެވެ.
އަނެއްކޮޅުން ހޮސްޕިޓަލްގެ އިހުމާލަކުން، 2021 ވަނަ އަހަރު 5 އަހަރުގެ ކުޑަކުއްޖަކު މަރުވި މައްސަލައެއްގައި، ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން، މަދަނީ ބަދަލެއްގެ ގޮތުގައި އާއިލާއަށް ފައިސާ ދިނުމަށް އެއްބަސްވެވިދާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މި ދިޔަ ޖޫން މަހު ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އެއީ ވެސް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން ނިންމި ނިންމުމެއް ނޫނެވެ.
އެހެން ނަމަވެސް އެއީ ވެސް ބަލަން ޖެހޭނެ ކަމެއް ކަމުގައި މާލިއްޔަތު ކޮމިޓީ އަށް ފާހަގަ އެއް ނުވިއެވެ.
ބޮޑެތި ސެޓްލްމަންޓް މައްސަލަތައް އުފަންވީ މުއިއްޒު ގެ ސަބަބުން
ދިވެހި ދައުލަތައް ކުރިމަތިވި މުހިންމު ބައެއް ސެޓްލްމަންޓް މައްސަލަތަކަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އާ ސީދާ ގޮތުން ގުޅިފައިވާ މައްސަލަތަކެއް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން، ކުރެވޭ ތަހުގީގުތަކުގައި މިހާރުގެ ރައީސް ގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް ފެނެއެވެ.
މީގެ ތެރެއިން އެއް މައްސަލަ އަކީ މަޝްހޫރު ނޫމަޑި އެއްބަސްވުމުގެ މައްސަލައެވެ. އެއްބަސްވުން ބާތިލު ކުރެއްވީ މިނިސްޓަރަކަށް ހުންނަވައިގެން މުއިއްޒުއެވެ. އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން، މުއިއްޒު ޔޫ-ޓާން ނަންގަވާ ދިވެހި ދައުލަތާ ދެކޮޅަށް ބަޔާން ދެއްވިއެވެ. އެކަމުން މުއިއްޒަށް ލިބިވަޑައިގަތީ ކޮން އެއްޗެއް ކަމެއް ނޭގުނަސް ކަންކުރެއްވީ އެހެންނެވެ.
އެ މައްސަލައިގައި އާބިޓްރޭޝަނަށް ދެއްވި ބަޔާނާ ރައްޔިތުންގެ މަޖިލިސް ކޮމިޓީއަށް ދެއްވި ބަޔާނާ ދިމާނުވާތީ، ދޮގު ބަޔާނެއް ދިން ކަމުގެ ދައުވާވެސް މުއިއްޒުގެ މައްޗަށް ކުރެވުނަސް އަސްލު މައްސަލަ އަކީ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން އަދި ފަހުން މުއިއްޒު ވަޑައިގެން ދައުލަތާ ދެކޮޅަށް ބަޔާން ދެއްވުމުގެ ރާއްޖެ އަށް މައްސަލަ ނާކާމިޔާބުވެ، ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހުމެވެ.
މީގެ އަނެއް މައްސަލަ އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި، ގުޅިފަޅު ހިއްކައިގެން ތަރައްގީކުރުމަށް ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް (GPD) ނަމަކަށް ކިޔާ ބޭރު ކުންފުންޏަކާ ހަވާލުކޮށްގެން އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް، ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާ މިހާރުގެ ރައީސް އެ އެއްބަސްވުން ބާތިލުކޮށްލެއްވުމުން އުފެދުނު މައްސަލަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ވަނީ މައްސަލަ ހުށަހަޅައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 300 އެތައް މިލިއަން ޑޮލަރެއް ހޯދަން އެދިފައެވެ.