Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިޓޯލްގެ ކޮރަޕްޝަން

ވިޓޯލް: އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ފެށި ބަންކަރިންގެ ފަހަތުގައި ކަރަޕްޓް ތެޔޮ ކުންފުންޏެއް!

ވިޓޯލް އަކީ ރިޝްވަތު ދިނުމާއި، ޓެކްސް ނުދެއްކުމާއި (ޓެކްސް އިވޭޝަން)، ކޮރަޕްޝަނާއި، ސިޔާސީ ގޮތުން ޚިލާފުތަކާއި ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުން ނާޖާއިޒު ފައިދާ ނެގުމުގެ މާޒީއެއް އޮތް ކުންފުންޏެކެވެ. މިފަދަ ކުންފުންޏަކާއެކު ދިވެހިރާއްޖެއިން އެއްބަސްވުމަކަށް އައުމުން ރާއްޖެއަށް ޙަޤީޤަތުގައިވެސް ކުރާނީ ފައިދާތޯ، ނޫނީ މިކަން ވެގެންދާނީ ވިޓޯލްގެ ކޮރަޕްޝަންގެ މާޒީއަށް އިތުރުވާ އަނެއް ސަފްޙާއަށްތޯ، މިއީ އުފެދޭ މުހިންމު ސުވާލެކެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 19:03
ރާއްޖޭން ވިޓޯލް އާ އެކު ވި އެއްބަސްވުމަކީ އަޑިނޭގޭ އެއްބަސްވުމެއް

ރާއްޖޭން ވިޓޯލް އާ އެކު ވި އެއްބަސްވުމަކީ އަޑިނޭގޭ އެއްބަސްވުމެއް

އިހަވަންދިއްޕޮޅުގައި މިހާރު ފަށާފައިވާ ބަންކަރިންގ ޚިދުމަތް ޤާއިމުކުރުމަށް ވިޓޯލް އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމާ ގުޅިގެން މިކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަން ފާހަގަކުރެވެއެވެ. ބައިނަލްއަޤްވާމީ ތެލުގެ ވިޔަފާރީގައި ނަން މަޝްހޫރު ކުންފުންޏެއް ކަމުގައި ބުނާ ވިޓޯލްއަކީ، ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތާއި، ސުވާލު އުފެދޭ ފަދަ އެތައް ގުޅުންތަކެއްގެ ތާރީޚެއް އޮތް ކުންފުންޏެކެވެ. ދުނިޔޭގެ ފެންވަރުގައި ނުފޫޒު ގަދަ ކުންފުންޏެކޭ ބުނެވުނަސް، ވިޓޯލްގައި މަސައްކަތްކުރަނީ އެންމެ 3،000 އެއްހާ މުވައްޒަފުންނެވެ. ދިވެހިރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް މިއަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަން ފާހަގަކޮށްލެވެއެވެ. މި ޙާލަތުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ، ބައިނަލްއަޤްވާމީ ބީލަމަކަށް ހުޅުވާނުލައި، މިހާ ބޮޑު ކޮރަޕްޝަންގެ ރެކޯޑެއް އޮތް ކުންފުންޏަކާ ޤައުމީ ފެންވަރުގެ މުހިންމު މަޝްރޫޢެއް ދިވެހި ސަރުކާރުން ޙަވާލުކުރަނީ ކީއްވެގެން ހެއްޔެވެ؟

ވިޓޯލް އާއެކު އެކި ޤައުމުތަކުން ވެފައިވާ އެއްބަސްވުންތަކުން، ޚާއްސަކޮށް ސިޔާސީ ގޮތުން ހަމަނުޖެހުންތައް ބޮޑު ޤައުމުތަކުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް އުފެދިފައި އެބަހުއްޓެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ލީބިޔާގައި ހިނގި ހަނގުރާމާގައި ކަންތައް ހިނގައިދިޔަ ގޮތެވެ. މުޢައްމަރު ގައްޒާފީއާ ދެކޮޅަށް ބަޣާވާތްކޮށް، ހަނގުރާމަކުރަމުން ދިޔަ މީހުންނާ ބައިއަތު ހިފާ، ވިޓޯލް އިސްނަގައިގެން ތެޔޮ ސަޕްލައިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނެވެ. ވަރަށް ހައްސާސް އަދި އެހާމެ ނުރައްކާތެރި ހަނގުރާމައެއްގެ ތެރޭގައިވެސް، ވިޓޯލްގެ އޭރުގެ ސީއީއޯ އިއާން ޓެއިލަރ އަމިއްލަ އިސްނެގުމުގެ މަތިން ބެންޣާޒީއަށް ދަތުރުކޮށް، މި ޑީލް ނިންމިއެވެ. ވިޓޯލް އިން ބަޣާވާތްކުރި ހަނގުރާމަވެރިންނަށް ތެޔޮ ސަޕްލައިކޮށްދިނުން ވެގެންދިޔައީ ގައްޒާފީގެ ވެރިކަން ވެއްޓުމުގެ މައިގަނޑު އެއް ސަބަބު ކަމުގައެވެ. އެއާއެކު، ހަނގުރާމައިގެ ސަރަޙައްދުތަކުން ނާޖާއިޒް ފައިދާ ނެގުމުގައި ވިޓޯލްގެ ދައުރާ ބެހޭގޮތުން ސީރިއަސް ތުހުމަތު ތަކެއް ކުރެވި، ސުވާލުތަކެއް އުފެދުނެވެ.

ހަމައެއާއެކު، ބޯލްކަން ހަނގުރާމައިގެ ދުވަސްވަރު، ސާބިޔާއަށް ތެޔޮ ފޯރުކޮށްދިނުމާ ގުޅޭ ވިޔަފާރީގެ މައްސަލައެއް ހައްލުކުރުމަށްޓަކައި ހަނގުރާމަ އާއި އަނިޔާވެރިކަމަށް މަޝްހޫރުވެފައިވާ 'އަރކަން' އަށް ވިޓޯލް އިން 1 މިލިއަން އެމެރިކާ ޑޮލަރު ދިނެވެ. ސާބިއާއަށް އިޤްތިޞާދީ ދަތިތަކާ ކުރިމަތިވެފައިވަނިކޮށްވެސް، ކުންފުނީގެ މަޞްލަޙަތުތައް ޙިމާޔަތްކޮށްދިނުމަށްޓަކައި "މެދުވެރިއެއް" ގެ ގޮތުގައި ޢަމަލުކުރުމަށް ވިޓޯލްއިން އަރކަން ޢައްޔަންކުރިއެވެ.

މީގެއިތުރުން 2023 ވަނަ އަހަރު ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ދިގުދެންމުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ވިޓޯލްއަށް ކުރެވުނެއެވެ. ޔުކްރެއިންގެ އޮފިޝަލުން އެ ކުންފުންޏާ ދެކޮޅަށް ތުހުމަތުކުރީ، ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކުގައި ހުރި އުނިކަންކަމުގެ ފައިދާ ނަގައި، ރަޝިޔާގެ ތެޔޮ ވިޔަފާރި ތުރުކީ މެދުވެރިކޮށް ޔޫރަޕްގެ މާކެޓަށް ވައްދަމުންދާ ކަމަށެވެ. ރަޝިޔާއިން އުފައްދާ ތެލުން ވިޔަފާރިކުރުން ހުއްޓާލާނެ ކަމަށް ޢާންމުކޮށް އިޢުލާނުކޮށްފައި ވީނަމަވެސް، މިފަދަ މުޢާމަލާތްތަކުން ވިޓޯލް ދިޔައީ ފައިދާ ނަގަމުންނެވެ. މިއާ ގުޅިގެން، އެ ކުންފުނީގެ އަމިއްލަ ފައިދާއަށާއި މަސްލަޙަތަށްޓަކައި ހަނގުރާމަތަކަށް ބާރުދޭކަމަށް ތުހުމަތުކުރެވި، ކަންބޮޑުވުން އުފެދުނެވެ.

ވިޓޯލްގެ މައްޗަށް ތުހުމަތުކުރެވެނީ ހަމައެކަނި ހަނގުރާމައިގެ ސަރަޙައްދުތަކުން ފައިދާ ނެގުމަކަށް އެކަންޏެއް ނޫނެވެ. "ތެލުގެ ބަދަލުގައި-ކާބޯތަކެތި" ގެ ނަމުގައި އިރާޤުގައި ހިންގި ޕްރޮގްރާމްގެ ތެރޭގައި ފާޅުކަން ބޮޑު ކޮރަޕްޝަން މައްސަލައެއްގައި ވެސް ވިޓޯލް ޝާމިލުވިއެވެ. ފައިދާ ބޮޑު ތެލުގެ އެއްބަސްވުންތަކެއް ހޯދުމުގެ ބޭނުމުގައި، ވިޓޯލް އިން ސައްދާމް ހުސައިންގެ ސަރުކާރަށް 13 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިނެވެ. އދ އިން އިރާޤުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކާ ސީދާ ޚިލާފު ޢަމަލެކެވެ. ނަތީޖާއެއްގެ ގޮތުން ވިޓޯލަށް 17.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ.

މީގެއިތުރުން، ލެޓިން އެމެރިކާގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމުގައިވާ ޕެޓްރޯބްރާސް ރިޝްވަތުގެ މައްސަލައިގައިވެސް ވިޓޯލް ޝާމިލުވިއެވެ.

ފައިދާ ބޮޑު ތެލުގެ ވިޔަފާރީގެ ޑީލްތަކެއް ނިންމުމަށްޓަކައި، ރިޝްވަތުގެ ގޮތުގައި 8 މިލިއަން އެމެރިކާ ޑޮލަރު ވިޓޯލްއިން ބްރެޒިލް ސަރުކާރުގެ ތެލުގެ ކުންފުންޏެއް ކަމަށްވާ ޕެޓްރޯބްރާސްގެ އިސް މުވައްޒަފުންނަށް ދިނެވެ. ރިޝްވަތު ދީގެން، ވިޓޯލް އިން 2020 ވަނަ އަހަރު ބްރެޒިލް ސަރުކާރާއެކު 135 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރިއެވެ.

ހަމައެގޮތަށް، ރިޝްވަތުގެ ގޮތުގައި 2 މިލިއަން އެމެރިކާ ޑޮލަރު އިކުއެޑޯ އާއި މެކްސިކޯ އަށް ދިންކަމަށާއި، މި ފައިސާ ޖަމާކޮށްފައިވަނީ ފޭކް އެއްބަސްވުންތަކާއި އެކައުންޓްތައް ބޭނުންކޮށްގެން ކަމަށް ވިޓޯލް އިން އެއްބަސްވެފައިވެއެވެ.

ކޮރަޕްޝަނުގެ އިތުރުން، ވިޓޯލް އަކީ ޓެކްސް އަށް މަކަރު ހެދުމުގެ ރެކޯޑް އޮތް ބައެކެވެ. 2014 ވަނަ އަހަރު "ދަ އިންޑިޕެންޑެންޓް" އިން ކުރި ތަޙުޤީޤަކުން ހާމަވި ގޮތުގައި، ޓެކްސް ރޭޓް ކުޑަކުރުމަށްޓަކައި، ވިޓޯލް އިން ވަނީ ލަންޑަނުގެ ފައިދާ ބޮޑު ވިޔަފާރިތަކުން ލިބޭ ފައިދާ ޓެކްސް ރޭޓް ކުޑަ ޤައުމެއް ކަމުގައިވާ ސުވިޒަލޭންޑަށް ބަދަލުކޮށް، ޓެކުހަށް މަކަރު ހަދާފައެވެ. ލަންޑަނުގައި ތިބޭ ވިޓޯލްގެ މުވައްޒަފުންނަކީ ހަމައެކަނި "ބްރޯކަރުން" ގެ ގޮތުގައި ދައްކުވާ، އެމީހުންގެ ޑީލްތަކުން ލިބޭ ފައިދާ ސުވިޒަލޭންޑަށް ބަދަލުކޮށް، ވިޓޯލް އިން ހުރީ އިނގިރޭސިވިލާތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އޮޅުވާލާފައެވެ.

