ޢަރަފާތް ދުވަހުގެ މާތްކަން
11 އޯގަސްޓު 2017 | ހުކުރު 13:14އަރަފާތް ދުވަހަކީ މާތްﷲ މާތްކުރެއްވި ދުވަސްތަކުގެ ތެރެއިން މާތް ދުވަހެއް.


މައްކާ ގެފުޅު
ޢަރަފާތް ދުވަހަކީ މާތްވެގެންވާ އަދި މަތިވެރިވެގެންވާ ދުވަހެކެވެ. އެދުވަހަކީ ދުޢާ އިޖާބަކުރައްވާ ދުވަހެކެވެ. އަދި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަހެވެ. އެހެން ދުވަސްތަކުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަސް ވަނީ މާތްކުރައްވާފައެވެ. އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަހެވެ.
އެދުވަހުގެ މާތްކަމާއި މަތިވެރިކަން އެއީ ހަމައެކަނި ޙައްޖުގެ އަހުލުވެރީންނަށް ހުރިކަމެއް ނޫނެވެ. ޙައްޖުވެރީން ނޫން މީހުންނަށްވެސް އެދުވަހުގެ ހެޔޮކަމުގައި ބައިވެރިވެވޭނޭ މަގުވަނީ ތަނަވަސްކުރައްވާފައެވެ. އެދުވަހުގެ މާތްކަމުގެ ތެރޭގައި؛
1 - އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުން ރިވާވެގެންވެއެވެ. ޔަހޫދީންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންނޭވެ! ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއްވެއެވެ. އެއާޔަތް އަހަރުމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދު ދުވަހެއް ކަމުގައި ހެދީމުހެވެ. ޢުމަރުގެ ފާނު ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެއާޔަތަކީ
"الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا" (المائدة: 3) މި އާޔަތެވެ. މާނައީ: "މިއަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންމެނަށް އެ އާޔަތް ބާވައިލެއްވުނު ދުވަހާއި ތަން އެނގެއެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އެ އާޔަތް ބާވައިލެއްވުނީ ސަލަމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޢަރަފާތުގެ ބިމުގައި ހުންނަވަނިކޮށެވެ. އެދުވަހުގެ މާތްކަމާއި މެދު މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިއެވެ.
"يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام وهي أيام أكل وشرب" (رواه أهل السّنن) މާނައީ: "ޢަރަފާތް ދުވަހާއި النحر ގެ ދުވަހާއި أيام التشريق ގެ ދުސްތަކަކީ އަހަރުމެން އިސްލާމުންގެ އީދެވެ. އެދުވަސްތަކަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ."
(ނޯޓް: - النحر ގެ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. އެއީ ޙައްޖުމަހުގެ 10 ވަނަ ދުވަހެވެ. އެދުވަހަށް النحر ގެ ދުވަހޭ ނަންދެވިފައިވަނީ، އެދުވަހަކީ އުޟުޙިޔާ ކަތިލާ ދުވަހަށްވާތީއެވެ. އެހެނީ النحر ގެ މާނައަކީ ޤުރުބާން ކުރެވޭ ޖަނަވާރު ކަތިލުމެވެ. - أيام التشريق ގެ ދުވަސްތަކަކީ ޙައްޖު މަހުގެ 11 ވަނަ ދުވަހައާއި 12 ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ.)
2 - އެދުވަހުގެ މާތް ކަމަށްޓަކައި ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އެދުވަސް ގަންދެއްވައި ހުވާކުރައްވާފައެވެ. އެހެނީ މަތިވެރިވެގެންވާ އެއްޗަކުން މެނުވީ މަތިވެރިވެގެންވާ އިލާހު ގައްދެއްވައި ހުވާ ވަޙީނުކުރައްވާނެތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَشَاهِدٍ وَمَشْهُودٍ" (البروج: 3) މާނައީ: "އަދި ހެކި ދޭފަރާތާއި ހެކިދެވޭ ފަރާތް ގަންދެއްވަމެވެ." މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "اليوم الموعود : يوم القيامة، واليوم المشهود : يوم عرفة، والشاهد: يوم الجمعة.." (رواه الترمذي وحسنه الألباني) މާނައީ: " اليوم الموعود އަކީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود އަކީ ޢަރަފާތް ދުވަހެވެ. އަދި الشاهد އަކީ ހުކުރު ދުވަހެވެ." اليوم المشهود ގެ މާނައަކީ ހެކިވެވިގެންވާ ދުވަހެވެ. ޢަރަފާތްދުވަހަށް މިނަން ދެވުނީ އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންނަށް އެކަލާނގެ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެން އެކަމަށް އެމަލާއިކަތުން ހެކިކުރައްވާ ދުވަހަށް ވާތީއެވެ. والله أعلم
3 - އެދުވަހުގެ ރޯދައަކީ ދެ އަހަރު ދުވަހުގެ ކައްފާރާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ކުރުވުމުން، ޙަދީޘްކުރެއްވިއެވެ. "يكفر السنة الماضية والسنة القابلة" (رواه مسلم) މާނައީ: "ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްކަމުގައި އެރޯދަ ވެއެވެ." ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. އެހެނީ މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ކުރެއްވި ހަމައެކަނި ޙައްޖު ދަތުރުފުޅުގައި، ޢަރަފާތް ދުވަހު އެކަލޭގެފާނު ރޯދަހިއްޕަވާފައެއް ނުވެއެވެ.
4 - އެދުވަހަކީ ފާފަ ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ. އަދި ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާދުވަހެވެ. ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟" މާނައީ: "ޢަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" އަދިވެސް އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބައްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
. "إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول: انظروا إلى عبادي، أتوني شعثا غبراً" رواه أحمد وصححه الألباني".މާނައީ: "ޢަރަފާތް ދުވަހުގެ ހަވީރުގެ ވަގުތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަން ރަސްކަލާނގެ ޙަޟުރަތަށް އައިސްފައި އެވަނީ ބޯހޭވި ހިރަފުސްވެފައިވާ ޙާލުގައެވެ." ވީމާ އަޅުގަނޑުގެ ދުޢާއަކީ ޙައްޖުވެރީންނާއި، ޙައްޖުވެރީން ނޫން މީހުންވެސް އެދުވަހުގައި ކުރާ ހެޔޮ ޢަމަލުތަކާއި ދުޢާތައް ﷲ ސުބުޙަނަހޫ ވަތަޢާލާގެ ހަޟުރަތުގައި ޤަބޫލުވެވިގޮތުގައި ލެއްވުމެވެ. والحمد لله رب العالمين







