ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 16:10
ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލް
ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލް
ރާއްޖެއެމްވީ
ހުރަވީ ސްކޫލުގެ ދަރިވަރަކު ނިޔާވުން
ކާން އިންދާ ކުއްލި ގޮތަކަށް ނިޔާވި ދަރިވަރުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދަރިވަރު ވަނީ ނިޔާވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައި

ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކުއްލި ގޮތަކަށް ނިޔާވި ދަރިވަރުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނައިބުު ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ އެ ދަރިވަރު ނިޔާވީ ބުރާސްފަތި ދުވަހު ސްކޫލް އިންޓަވަލް ގަޑީގައި ކާން އިންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ފާޠިމަތު ޝިމާ މުޙައްމަދު، ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ނިޔާވި ޚަބަރު އެއްސެވީ ފުން އަސަރާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، އެ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އެ މަޢުޞޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ލެއްވުން އެދިވަޑައިގެން ވަނީ ދުޢާކުރައްވާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މަރްޙޫމާ ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލަންދޫ އަށް އުފަން ޝިމާ މުހައްމަދު ނިޔާވި ހާދިސާ އާ ގުޅޭގޮތުން ފުލުހުން ބުނީ، ހުޅުމާލޭގެ ހުރަވީ ސްކޫލުގެ ދަރިވަރަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް