ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން މި ވަނީ ދެ ވަނަ ފައިނަލެއްގެ ޖާގަ ހޯދައިފަ އެވެ. މިއަހަރުގެ ޔޫރޯ މުބާާރާތުގެ ފައިނަލްގެ ޖާގަ އިންގްލެންޑުން ހޯދިއިރު، ސައުތުގޭޓަށް އިޙުތިރާމް ކުރަން ޖެހެ އެވެ. ނަސީބަށްވުރެ ބޮޑަށް ވެސް އެއީ، އިންގްލެންޑަަށް ފަޚުރުވެރި އަދި ބޮޑު ކާމިޔާބީ އެކެވެ.
އިންގްލެންޑުން ވާދަކުރާ ބޮޑެތި މުބާރާތް ތަކުގައި އެ ޤައުމުގެ ސަޕޯޓަރުން "ފުޓްބޯލް އިޒް ކަމިން ހޯމް' ބޭނުން ކުރަމުންދާއިރު، އެއީ އައު ކަމެއް ނޫނެވެ. މިއީ 1996 ވަނަ އަހަރު އަމިއްލަ ޤައުމުގައި ޔޫރޯ ފުޓުބޯޅަ މުބާާރާތް އޮތްއިރު، އިންގްލެންޑުގައި ޤައުމީ ލަވައެއް ފަދައިން ގޮވަމުން ދިޔަ ގޮވުމެކެވެ. މުޅި ޤައުމުގެ ސަމާލުކަން ހުއްޓިގެން ދިޔަ ގޮވުމެކެވެ.
އެހެން ނަމަވެސް، އެ ގޮވުން ވެގެން ގޮސްފައި ވަނީ އުންމީދު ކުރާ ގޮތަށް ވުރެ ބޮޑަށް، ބޭކާރު ކަމަކެވެ. މި ފާއިތުވި އަހަރުތަކަށް ބަލާއިރު، ހުނަރުވެރި އެތަކެއް ކުޅުންތެރިންތަކަކާ އެކު ވެސް، އިންގްލެންޑަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ. އެކަމުގެ ސަބަބުން މަޔޫސްވުމަކީ އިންގްލެންޑުގެ ސަޕޯޓަރުންނަށް އާދައިގެ ކަމަކަށް ވެސްވި އެވެ. އިންގްލެންޑުން ބޮޑެތި މުބާރާތްތަކާ ކުރިމަތިލީއިރު، މިފަހުން އެ ޤައުމާމެދު އުންމީދުތަކެއް ގެންގުޅެނީ ވެސް މަދު ބައެކޭ ވެސް ދެންނެވިދާނެ އެވެ.
އިންގްލެންޑުން 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން ޕެނަލްޓީގައި ބަލިވީއިރު، ސައުތުގޭޓްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެހެން ނަމަވެސް، ސައުތުގޭޓް އިންގްލެންޑުގެ ކޯޗުކަމާ ހަވާލުވެ، މާޒީގައި އެ ހިނގައިދިޔަ ގިނަ ކަންކަން ބަދަލުކޮށްފައިވާ ކަމަށް ތަޖުރިބާކާރުން ޤަބޫލު ކުރެ އެވެ. ބުދަ ދުވަހުގެ ރޭ ޖަރުމަނުގެ ޑޯޓްމަންޑުގައި ހުންނަ ވެސްޓްފެލެންސްޓޭޝަންގައި އިންގްލެންޑުން ކުޅުނު މެޗުގެ ފަހަތުގައި އޮތީ ހިނިތުންވުމާއި، އުފާވެރިކަމެވެ.
އިންގްލެންޑުން ވަނީ ސެމީ ފައިނަލްގައި ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައި، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޯ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެ މެޗުގެ ކުރިން ވެސް ސައުތުގޭޓަށް ފުރައްސާރަ އާއި ފާޑު ކިޔުންތައް ދިޔައީ އަމާޒުވަމުންނެވެ. އެހެން ނަމަވެސް، ސައުތުގޭޓް ގެންދިޔައީ އަބުރުވެރިކަމާއި، ސާބިތުކަމާއެކު އެ ފުރައްސާރަ ތަކާ ކުރިމަތިލަމުންނެވެ. މިހާރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައުތުގޭތް އެ ވަނީ، އޭނާ އަށް ކުރިމަތިވަމުން އަންނަ ކަންކަން އެއް ފަރާތްކޮށް، ބޭނުންވާ އިނާމު ހޯދުމާާ އެންމެ މެޗަކާ ގާތަށް ޖެހިލައިފަ އެވެ.
ހިތްވަރުގަދަވުމާއި، ފައިދާ
ސައުތުގޭޓް ހަވާލުވީ ފަހުން އިންގްލެންޑުގެ ކޮންމެ މެޗެއް ކަހަލަ ގޮތަކަށް ދިޔައީ އެއްގޮތަކަށެވެ. އިންގްލެންޑުން ގިނަ މެޗުތައް ރަނގަޅު ރޫޙެއްގައި ފަށާއިރު، ވަކި ހިސާބަކުން އެ ޓީމަށް މެޗު ދޫވެ އެވެ. އަނެއް ބައި މެޗުތަކުގައި އެއް ރޫޙެއްގައި އިންގްލެންޑު ކުޅެމުން ގެންދެ އެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ ފައިނަލްގައި އިންގްލެންޑު ނިކުތީ އިޓަލީއާ ދެކޮޅަށެވެ. އިންގްލެންޑުގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ، ވެމްބްލީގައި ލޫކް ޝޯ ޖެހި ލަނޑުން އިންގްލެންޑު ލީޑު ވެސް ނެގި އެވެ. އެހެން ނަމަވެސް، އިޓަލީން ނަތީޖާ ހަމަހަމަ ކުރިއިރު، ހިތްދަތިކަމާ އިންގްލެންޑުން ކުރިމަތިލާން ޖެހުނީ ޕެނަލްޓީގަ އެވެ.
ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުގައި ވެސް، ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް އިންގްލެންޑަށް ގެއްލެން ދިޔައިރު، އަނެއްކާ ވެސް ޕެނަލްޓީ ޝޫޓް އައުޓަކަށް ދާން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރި އެވެ. މެޗުގެ ވަކި ހިސާބަކުން ސައުތުގޭޓް ވަނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކިއެރަން ޓްރިޕިއާގެ ބަދަލުގައި ޝޯ ކުޅެން އަރުވައިފަ އެވެ. އެއީ އޭނާ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވެފައި ހުރުމާ ވެސް އެކު އެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ސައުތުގޭޓްގެ އުނި ކަމަކީ، އިދިކޮޅު ޓީމު ގަދަ ބާރުގެ ތެރެއަށްދާއިރު، އެކަމަށް ދޭން ޖެހޭ މިންވަރަށް އިޖާބަ ނުދިނުމެވެ. މެޗުގެ 80 ވަނަ މިނެޓާ ހަމައިން ސައުތުގޭޓް ކުޅުންތެރިން ބަދަލު ކުރަން ފެށިއިރު، އެކަމާ އެއްވެސް މީހަކު ހައިރާނެއް ނުވި އެވެ. ބައެއް މީހުންނަށް ހައިރާންކަން ލިބުނީ ކެޕްޓަން ހެރީ ކޭން ބަދަލު ކުރުމުންނެވެ.
އެހެން ނަމަވެސް، މެޗު ނިމިގެން ދިޔައިރު، ސައުތުގޭޓް ގެނައި ބަދަލުގެ ވާހަކަ އާއި އޭނާގެ ވިސްނުންް ރަނގަޅު ކަމުގެ ވާހަކަ ވެސް މީހުން ދެއްކި އެވެ. އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ކެޕްޓަން ކޭން ޖެހި ޕެނަލްޓީ އަކުންނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން ކޭން ބަދަލުކޮށް، އޭނާގެ ބަދަލުގައި އެރުވީ އޮލީ ވަޓްކިންސް އެވެ. ފިލް ފޮޑެންގެ ބަދަލުގައި ކޯލް ޕާމާ އެރުވި އެވެ. އިންގްލެންޑު ކޮޅަށް މެޗު އަނބުރާލި ދެ ބަދަލީ އެއީ ކަމަށް ވެސް މީހުން ބުނެ އެވެ. ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންގްލެންޑު މޮޅުވި ލަނޑު ޖެހީ ވަޓްކިންސް އެވެ.
އިންޤިލާބެއް
ޖަރުމަނުގެ ބާލިންގައި އޮންނަ ފައިނަލްގައި އިންގްލެންޑު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ސައުތުގޭޓްގެ ނަޒަރުގައި އޭނާ އަށް އިތުބާރު ކުރަން ޖެހެ އެވެ. އޭނާ ޓީމަށް ނަގާނީ އެންމެ ފައިދާވާނެ ކުޅުންތެރިންނެވެ. ފުރަތަމަ 11 ގައި ހިމަނާނީ އެންމެ ރަނގަޅަށް ކުޅޭނެ ކުޅުންތެރިންނެވެ. ދެން މެޗުގެ ތެރެއިން ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް އޭނާ ގެންނާނެ އެވެ. ސައުތުގޭޓް ފާހަގަ ކުރި ގޮތުގައި އޭނާ ވެސް އަދި ކުޅުންތެރިން ވެސް ކުރަމުން އަންނަނީ ޤައުމީ މަސައްކަތެކެވެ،
ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އިންގްލެންޑުގެ ކޯޗުކަމާ އޭނާ ހަވާލުވީ ކުޅުމާއި، ނަތީޖާ ރަނގަޅު ކުރަން ކަމަށެވެ. އަދި އޭނާ ހަވާލުވީ ފަހުން އިންގްލެންޑުން މި ނިކުންނަނީ ދެ ވަނަ ފައިނަލަށް ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ކުޅުނު ޔޫރޯގެ ފައިނަލަށް އިޝާރާތްކޮށް ސައުތުގޭޓް ބުނީ، އެއީ ފަންސާސް އަހަރުގެ ތެރޭގައި އިންގްލެންޑު ކުޅުނު ފުރަތަމަ ފައިނަލް ކަމަށެވެ. އޭނާ ބުނީ، މިހާރު އިންގްލެންޑު އޮތީ އަމިއްލަ ޤައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފައިނަލްގައި ކަމަށެވެ.
ސައުތުގޭޓް ޤަބޫލު ކުރާ ގޮތުގައި އިންގްލެންޑު ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ ގިނަ ދުވަސްތަކަކަށް އެކުގައި ތިބޭނެ ކުޅުންތެރިންނެވެ. އެ ޓީމުގައި މިހާރު ތިބީ ވަށްބުރެއްގެ ނިމުމުގައި ތިބި ކުޅުންތެރިން ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. ފާއިތުވި ފަންސާސް އަހަރަށް ބަލާއިރު، ސަޕޯޓަރުންނަށް ކޮންމެ ވެސް ކަހަލަ އުފާވެރިކަމެއް މިހާރު ލިބެމުން އަންނަ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އެކަމާ ސައުތުގޭޓް އިންތިހާ އަށް ފަޚުރުވެރި ވެސް ވެއެވެ.
ސައުތުގޭޓް ބުނެފައިވާ ގޮތުގައި ގޭގައި މެޗު ބަލަން ތިބި އިންގްލެންޑުގެ ސަޕޯޓަރުންނާއި، ދަނޑުތަކަށް ވަދެ މެޗު ބަލާ ސަޕޯޓަރުންނަށް ވެސް ކުރެވޭނީ އެއް އިޙުސާސެކެވެ. މިވަގުތު އެއީ އުފާވެރި އިޙުސާސެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ޖަރުމަނުގައި އިންގްލެންޑުން ތިބީ މުބާރާތް ކާމިޔާބުކޮށް، މުބާރާތުގެ ތަށި އުފުލާލުމުގެ ގަދަ ޢަަޒުމުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ސައުތުގޭޓް ހަވާލުވެ ކުރި ހަަމައެކަނި މަސައްކަތަކީ ތައްޓަށް ވާދަ ކުރާ ޓީމެއް އުފެއްދުމެއް ނޫނެވެ. އޭނާ ވަނީ އިންގްލެންޑުގައި ތިބި ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، ތަރައްޤީކޮށް، ފުރިހަމަ ފުޓުބޯޅައެއް ބިނާ ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. މިއަދު އިންގްލެންޑު ޓީމުން ފެންނަމުން އެ ދަނީ އެ މަންޒަރު ކަމަށް ތަޖުރިބާކާރުންނަށް ޤަބޫލު ކުރެވެ އެވެ.
ސައުތުގޭޓަކީ ވިސްނުންތެރި ލީޑަރެއް އަދި ތަޖުރިބާކާރު މީހެއް ކަމަށް އެމީހުން ބުނެ އެވެ. އޭނާގެ ހުރިހާ ކުޅުންތެރިންނާ އެކު މާނަހުރި ގުޅުމެއް އުފައްދައި، އެ އެންމެން ވެސް އޭނާ އަށް ޓަކައި ޝަރަފުގައި ތެދުވާނެ އެވެ. އޭނާގެ ނަފްސާނީ ކެތްތެރިކަމަކީ ނުހަނު ބޮޑު ހަނގުރާމެއް ކަމަށާއި، ކޮންމެ ގެއްލުމަކަށް ފަހު ވެސް ކާމިޔާބީ އަށް ބޭނުންވެފައިވާ ވާދަވެރި ސިލްސިލާއެއް އޭނާގެ ކިބައިގައި ހުރި ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.