ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 16:05
ހޭންޑްބޯޅައިގެ ހުނަރުތައް އަތޮޅު ތެރޭގައި ދަސްކޮށްދެނީ
ހޭންޑްބޯޅައިގެ ހުނަރުތައް އަތޮޅު ތެރޭގައި ދަސްކޮށްދެނީ
ހޭންޑްބޯލް އެސޯސިއޭޝަން
ހޭންޑްބޯލް
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
 
ގިނަ ސަރަހައްދުތަކެއްގައި މި ކުޅިވަރު ފުޅާ ކުރަން މަސައްކަތްކުރަނީ
 
އަތޮޅު ތެރޭގައި ގައުމީ ފެންވަރުގެ ހޭންޑްބޯޅަ މުބާރާތެއް

ރާއްޖޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ގިނަ ކުޅިވަރުތަކެއް މިއަދު ވެސް ފެންނަމުންދަނީ އެ ކުޅިވަރުތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކުރިއަށްގެންދާ މަންޒަރެވެ. ގިނަ މުބާރާތްތަކެއް ބާއްވައި ގިނަ ހަރަކާތްތަކެއް ހިންގަމުންދާ މަންޒަރެވެ. ނަމަވެސް އެ ކުޅިވަރެއް ހިންގައި އެއިން އެންމެ ރަނގަޅު ނަތީޖާ ފެންނަމުން ނުދާކަން އެއީވެސް ފާހަގަކޮށްލަންޖެހޭ ބޮޑު ހަގީގަތެކެވެ.

ކޮންމެ ކުޅިވަރަކަށް ވެސް ބޮޑު ހަރަދުތަކެއް ކޮށް އެ ކުޅިވަރެއް ހިންގުމުގައި ހުރިހާ ފަރާތްތަކެއް ޝާމިލް ވެގެން އުޅޭއިރު، ކުޅިވަރުން އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދުނު ކަމަށްވާނީ އެ ކުޅިވަރު ކުޅޭނެ ފަރާތްތަކެއް ވުޖޫދުކޮށް ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރުމެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ޅަ ނުވަތަ ޒުވާން ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. އުމުރުން އެންމެ ޅަ ކުޅިވަރުގެ ގޮތުގައި މި ކުޅިވަރު އޮތް އިރު، ކުޅިވަރަށް ސަމާލުކަންދޭ ނުވަތަ ކުޅިވަރު ކުޅެން ބޭނުންވާ އެތަށް ފަރާތްތަކެއް މިއަދު އެބަތިއްބެވެ. އަލަށް ނަމަވެސް މި ކުޅިވަރު ކުޅެ އޭގެ ތަޖުރިބާ ކުރަން ބޭނުންވާ އެތައް ބަޔަކު އެބައުޅެ އެވެ.

ފުރަ މާލޭގައި މި ކުޅިވަރަށް އޮތް ތަރުހީބު އެހާމެ ބޮޑެވެ. ގިނަ މުބާރާތްތަކެއް ބާއްވައި އެތައް ބަޔަކު ވަނީ މި ކުޅިވަރަށް ނުކުމެފަ އެވެ. ހަމައެހެންމެ މި ކުޅިވަރުގައި ޝާމިލްނުވާ އެންމެ އޮފީހެއް ނުވަތަ ކުންފުންޏެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ސްކޫލް މުބާރާތުން ފެށިގެން އޮފީސްތަކުގެ މުބާރާތާއި ގައުމީ މުބާރާތްތައް ވެސް ބާއްވާއިރު، އެއް އަހަރުން އަނެއް އަހަރަށް ނުކުންނަ ޓީމުތައް އިތުރުވެ އެވެ. އަތޮޅުތަކުގެ ސްކޫލްތައް ވެސް ބައިވެރިވާ އަދަދު ވަނީ އިތުރުވެފަ އެވެ.

ދެން އޮތީ މި ކުޅިވަރު މާލެއިން ބޭރަށް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމެވެ. ކޯޗިން ކޯހެއް، ރެފްރީސް ކޯހެއް ނުވަތަ މި ކުޅިވަރު ކުޅޭނެ ގޮތް ދަސްކޮށްދިނުމަކުން އަދި ނިންމާލެވޭކަށް ނެތެވެ. އެކި ފަންތީގެ މުބާރާތްތައް ވެސް އަތޮޅު ތެރޭގައި ބާއްވަން އެބަޖެހެ އެވެ. ކުޅިވަރަށް އިތުރު ސަމާލުކަމެއް ލިބިގެންދާނީ ވެސް އެއިރުންނެވެ.

މިއަހަރަކީ ހޭންޑްބޯޅައަށް އެންމެ ބޮޑު ބަޖެޓެއް ފާސްކުރެވުނު އަހަރަށްވީ އިރު، މިއަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ހޭންޑްބޯލް މޯލްޑިވްސް އިން ކުރަން ރާވާފައިވާ މަސައްކަތަކީ އެއްވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަނުކޮށް އަތޮޅު ތެރޭގައި ގައުމީ ލެވެލްގެ މުބާރާތެއް ބޭއްވުމެވެ. މިއީ ކުރަން އެހާ ފަސޭހަކަމެއް ނޫން ނަމަވެސް މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.  

1.9 މިލިއަންގެ ބަޖެޓަކާއެކު ހޭންޑްބޯލް މޯލްޑިވްސް އިން މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ އިރު، އަތޮޅު ތެރޭގައި މީގެން ބޮޑު ހޭދައެއް ކުރުމަކީ މި ކުޅިވަރަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

"މިއަރު ހޭންޑްބޯޅަ އަތޮޅު ތެރެއަށް ފުޅާ ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ، އަތޮޅު ތެރޭގައި ގައުމީ ފެންވަރުގެ މުބާރާތަކާ ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމަށް މަސައްކަތް ކުރެވޭނެ، މި ކުޅިވަރު އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދެވޭނީ އަތޮޅު ތެރެއަށް ވެސް އިސްކަމެއް ދީގެން، އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރު ކުޅޭނެ ފަރާތްތަކެއް ވުޖޫދުކުރުން، އިރާދަ ކުރެއްވިއްޔާ މިއަހަރަކީ ކާމިޔާބު އަހަރެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާނަން." ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވި އެވެ.

މިއީ އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިގެންދާނެ އުންމީދީ ހަބަރެކެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވޭއިރު މިއީ ހޭންޑްބޯޅައަށް ނުކުންނަން ބޭނުންވާ ފަރާތްތަކެއް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. މިހެން ކަންތައްވެއްޖެ ނަމަ މި ކުޅިވަރު ކުޅޭނެ ކުޅުންތެރިންނާއި ރެފްރީން އަދި ކޯޗުންތަކެއް ވުޖޫދު ވެގެންދާނެ އެވެ. އަދި މި ކަމުގެ ސަބަބުން އެ އަތޮޅުތެރޭގައި މި ކުޅިވަރުގެ ފޯރި އިތުރަށް ވަރުގަދަވެ ރަށު ފެންވުރުގައާއި އަތޮޅު ފެންވަރުގައި ކުޅޭނެ މޮޅު ކުޅުންތެރިން އުފެދިގެންދާނެ އެވެ. އަދި އެ ކުޅުންތެރިންނަކީ ގައުމީ ޓީމުން ވެސް ޖާގަ ހޯދާ ގައުމަށް ރީތި ނަން ހޯދައިދޭ ކުޅުންތެރިންނަށް ވެސް ވާނެ އެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު އުފެދޭ ސުވާލެއް ވެސް އެބައޮތެވެ. ކުޅިވަރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެސޯސިއޭޝަނުން ފުރިހަމައަށް ދޭން އޮތްއިރު، އަތޮޅުތަކުން މި ކުޅިވަރަށް ދެވޭނީ ކިހާ ވަރެއްގެ ތަރުހީބެއްތޯ އެވެ؟ ކިތަށް އޮފީސް ނުވަތަ ކިތަށް ޖިމިއްޔާއިން ޓީމުތައް ނެރެވިދާނެތޯ އެވެ؟ ކިތަށް ސްކޫލުން ކިތަށް ދަރިވަރުން މި ކުޅިވަރަށް ނެރެދެވިދޭނެތޯ އެވެ؟

މި ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ދެވޭނީ އަތޮޅު ތެރޭގައި ދިރިއުޅެއްވާ ރައްޔިތުންނަށެވެ. ހަމަ ޔަގީނުން ވެސް މިއަހަރު އަތޮޅު ތެރޭގައި މި ކުޅިވަރު ވިދާލާނެ އެވެ. ކުޅުންތެރިންތަކެއް އުފެދިގެންދާނެ އެވެ. ކޯޗުންނާއި ރެފްރީންތަކަކަށް ބައިނަލް އަގްވާމީ ސެޓްފިކެޓްތަކެއް ލިބިގެންދާނެ އެވެ.

މިހުރިހާ ވާހަކައެއް ދެކެވުނު ނަމަވެސް، އަދި ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެއް ވެސް އެބައޮތެވެ. ހޭންޑްބޯޅަ އަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރެއްގެ ގޮތުގައި ރަސްމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރެކެވެ. އެހެން ނަމަވެސް މި ކުޅިވަރު ކުޅުމަށްޓަކައި ރަސްމީ ބިމެއް އަދި މިހާތަނަށް ދައުލަތުން ފޯރުކޮށްދެވިފައެއް ނުވެ އެވެ.

މާލޭގައި ގިނަ މުބާރާތްތަކެއް ކުރިއަށްގެންދާ އިރު އެކި ފަހަރު އެކި މުބާރާތްތައް ބާއްވައި ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހެނީ ވެސް ދަތި ހާލުގަ އެވެ. މިކަމަށް އަވަސް ހައްލެއް ލިބިގެން ނުދާއިރު، ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ފުޓްސަލް ދަނޑުތަކާއި ބަށި ކޯޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލޭގައި އެޅުމަށެވެ. އެހެން ނަމަވެސް ކުރެވޭ އުންމީދުތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް މި ކުޅިވަރަށް ލޯބިކުރާ ފަރާތްތައް ތިބީ ކެތްމަދުވެފަ އެވެ. އަވަސް ފުރުސަތެއްގައި ހޭންޑްބޯޅަ ކުޅޭނެ ރަސްމީ ބިމެއް މާލޭގެ ކޮންމެ ވެސް ސަރަހައްދަކުން ލިބޭނެ ދުވަހަކަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް