އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟
9 ނޮވެމްބަރު 2026 | ހޯމަ 09:52ކުންފުންޏަށް މާލީ ފައިދާވާނެހެން ގާނޫނީ ލަފާގެ މަތިން ނިންމި ނިންމުމަކާ ގުޅިގެން ފެނަކައިގެ އޭރުގެ އެމްޑީ ސައީދަށް އިއްވި ހުކުމަކީ ވަރަށް ބޭއިންސާފު ހުކުމެއް ކަމަށް ގިނަ ބަޔަކު ދެކޭ. މި މައްސަލައިގައި ހިމެނޭ ދެ ފަރާތަށް އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ކަނޑައަޅާފައިވާއިރު، ސައީދުގެ ނިންމުމުގެ ސަބަބުން ދައުލަތަށް 6 ލައްކައަށްވުރެ ގިނަ ރުފިޔާ ސަލާމަތްވިކަން ލިޔެކިޔުންތަކުން އެނގެން އެބައޮތް


ސައީދަށް ބޮޑު އަދަބެއް ދިނީ ޤާނޫނީ ލަފައާ އެއްގޮތަށް ކުންފުނީގެ މަސްލަހަތުގައި ނިންމި ނިންމުމަކަށް ވީނަމަވެސް، ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅުން އޮންނަ ދީނާއަށް ހިމާޔަތް ލިބޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ | ރާއްޖެއެމްވީ
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް 4 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަދި މަރިޔަމް ދީނާގެ މައްޗަށް 19 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފަ އެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީއަތްތައް ހިންގަންވާނީ އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާ އެކުގަ އެވެ.
ސަޢީދު އަށް 4 އަހަރުގެ ޖަލު ހުކުމެއް، މަރިޔަމް ދީނާ 19މަހާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް!
މި މައްސަލައިގައި ސައީދު އަދި ދީނާގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު (ޤާނޫނު ނަންބަރު 9/2014) ގެ 513 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާއަކީ "ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން" ނުވަތަ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ.
ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން، މި މާއްދާގެ ދަށުން ކުރެވޭ ކުށަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް ޤާނޫނުން ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ (19 މަހާއި 6 ދުވަސް) ޖަލު ހުކުމެކެވެ. އެހެންކަމުން، މަރިޔަމް ދީނާގެ މައްޗަށް އިއްވާފައިވަނީ މި ކުށުގެ އަސާސީ އަދަބު ކަމުގައިވާ 19 މަހާއި 6 ދުވަހުގެ ޖަލު ހުކުމެވެ. އަދި ސައީދުގެ މައްޗަށް ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށް ބުނެ ކުށުގެ ދަރަޖަ މަތިކުރެވިގެން 4 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފަ އެވެ.
ކުށުގެ ދަރަޖަ މަތިވުން
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުށަކީ އާންމު އުސޫލުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އެހެންނަމަވެސް، އެ އަމަލުގެ ސަބަބުން ހޯދި ނާޖާއިޒު މަންފާ ނުވަތަ ލިބުނު ގެއްލުމުގެ މިންވަރަށް ރިއާޔަތްކޮށް، ކުށުގެ ދަރަޖަ މަތިކުރުމުގެ ފުރުސަތު ޤާނޫނު ފަހިކޮށްދެ އެވެ. އަދި ކުށުގެ ދަރަޖަ މަތިވާ މިންވަރަކުން، އެ ކުށަކަށް ކަނޑައެޅޭ އެންމެ ދިގު މުއްދަތުގެ ޖަލު އުޤޫބާތް ވެސް އިތުރުވެގެންދެ އެވެ. މިގޮތުން އަދަބު ބޮޑުކުރުމުގައި ބަލާ މުހިންމު ހާލަތްތަކުގެ ތެރޭގައި، ކުށް ތަކުރާރުކުރުމާއި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ގެއްލުންތައް ހިމެނެ އެވެ. އެގޮތުން،
ކުށް ތަކުރާރުކުރުން:
ކުށް ސާބިތުވި ފަރާތަކީ، މީގެކުރިން ވެސް ކޮރަޕްޝަން ނުވަތަ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނަމަ، ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ "ކުށް ތަކުރާރުކުރުމުގެ އުސޫލު" ގެ ދަށުން، އެ މީހަކަށް ކަނޑައަޅާ އަދަބުގެ ދަރަޖަ މަތިކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.
ޚާއްސަ ގެއްލުންތައް:
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން، ދައުލަތަށް ނުވަތަ އާންމު ފަރުދަކަށް ލިބުނު މާލީ ގެއްލުން ބޮޑުވުން ނުވަތަ ޤައުމީ މަސްލަހަތަށް ނުރައްކާވުން ފަދަ ހާލަތްތަކުގައި ވެސް ކަނޑައެޅޭ އަދަބު ބޮޑުކުރެވެ އެވެ.
ސައީދުގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ނުވަތަ ނާޖާއިޒު މަންފާއެއް ހޯދުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވޭ ހެއްޔެވެ؟
އެއްވެސް ހާލަތެއްގައި ނާޖާއިޒު މަންފާއެއް ހޯދައި ލިބިގަނެފައިވާ ކަމަށް، ނުވަތަ އެފަދަ ނިޔަތެއް އޮތް ކަމަށް ވެސް ސައީދުގެ މައްޗަށް ތުހުމަތު ކުރެވި، ޝަރީއަތަށް ސާބިތުވެފައެއް ނުވެ އެވެ.
މިފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާކަން ޝަރީއަތަށް (ކިތާބީ އަދި ޝަފައީ ހެކިތަކުން ވެސް) ސާފުކޮށް އެނގެން އޮތް ހިނދު، އަދި އެ ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައި ވަނިކޮށް ވެސް، ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ދަށުން ކަމަށް ބަޔާންކުރައްވައި ސައީދުގެ މައްޗަށް އިއްވެވީ 4 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ހަމަ އެ މާއްދާގެ ދަށުން ދީނާގެ މައްޗަށް ހުކުމް ކުރައްވާފައިވަނީ 19 މަހާއި 6 ދުވަހުގެ ޖަލު އަދަބެކެވެ.
ސައީދު އެ ނިންމެވުން ނިންމެވީ ކިހިނެއް އަދި ކޮން އުސޫލަކުން ހެއްޔެވެ؟
ތާރީޚުތަކުން އެނގޭ ގޮތުގައި، މި އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ސައީދު ހަވާލުވެވަޑައިގެންނެވިއިރު ވެސް ސޮއިކުރެވިފައިވާ އެއްބަސްވުމެކެވެ. ވީމާ، ޚިޔާލުތަފާތުވުންތައް އުފެދި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މި މައްސަލައަށް، އިޚްލާސްތެރިކަމާއެކު ދެފަރާތުގެ ހައްޤުތައް ވެސް ރައްކާތެރިކުރެވޭނެ ފަދަ އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަކީ ސައީދުގެ މައްޗަށް ލާޒިމް މަސްއޫލިއްޔަތެކެވެ.
މެނޭޖްމަންޓްގެ އެގްޒެކެޓިވް ޕަވަރ އަދި އެގްޒެކެޓިވް ޑިސިޝަންތައް ނެގުން (ހިންގުމުގެ ބާރު)
މި މައްސަލައިގެ ފަސްފަހަތަށް ފުންކޮށް ބަލާއިރު، މި އެއްބަސްވުމަކީ ފެނަކައިގެ އެމްޑީގެ މަޤާމާ ސައީދު ހަވާލުވުމުގެ ކުރިން ވެފައިވާ އެއްބަސްވުމެކެވެ. އަދި އެއިރު އޮތް ފެނަކައިގެ މެނޭޖްމަންޓުން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް އެއްބަސްވުމެއްކަން ލިޔެކިޔުންތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އަދި އެ ދުވަސްވަރުގެ ފެނަކާގެ ކަމާގުޅުންހުރި ބައެއްވެރިންގެ ފަރާތުން ވެސް އެނގެން އެބައޮތެ އެވެ.
މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސައީދު ހަވާލުވި އިރު މި މައްސަލައާ ގުޅިގެން މުއާމަލާތްތައް ހިނގާފައިވާއިރު، އަދި ބުލޭޒަން ކުންފުނީގެ މެނޭޖްމަންޓުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި ތަކުރާރުކޮށް އެދެމުން ދިއުމުން އެ މައްސަލައާ މެދު ގޮތެއް ނިންމުމަކީ ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ސައީދުގެ މައްޗަށް ލާޒިމްކުރާ މަސްއޫލިއްޔަތެކެވެ.
މި މައްސަލައިގައި ފެނަކާގެ މެނޭޖްމަންޓްގެ އެކި ދުވަސްވަރު ވެރިންނާއި ސައީދު މަޝްވަރާކޮށް މަޝްވަރާ ހޯދިކަން ހާމަވެ އެވެ. ހަމައެއާއެކު މި މައްސަލައިގައި ފެނަކައިގެ ޤާނޫނީ ވަކީލުންނާ ވެސް މަޝްވަރާކޮށް ލަފާ ހޯދާފައިވެ އެވެ.
ގާނޫނީ ވަކީލުން ދިން ލަފައަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާ ދިރާސާކުރި ކުރުމުން އެނގި ހާމަވެގެން ދިޔައީ ދެފަރާތުގެ މަސްލަހަތު ވެސް އަދި ހައްގުތަށް ވެސް ކަށަވަރުކުރުމަށްޓަކައި ފެނަކައަށް އެންމެ ރަނގަޅު ފައިދާހުރި ގޮތަކިީ ސެޓެލްމަންޓް އެގްރީމަންޓަކަށް ދިއުން ކަމަށް ފެނުނު ހިނދު އެގޮތަށް ކުރިއަށް ދިއުމަށެވެ. ނުގޮސްފިނަމަ، ބްލޭޒަން ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުގައި ފެނަކައިން އުފުލަންޖެހޭ ޒިންމާތައް ބޮޑުވެ، ދޭންޖެހޭ ފައިސާގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން، ސައީދު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިޔައީ ޤާނޫނީ ވަކީލުންގެ އެ ލަފާގެ މައްޗަށް ބިނާކޮށް، ކުންފުނީގެ މަސްލަހަތު އިސްކޮށް ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި ގޮތަށްކަން ލިޔެކިޔުންތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މިއީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް ވަރަށް އާންމުކޮށް އަމަލުކުރަމުންދާ އުސޫލެކެވެ. ވަކީލުން އެގޮތަށް ލަފާދިން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާއިރު، އަދި އެ ނިންމުމުގައި ސަޢީދުގެ އެއްވެސް އަމިއްލަ މަސްލަހަތެއް އިސްކޮށް، ނާޖާއިޒު ބޭނުމެއް ހިފާފައިނުވާކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ. އަދި ސައީދުގެ އެއްވެސް ޖިނާއީ ނިޔަތެއް ސާބިތުވާ ފަދަ ހެއްކެއް ނެތްއިރު ވެސް، ކޯޓުން އެކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށްފައެއް ނުވެ އެވެ.
ކުންފުންޏެއް ހިންގުމުގައި ހުރިހާ ޒިންމާއެއް މަތިކޮށްފައިވާ ފަރާތުގެ ޒިންމާއަކީ ކުންފުންޏަށް އެންމެ ފައިދާ ބޮޑު އަދި ކުންފުނީގެ މަސްލަހަތު އެންމެ ފުރިހަމައަށް ރައްކާތެރިކޮށް ހިމާޔަތް ކުރުމާއެކު ކުންފުނީގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށާއި މުހިންމު ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން ނިންމުންތައް ނިންމާ ތަންފީޒުކުރުމެވެ. މިފަދަ ނިންމުންތަކަކީ ކުންފުނީގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ވެސް ރައްކާތެރިކަމާއެކު ކަށަވަރު ކުރަންޖެހޭ ނިންމުންތަކަށް ވާންޖެހޭނެ އެވެ.
އެގްޒެކެޓިވް ނިންމުންތައް އެންމެ ފުރިހަމައަށް ނިންމުމަށްޓަކައި ކަމާގުޅުންހުރި ސައްހަ ހުރިހާ މައުލޫމާތެއް އެއްކޮށް، ކަމުގެ މަސްއޫލުވާ ފަރާތްތަކާ މަޝްވަރާކޮށް، ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ނިންމުން މުހިންމެވެ. ހަމައެއާއެކު އެ ނިންމުމުގެ ނަތީޖާގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުމާއި ކުރާނެ ނޭދެވޭ އަސަރުތަކާއި ގޮންޖެހުންތަށް ވެސް ދެނެގަނެ ނިންމަންޖެހޭ ނިންމުންތައް ނިންމުން މުހިންމެވެ. ސައީދު މި މައްސަލައިގައި އަމަލުކޮށްފައި ވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަދި އެކަމުގައި ވަށައިގެންވާ ހުރިހާ ކަމެއް ވެސް ބަލާ އެގޮތުގެ މަތިން ތަރުތީބުކޮށް އޮންނަ ހަމަޔާއި އުސޫލުން ދެފުއް ފެންނަ ގޮތަށްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ސައީދު ސޮއިކުރެއްވި ސެޓްލްމަންޓް އެއްބަސްވުމަކީ ދައުލަތުގެ މަސްލަހަތަށް ބަލާއިރު ފައިދާހުރި ނިންމުމެއްތޯ، ނުވަތަ އޭގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ލިބުނީ ބޮޑު ގެއްލުމެއްތޯ؟
ސައީދު މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން 2018 ވަނަ އަހަރު ވެފައިވާ އަސްލު އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކަކީ:
މިއީ 12 މަސްދުވަހުގެ މުއްދަތަށް، ޖުމުލަ 1,320,000/- (އެއްމިލިއަން ތިންލައްކަ ވިހިހާސް) ރުފިޔާއަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މަހަކަށް ޖެހެނީ 110,000/- (އެއްލައްކަ ދިހަހާސް) ރުފިޔާ އެވެ.
ސައީދުގެ މެނޭޖްމަންޓްގެ ދަށުން ސޮއިކުރެވުނު ސެޓެލްމަންޓް އެގްރިމަންޓް
މި އެއްބަސްވުމުގެ ޖުމުލަ މުއްދަތަކީ 17 (ސަތާރަ) މަސް ދުވަހެވެ. އެއްބަސްވުމުގެ ޖުމުލަ އަގަކީ، 699,600/-(ހަ ލައްކަ ނުވަދިހަ ނުވަހާސް ހަސަތޭކަ) ރުފިޔާ އެވެ. މިއެއްބަސްވުމުގެ ދަށުން މަހަކަށް ޖެހެނީ 41,152/- (ސާޅީސް އެއްހާސް އެއްސަތޭކަ ފަންސާސް ދެ) ރުފިޔާ އެވެ.
ދައުލަތައް ވީ ފަައިދާ
-/620400 (ހަ ލައްކަ ވިހިހާސް ހަތަރުސަތޭކަ ރުފިޔާ) އަދި 5 މަސްދުވަސް ފައިދާވެ އެވެ.
މި ހުރިހާ ކަމެއް މިހެން ހުރި އިރު، އެއް މައްސަލައެއްގައި ހިމެނޭ ދެ ފަރާތަކަށް، އެއް މާއްދާއެއްގެ ދަށުން ހުކުމް ކުރިއިރު ސައީދަށް ބޮޑު އަދަބެއް ކަނޑައެޅިގެން ދިޔުމަކީ މި މައްސަލައިގައި ގިނަ ބައެއްގެ ހިތްތަކުގައި ގިނަގުނަ ސުވާލުތަށް އުފެދި އަދި ކުރެވުނު ހުކުމާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި މައްސަލައެކެވެ.
ޝަރީއަތުގެ މަރުހަލާ ނިމި ހުކުމް އިއްވައިގެން ދިޔައިރު، އެއް ކުށެއްގެ ތުހުމަތުގައި، އެއް މާއްދާއެއްގެ ދަށުން އެކަކަށް ލުއި އަދަބެއް އަދި އަނެކަކަށް ނިސްބަތުން އެތައް ގުނައެއް ބޮޑު އަދަބެއް ކަނޑައެޅިގެން ދިޔުމަކީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އަސާސީ އުސޫލާ ޚިލާފު ކަމެއްގެ ގޮތުގައި ޤާނޫނީ ދާއިރާގެ ބޭފުޅުން ސިފަކުރައްވަ އެވެ.