9 އަހަރުގެ ތެރޭގައި 15 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ފައިދާ އެއް ލިބުނު ނަމަވެސް، ވިޓޯލް އިން ދެއްކި އެވްރެޖް ޓެކްސް ރޭޓަކީ އެންމެ 10.5 އިންސައްތައެވެ. 2013 ވަނަ އަހަރު، 846 މިލިއަން ޑޮލަރުގެ ފައިދާ ވިޓޯލް އަށް ވި ނަމަވެސް، އެ ކުންފުނިން ދެއްކީ ޓެކްސްގެ ގޮތުގައި އެންމެ 2.6 އިންސައްތައެވެ.

ކޮރަޕްޝަނާއި ޓެކްސް އަށް މަކަރު ހެދުމުގެ ދިގު މާޒީއެއް ވިޓޯލްގައި އޮތްއިރު، ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ ބީލަމެއް ހުޅުވާނުލައި މި ކުންފުންޏާއެކު ވިޔަފާރި ގުޅުމެއް ޤާއިމުކުރުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެ އަދި ބޭރުގެ ކުންފުނިތަކުގެ މެދުގައި ކޮންސޯޓިއަމެއް ހަދައިގެންވެސް މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ ފުރުސަތު ރާއްޖެއަށް އޮތެވެ. މިގޮތުން ކުރިއަށް ގެންދިޔަނަމަ، ބަންކަރިން ޚިދުމަތުން ލިބޭ ފައިދާ ރާއްޖޭގައި ހިފެހެއްޓި، ރާއްޖޭގެ އިޤްތިޞާދު މާބޮޑަށް ވެސް ކުރިއެރީހެވެ. ނަމަވެސް، މިފަދަ ފުރުސަތުތައް އޮވެ، އެ ފުރުސަތުތައް ދޫކޮށްލައި، ސަރުކާރުން މިހާރު މިދަނީ ދިވެހިރާއްޖޭގެ މުހިންމު މުދަލެއް ސީރިއަސް ތުހުމަތުތަކެއް ކުރެވި، އެތަށް ފަހަރެއްގެ މަތިން ފިޔަވަޅުވެސް އެޅިފައިވާ ކުންފުންޏަކާ ހަވާލު ކޮށްފައެވެ.

ބީލަމަކަށް ހުޅުވާނުލުމުގެ ސަބަބުން ރާއްޖެ އަށް މިގެއްލުނީ، މިއަށް ވުރެ މާ އިތުބާރު ހިފޭ، ކުންފުނިތަކާ އެކު އެއްބަސްވުމަކަށް އައުމުގެ މުހިއްމު ފުރުސަތުތަކެކެވެ. ދެން އުފެދޭ ސުވާލަކީ، މި ޑީލުން ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަށް ވާނީ ފައިދާ ތޯ ނޫނީ ރާއްޖެ ވެގެންދާނީ ވިޓޯލްގެ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ އަނެއް ޝިކާރައަށްތޯ އުފެދޭ ސުވާލެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ވިޓޯލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ޝަރުތުތައް ސާފުކޮށް އެނގެން ނެތުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ބަންކަރިންގ ޚިދުމަތް މެދުވެރިކޮށް ރާއްޖެ އަށް ޙަޤީޤަތުގައި ފައިދާ ލިބޭނީ ކިހާ މިންވަރަކަށްތޯ ވެސް ވިސްނާލުން މުހިއްމެވެ. މި ޚިދުމަތުން ލިބޭ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް އަނބުރާ އިންވެސްޓްކުރެވޭނެތޯ، ނުވަތަ ވިޓޯލްއިން ދުނިޔޭގެ އެހެން ހިސާބުތަކުގައި ކޮށްފައިވާ ފަދައިން، މި ފައިދާ އޮފްޝޯ އެކައުންޓްތަކަށް ބަދަލުކުރެވޭނީތޯ މިއީ އުފެދިފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ، ވިޓޯލްއަކީ މިފަދަ އެތައް ސީރިއަސް މައްސަލަތަކެއްގެ މާޒީއެއް އޮތް ކުންފުންޏެއް ކަމުގައި ވުމެވެ.

އެގޮތުން، ވިޓޯލްއިން ކަޒަކިސްތާނުގެ ވެރިކަންކުރާ ޢާއިލާއާ ގުޅުންހުރި ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކާ ގުޅިގެން އެތައް ބިލިއަން ޑޮލަރުގެ ތެލުގެ އެއްބަސްވުންތަކެއް ވެސް ވަނީ ހޯދާފައެވެ. މި މުޢާމަލާތްތަކަށް ކޮރަޕްޝަނުގެ ޢަމަލުތައް ކަމަށް ފާޅުކަންބޮޑު ގޮތެއްގައި ތުހުމަތު ކުރެވުނެވެ. މި މުޢާމަލާތްތަކުން ލިބުނު ފައިދާގެ ބޮޑު ބައެއް އޮފްޝޯ އެކައުންޓްތަކަށް ބަދަލުކުރެވި، އެންމެ ފަހުން ކަޒަކިސްތާނަށް ލިބުނީ ވަރަށް ކުޑަކުޑަ އެއްޗެކެވެ. ވިޓޯލްއިން މި އުކުޅުތައް ދިވެހިރާއްޖޭގައިވެސް ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ.

ދިވެހިރާއްޖެއިން މިހާ ބޮޑު މަޝްރޫޢެއް، އެހާ ކަޅު މާޒީއެއް އޮތް ކުންފުންޏަކާ އެކީގައި ފެށުމަކީ ހަޤީޤަތުގައި ވެސް އެކަމުގައި އެތައް ސުވާލުތަކެއް އުފެދޭ ކަމެކެވެ. އެހާމެ ނުރައްކާތެރި ކަމެކެވެ. މާޒީގައި ރިޝްވަތު ދިނުމާއި، ޓެކްސް ނުދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންތައްތައް ހިމެނިފައިވާ ކުންފުންޏަކާއެކު، އެއްބަސްވުން ހެދުމުގެ ސަބަބުން، ރައްޔިތުންނަށް ދިވެހި ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ޚިދުމަތްތަކާއި، ފުރުސަތުތަކާއި، ފައިދާ ލިބޭނެ ކަމާމެދު މާބޮޑަށް ވެސް ސުވާލުއުފެދެއެވެ.

އެހެންކަމުން، ސަރުކާރުން މިކަމުގެ ހަޤީޤަތް ދިވެހިރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ. މި ޑީލްގެ ސަބަބުން ފައިދާވާނީ ކޮން ބަޔަކަށްކަމާއި، ފައިދާގެ ގޮތުގައި ލިބޭ ފައިސާ ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ދައުރުވާނެ ގޮތުގެ ތަފްޞީލު ހާމަކުރަންޖެހެއެވެ. މީގެ އިތުރުން، ވިޓޯލްއާ ގުޅިގެން ފާހަގަކުރެވިފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށްޓަކައި އެޅިފައިވާ ނުވަތަ އެޅުމަށް ރޭވިފައިވާ ޚާއްސަ ފިޔަވަޅުތަކަކީ ކޮބައިކަން ބުނެދޭންޖެހެއެވެ. މި އެންމެހައި ކަންކަމާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް އެއްވެސް ޝައްކެއްނެތް މިންވަރަށް ސާފު މަޢުލޫމާތު ހިއްސާކޮށްދޭން ޖެހެއެވެ.

ނޯޓް: މިއީ ހުސެއިން ފިރުޝާން ކްލެރިޓީ ވޮޗްގައި ލިޔެފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!

ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!

16 ނޮވެމްބަރު 2019
"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

24 އޮކްޓޯބަރު 2019
"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

02 އޯގަސްޓު 2019
ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

23 ޖޫން 2019
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު