Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް ދަރިވަރުންގެ މުޒާހަރާ

ބޮޑުވަޒީރު ހަސީނާގެ އިސްތިއުފާ އަށް ގޮވަމުން ބަންގްލަދޭޝްގެ ދަރިވަރުން ކުރާ މުޒާހަރާ ވަރުގަދަ ކޮށްފި

މުޒާހަރާގެ ލީޑަރުންނާ ބައްދަލު ކުރައްވަން ހަސީނާ ދެއްވި ދައުވަތު ގަބޫލު ނުކުރާނެ ކަމަށާއި މަދަނީ ބަސްނޭހުމަކަށް ދިއުމަށް މުޒާހަރާގެ ލީޑަރުން ވަނީ ގޮވާލާފައެވެ.

ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 18:19
ދާދިފަހުން ބަންގްލަދޭޝް ގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް އަދި މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ދަރިވަރުން ހިނގާލުމެއްގައި

ދާދިފަހުން ބަންގްލަދޭޝް ގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް އަދި މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ދަރިވަރުން ހިނގާލުމެއްގައި

ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ގައި މަދުވެގެން 200 މީހުން މިހާތަނަށް މަރުވެފައިވާއިރު، މަރުވި މީހުންގެ އާޢިލާތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެތައް ހާސް ދަރިވަރުން އަނެއްކާވެސް މަގުމައްޗަށް ނުކުމެއްޖެއެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާގައި ލީޑަރުން ގޮވާލާފައިވަނީ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވަންދެން މުޅި ގައުމު މަދަނީ ބަސްނޭހުމަކަށް ދިއުމަށެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުންނާ ބޮޑު ވަޒީރު ބައްދަލު ކުރައްވަން ސަރުކާރުން ހޮނިހިރު ދުވަހު ހުށަހެޅުމުން އެކަމަށް މުޒާހަރާގެ ލީޑަރުން ވަނީ ނޫނެކޭ ބުނެފައެވެ.

މުޒާހަރާގެ ލީޑަރުން ބުނެފައިވަނީ ހަސީނާ އަށް ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާ އިންސާފުގެ ކުރިމައްޗަށް ވަޑައިގަންނަވަން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބަންގްލަދޭޝްގައި ވަޒީފާ ދިނުމުގައި ގެންގުޅޭ ކޯޓާ ނިޒާމުގައި ހިމެނޭ ބޭއިންސާފާ ދެކޮޅަށް ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ފުޅާވެ މިހާރު ސަރުކާރާ ދެކޮޅު ގައުމީ ހަރަކާތަކަށް މުޒާހަރާ ބަދަލުވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހުވެސް ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ.

ހަސީނާ ވަނީ ހޮނިހިރު ދުވަހު މުޒާހަރާގެ ލީޑަރުންނަށް އެކަމަނާގެ ރަސްމީ ގަނޑުވަރަށް އައުމަށް ދައުވަތު ދެއްވާފައެވެ. މުޒާހަރާގެ ލީޑަރުންނަށް "ދޮރު ހުރީ ހުޅުވިފައި" ކަމަށް ހަސީނާ ވިދާޅުވިއެވެ. ހަސީނާ ވިދާޅުވިކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވަނީ، ކަންބޮޑުވެގެން އުޅޭ ދަރިވަރުންނާ އެކު އިށީންނަވާ އެމީހުންގެ އަޑުއައްސަވަން ބޭނުންފުޅު ކަމަށެވެ. އޭގެ އިތުރުން ބޮޑުވަޒީރު ވަނީ މުޒާހަރާ ލީޑަރުންނާ މަޝްވަރާ ކުރުމަށް ތިން މެމްބަރުންގެ ކޮމިޓީ އެއް ވެސް އުފައްދަވާފައެވެ. މިއިން އެއްވެސް ހުށަހެޅުމެއް މުޒާހަރާގެ ލީޑަރުން ގަބޫލުކޮށްފައި ނުވާކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން މުޒާހަރަ އަށް ނުކުތީ އެ ގައުމުގައި އަމަލު ކުރަމުން ދިޔަ ވަޒީފާގެ ކޯޓާ ނިޒާމް އާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ސަރުކާރު ވަޒީފާތަކުގެ ދެ ބައިކުޅަ އެއްބަޔަކީ ވަކި ބަޔަކަށް ޚާއްސަ ކޮށްފައި އޮންނަ އެއްޗަކަށް ވާތީ އެކަމާ އިހްތިޖާޖު ކުރަން ދަރިވަރުން ފެށުމުން ބަންގްލަދޭޝްގެ ސްޕްރީމް ކޯޓުން ވަނީ ކޯޓާ ސިސްޓަމަށް އިސްލާހް ތަކެއް ގެނެސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުގެ ތަފާސް ހިސާބު ދައްކާގޮތުން ބަންގްލަދޭޝްގެ 18 މިލިއަނަށް ވުރެ ގިނަ ޒުވާނުން ވަޒީފާއެއް ނެތިފައި އެބަތިއްބެވެ. ޔުނިވަރސިޓީތަކުން ކިޔަވާ ނިމޭ ދަރިވަރުންނަށް ވަޒީފާ އެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނޯންނަ ކަމަށް މުޒާހަރާ އަށް ނުކުތް ދަރިވަރުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ޔުނިވަރިސިޓީ ދަރިވަރުން ފެށި މުޒާހަރާ ފުރަތަމަ ކޮޅު ސުލްހަވެރިކަމާ އެކު ގޮސް މަސްރަހް ހޫނުވީ، ފުލުހުންނާއި ސަރުކާރަށް ތާއީދު ކުރާ ދަރިވަރުންގެ ގްރޫޕްތަކުން މުޒާހާރާގެ ބައިވެރިންނާ ކުރިމަތިލާން ފެށި ހިސާބުންނެވެ.

ހަމަ ނުޖެހުންތަން މައިތިރި ކުރަން ކަމަށް ބުނެ ސަރުކާރުން އަސްކަރިއްޔާ މަގުތަކަށް ނެރެ، ކާފިއު ހިންގާ، މޯބައިލް އިންޓަރނެޓްގެ ޚިދުމަތް 11 ދުވަހަށް ކަނޑާލި ނަމަވެސް މުޒާހަރާގެ ލީޑަރުން ބުނެފައިވަނީ އެމީހުންގެ އިހްތިޖާޖު ހުއްޓާ ނުލާނެ ކަމުގައެވެ.

ހަމަ ނުޖެހުންތަކުގައި 200 ވަރަކަށް މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 32 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯކާ ޓާރކް ވަނީ ފުލުހުން މުޒާހަރާ އަށް ހުރަސް އެޅުމުގެ ތެރޭގައި މަރުވި މީހުންނާއި، އަނިޔާވި މީހުންގެ ތަފްސީލް ހާމަ ކުރުމަށް ހަސީނާގެ ސަރުކާރަށް ގޮވާލާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން ހާލާތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ މައްސަލަ ބައިނަލްއަގްވާމީ ފެންވަރުގައި ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު