ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 11:39
ލާން ގެންގުޅޭ އަންނައުނާއި އަރަން ގެންގުޅޭ އިސްޓާކީނު ފަދަ ތަކެތި ދޮވުމަށް ލުނބޯހުތަކީ ހައިރާން ކުރަނިވި ނަތީޖާތަކެއް ދައްކާ އޭޖެންޓެއް ކަމަށްވޭ
ލާން ގެންގުޅޭ އަންނައުނާއި އަރަން ގެންގުޅޭ އިސްޓާކީނު ފަދަ ތަކެތި ދޮވުމަށް ލުނބޯހުތަކީ ހައިރާން ކުރަނިވި ނަތީޖާތަކެއް ދައްކާ އޭޖެންޓެއް ކަމަށްވޭ
ޕިންޓްރެސްޓް
ހުދު ސްޓާކީން ހުދުކޮށްލާނެ ގޮތް
ބްލީޗްއާ ނުލާ ހުދު އިސްޓާކީނަށް އުޖާލާކަން!
ލުނބޯހުތުން އިސްޓާކީނު ހުދުކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

އިންތިހާ ހަލުވި ދުވެލީގައި ބަދަލުވަމުން އަންނަ ޕެޝަންގެ ދުނިޔޭގައި، އެ އެއްޗަކަށް ދެވިފައި އޮންނަ މަޤާމު ފަނޑުވެގެން ނުދާ އެކައްޗަކީ ހުދު އިސްޓާކީނެވެ. ދުނިޔެއަށް ފުރަތަމަ ލައި ނޭވާއާއެކު ބޮލުން ވައްޓާލާ ލިބާސްކޮޅާއެކުވެސް ގިނަ ކުދިން އަރުވާފައި ހުއްޓާ ފެންނާނީ ހުދު އިސްޓާކީނަކަށެވެ. މަދަރުސީ ޙަޔާތާއި، އެއާ ވިދިގެން އަންނަ ވަޒީފާގެ މައިދާނުގައިވެސް ހުދު އިސްޓާކީނު ހޯދާފައިވާ މަޤާމަށް ބަދަލެއް ނާދެއެވެ. އެހެނެއް ކަމަކު، ހުދު އިސްޓާކީނަކީ ގެންގުޅެން މާ ފަސޭހަ އެއްޗަކަށްވެސް އޮންނަނީ ނުވެފައެވެ. ފައިން ހިއްލާ ދަލާއި، އުޅެން ޖެހިފައި އޮންނަ މާޙައުލުގެ ގޮތުންނާއި، އަރަން ޖެހޭ ބޫޓުގެ ސަބަބުން ކަމުގައި ވިއަސް، ހުދު އިސްޓާކީނުގައި ލައްޖެހޭ ވަރު އަވަސް ކަމަށް ހީކުރެވެއެވެ. ފެންނަ ފެނުމަށް، ހުދު އިސްޓާކީނު ކިލާވުންވެސް އަވަހެވެ. ދޮންނަ ވަރަކަށް، ބާ ކަމަށް ދައްކާލެއްވެސް ބޮޑެވެ.

ކަން މިހެން އޮތް ނަމަވެސް، ފިސާރި ވަރުގަދަ ބްލީޗް ނުވަތައް ލައްފިލުވާތައް ބޭނުންކޮށްގެން ހުދު އިސްޓާކީނު ދޮވުން އަހަރެމެންނާ ބީރައްޓެހި އާދައަކަށްވެއްޖެއެވެ. ނަން މަޝްހޫރު ކުރާހާ މޮޅު ބްރޭންޑްތައް ގަތުމަކަށް ޖީބު ތަނެއް ނުދެއެވެ. ކުލަމަރުވެ، ކިލާވެފައި އޮންނަ ޒާތުގެ އިސްޓާކީން ބޭނުން ކުރާކަށް ހިތެއްވެސް ޖާގައެއް ނުދެއެވެ. އެހެންވިއްޔާ، ދެން އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ ހާސް ނުވާށެވެ. އިނގިރޭސިވިލާތުގައި ސިނާޢީ ފެންވަރުގައި ސާފު ކުރުމުގެ ޚިދުމަތް ދޭ ކުންފުންޏެއް ކަމަށް ވާ ޑެއިލީ ޕޮޕިންސްގެ މެނޭޖިންގް ޑައިރެކްޓަރ، ނައިޖެލް ބެއަރމަން ވަނީ މި މައްސަލައަށް ލުއިފަސޭހަ އުކުޅުތަކެއްގެ ބޭނުން ހިފާނެ ގޮތް ކިޔައިދީފައެވެ.

ނައިޖެލް އެންމެ ފުރަތަމަވެސް ބުނީ ލުނބޯހުތުގެ ވާހަކައެވެ. ނައިޖެލް ބުނާ ގޮތުގައި ލައްފިލުވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ވަރުގަދަ މާއްދާތަކެއް ލުނބޯހުތުގައި އެކުލެވެއެވެ. ލާން ގެންގުޅޭ އަންނައުނާއި އަރަން ގެންގުޅޭ އިސްޓާކީނު ފަދަ ތަކެތި ދޮވުމަށް ލުނބޯހުތަކީ ހައިރާން ކުރަނިވި ނަތީޖާތަކެއް ދައްކާ އޭޖެންޓެއް ކަމަށްވެސް ނައިޖެލް ވަނީ ސިފަކޮށްފައެވެ. އެއްޗެހި ދޮވުމަށް ލުނބޯހުތް އެންމެ ކަމުދާ އެއް ސަބަބަކަށް ވަނީ އޭގާއި އެކުލެވޭ އެސިޑްގެ މާއްދާއަކީ ބެކްޓީރިއާ މަރާ ނުވަތަ ބެކްޓީރިއާގެ އާބާދީ އިތުރުވުން ހުއްޓުވައި އެ ބެކްޓީރިއާއަކުން ބަލި ޖެހުން ހުއްޓުވާ މާއްދާއެކެވެ. އަދި އެއީ ބަލި ޖައްސާ މައިކްރޯއޮގަނައިޒްމަންޓްތައް އުފެދި، އާލާވުން ހުއްޓުވަނިވި މާއްދާއެއްވެސް މެއެވެ. ނުވަތަ އެންޓިބެކްޓީރިއަލް އަދި އެންޓިސެޕްޓިކް މާއްދާއެކެވެ. އަދި ޤުދުރަތީ ބްލީޗްއޭވެސް ބުނެވިދާނެއެވެ.

ލުނބޯހުތުން އިސްޓާކީނު ހުދުކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ލައްޖެހިފައިވާ ހުދު އިސްޓާކީނު، ތާފަނާ ފެން އަޅާފައި ހުރި ބޯތައްޓަކަށް ލާށެވެ. އެ ފެނަކީ 1 ލުނބޯގެ ހުތް އެއްކޮށްފައިވާ ފެނަކަށް ވާން ޖެހޭނެއެވެ. އެ ފެންގަނޑުގެ ތެރޭގައި ދެތިން ގަޑިއިރަށް އިސްޓާކީނު ބާއްވާލާށެވެ.، އެއަށްފަހު ބޯތަށިން އިސްޓާކީނު ނަގައި، އާންމު މީހަކުވެސް އެއްޗެހި ދޮންނާނެހެން އެއްޗެހި ދޮވެލާށެވެ. ދޮންނަ މެޝިނުގައި އެ ވާންޖެހޭ ހުރިހާ ގޮތެއް ވެ ނިމުމަށް ފަހު ބޭރަށް ހުންނާނީ ސާފު ބޯކިރު ފޮދެއް ފަދަ އިސްޓާކީނެކެވެ. އިސްޓާކީނަށް ހުދުކަމުގެ އައު ތާޒާކަމެއް ލިބެނީ އެކަންޏެއް ނޫނެވެ. އިސްޓާކީނުގައި ހުރި ހަރުކަށިކަން ފިލުވާލާ، ސޮފްޓްނަރއެއްގެ ދައުރުވެސް އަދާކޮށްދެއެވެ. އެއީ ލުނބޯ ހުތުގައި އެކުލެވޭ ސިޓްރިކް އެސިޑްގެ ސަބަބުންނެވެ. ސިޓްރިކް އެސިޑްގެ ދައުރަކަށް ވަނީ، ދޮންނަ ކުނޑިއާއި އެ ޒާތުގެ ދިޔާ މާއްދާތަކުން އިސްޓާކީނުގައި ހަރުލާފައި ހުންނަ ބައި ނެތިކޮށްލުމެވެ.

ވިނެގަރ ނުވަތަ ބޭކިންގް ސޯޑަރ ބޭނުން ކޮށްގެން މިލަކަމާއި ލައް ފިލުވަން މަސައްކަތް ކުރާ މީހުންނަކީ އެ ކަމުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭ ބައެކެވެ. ވިނެގަރ ބޭނުންކޮށްގެން ލައް ފިލުވާނަމަ ކެކިކެކި ހުރި 1 ލީޓަރު ފެނަށް، 250 އެމްއެލްގެ ވައިޓް ވިނެގަރ އެޅުމަށްފަހު، އެއް ރޭ އެއްކޮށް އެ ފެންގަނޑުގެ ތެރޭގައި އިސްޓާކީނުތައް ބަހައްޓާނީއެވެ. ޖެހިގެން އަންނަ ދުވަހު، އިސްޓާކީނުތައް މެޝިނަށް ލުމަށް ފަހު ހިއްކާލާށެވެ. ވިނެގަރގެ ވަސްގަނޑު ކެނޑެންދެން ހިއްކާލަންވާނެއެވެ. އެއިރުން އެ ނިމުނީއެވެ.

ބޭކިންގް ސޯޑަރ ބޭނުންކޮށްގެން ލައްފިލުވާ، މިލަކަން ކަނޑުވާލަން މަސައްކަތް ކުރާ އިރު ސިންކުން ފުން ނުހިނދޭނެ ގޮތަށް ޑްރެއިން ބައްދާލުމަށްފަހު ތަފާނާ ފެން އަޅާށެވެ. އެއަށްފަހު ބޭކިންގް ސޯޑަރ އެއްކޮށްލާށެވެ. އެ ފެންގަނޑުގެ ތެރޭގައި ގަޑިއިރުތަކެއް ވަންދެން އިސްޓާކީނުތައް ބަހައްޓަން ޖެހެއެވެ. އެއަށްފަހު ރަނގަޅަށް ފެލަމުން، އިސްޓާކީނުތައް މެޝިނަށް އަޅާށެވެ. އަދި އާންމުކޮށް ދޮންނަން ބޭނުން ކުރާ ޑިޓަރޖަންޓް އަޅާށެވެ. ހަމަ އެއާ އެކު، 330 ގުރާމާއި 440 ގުރާމާ ދެމެދު މިންވަރެއްގެ ބޭކިންގް ސޯޑަރވެސް، ޑިޓަރޖަންޓް އަޅާ ބަޔަށް އަޅާށެވެ.

ލުނބޯހުތާއި، ބޭކިންގް ސޯޑަރއާއި ވިނެގަރ އެކަންޏެއް ނޫނެވެ. ތަށި ދޮންނަން ގެންގުޅޭ އޮލަ މާއްދާ ބޭނުންކޮށްގެން އިސްޓާކީނުތަކަށް އުޖާލާކަން ގެނެސް ދެވޭނެ ކަމަށް ނައިޖެލް ބުނެއެވެ. ކުރިންވެސް ހެދި ގޮތަށް، ސިންކު ތެރެއަށް ތާފަނާ ފެން އަޅާށެވެ. އަދި އެކަށީގެންވާ މިންވަރަކަށް ތަށިދޮންނަ މާއްދާ އަޅާ އެއްކޮށްލާށެވެ. އަދި ރޭގަނޑު އެއްކޮށް، އެ ފެންގަނޑުގެ ތެރޭގައި އިސްޓާކީނުތައް ބަހައްޓާށެވެ. ތަށި ދޮންނަން ޚާއްޞަ ކޮށްފައި ހުންނަ މާއްދާއަކީ، މަޑުކަން ގެނެސްދޭ ސިފަ އެކުލެވިގެން ނުވާ އެއްޗެއް ކަމުން، މި ބާވަތުގެ އެއްޗެހި ބޭނުންކޮށްގެން އިސްޓާކީނު ފަދަ ތަކެތި ދޮންނަ އިރު، ޖޯޑެއްގެ ވައިޓް ވިނެގަރ އަޅަން ހަނދާން ކުރަން ވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް