މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށާއި އަދި 'ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް' ގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވަފިއެވެ.
މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަމަށެވެ.
ރައީސް ވަނީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވާނޭކަންވެސް ފާހަގަކުރައްވާފައެވެ.
ކޮޕް28 އިން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަ ކުރައްވާ އަދި 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާޞިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލުވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ޑރ. މުއިއްޒު ޙިއްސާކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެއެވެ.
މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޤަސްދުކުރައްވާފައިވާ ގޮތްވެސް ޑރ. މުއިއްޒު ޙިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް ވިދާޅުވީ މިއަމާޒުތަކަށް ވާޞިލުވުމަށްޓަކައި، ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީގައި ޤާއިމްކުރައްފައިވާ ކަމަށާއި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީގައި ތަރައްޤީކުރައްވަމުން ގެންދަވާކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އިއާދަ ކުރަނިވި ހަކަތައިގެ ރޮނގުން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ގައުމުތަކުންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.