މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑެތި ވައްކަން ކުރަމުން ދާ ކަމަށާއި، އެކަން އެގޮތައް ހިނގަމުން ދާއިރު، ރައްޔިތުން އިންތިޚާބު ކުރި މެމްބަރުން މަންމަނު ވެފައި ތިބުމަކީ ގައުމަށް ގައްދާރުވުން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ސަރުކާރުގެ ކޯލިޝަން ގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ތަމްސީލު ކުރައްވާ މެމްބަރު ވިދާޅުވީ، މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ވީ އިރު ގައުމަށާއި ރައްޔިތުންނަށް އެއް ކަމެއްވެސް ކޮށް ނުދެވުނު ކަމަށެވެ.
ރައީސް މުއިއްޒަށް އިޝާރާތް ކުރައްވަމުން، އައްބާސް ވިދާޅުވީ، "ތިމާގެ މޮޅުކަމާއި، ގަދަކަމާއި، ކިބުރުވެރިކަން ދައްކަން ޓެކްސް ދައްކާ ފަރާތްތަކުގެ އަގު ވައްޓާލައި، އެބައި މީހުންނާއި ރައްޔިތުންނާ ޖެއްސުން ކުރަމުން،" ދާ ކަމަށެވެ.
"ވެރިކަމަށް އައުމުގެ ކުރިން ކުރިހާ ވަޢުދުތަކާއި، ދެއްކި ހާ ފޮނި ވާހަކަތަކަށް ޢަމަލީ ސިފަ ނައުމަކީ، ނުވަތަ ތިމާގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، މޮޅުކަން ދައްކަން ޓެކްސް ޕޭޔަރުންގެ އަގު ވައްޓާލާ، އެބައި މީހުންނާއި ރައްޔިތުންނާ ޖެއްސުން ކަމަށް ދެކެނީ ތޯ؟" އައްބާސް ސުވާލު ކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ދިފާއު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ބަހުސް ތަކުގައި މީގެ ކުރިން ވާހަކަ ދެއްކެވި އައްބާސް އިތުރަށް ވިދާޅުވީ، ގައުމު މިހާލަތުގައި އޮއްވާ، ރައްޔިތުންގެ އަނގަ އާއި އަތާ ދިމާ ނުވެ، ބޭސްފަރުވާ ނުކުރެވި ސަލާންޖަހަން ޖެހިފައިވާ ހާލަތެއްގައި ވަނިކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ފުށި ދިއްގަރު ފަޅު ހިއްކުމަށްވުރެ، ރަށްރަށުގައި ހުއްޓިފައި ހުރި ޕްރޮޖެކްޓްތައް ފެށުން މާ މުހިންމު ކަމަށެވެ.
އައްބާސް ވަނީ ޑރ. މުއިއްޒުގެ ސަރުކާރަކީ ޚުދުމުޚުތާރު ސިފަ ތަކުގެ މައްޗަށް ހިނގަމުންދާ ސަރުކާރެއް ކަމަށާއި އެކަން އެގޮތައް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަދަދުވެރިކަމަށް އިޝާރާތް ކުރައްވާފައެވެ. "ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެންބަރުން އިންތިޚާބު ކުރީ އެކަކުގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ދީ، ހުދުމުޚްތާރު ވެރިކަމެއް ކުރަން ފުރުޞަތު ދޭކަށް ނޫން. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ވިސްނަން ޖެހޭ،" ކަމަށް އައްބާސް ވިދާޅުވިއެވެ.