ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 19:43
މިފްކޯ އިން މިގޮތައް ނިންމި ކަން ހާމަ ކުރީ އާދިއްތަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި
މިފްކޯ އިން މިގޮތައް ނިންމި ކަން ހާމަ ކުރީ އާދިއްތަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި
ޓްވިޓަރ
މަސްވެރިކަމުގެ ސިނާއަތް
ސަރުކާރުގެ ވައުދާ ޚިލާފްވެ، މަސްގަންނަ އަގު ދަށްކޮށްފި
މިހާރު ގަންނަނީ 1.5 ކިލޯއަށް ވުރެ މަތި ނަމަ، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް 16ރ އަށް، އައިސް ނާޅާ ނަމަ ކިލޯއެއް 14ރ އަށް
1.5 ކިލޯ ހަމަނުވާ ނަމަ އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް 7ރ އަށް، އައިސް ނާޅާނަމަ ކިލޯއެއް 5ރ އަށް
މުއިއްޒުގެ ވައުދަކީ ކިލޯއެއް 20ރ އަށް ވުރެ ދަށް ނުކުރުން

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް މިހާރު ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯ އިން މިގޮތައް ނިންމި ކަން ހާމަ ކުރީ އާދިއްތަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.

މިފްކޯ އިން މިގޮތައް ނިންމި ކަން އިއުލާން ކުރި އިރު، ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންގެ އަތުން މަސް ގަންނ އަގު 20ރ އަށް ވުރެ ދަށް ނުކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް މ. އަތޮޅު ދިއްގަރަށް ކުރެއްވި ދަތުރުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ރޯމަސް ގަންނަ އަގު 20ރ. އަށް ހަދާނެ ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު އޭރު މިފްކޯ އިން މަސް ގަންނަމުން ދިޔައީ ކިލޯ އަކަށް 17ރ ގެ ރޭޓުންނެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދިވެހިރާއްޖޭގައި ރޯމަސް ގަންނަ އަގު 20 ރ. އަށް ހެދުން އެއީ އަޅުގަނޑުމެން ގަސްދުކުރާ ކަން، އެދޭ ގޮތްކަން އަޅުގަނޑުމެން އިއުލާނު ކުރަން." ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މަސް ގަނެވޭނެ އެންމެ ދަށް އަގު ކަމުގައި 20ރ އެއީ އެމަނިކުފާނުގެ ޓާގެޓް ކަމުގައެވެ. އަދި އެކަން ހާސިލް ކުރެވޭނެ ކަމަށާއި، އެކަމުގައި އެމަނިކުފާނަށް އިތުބާރު ކުރުމަށް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މަހުގެ އަގަށް ގެނެވުނު ބަދަލާ ގުޅޭ ގޮތުން މިފްކޯ އިން ނެރުނު ބަޔާން - މިފްކޯ

މިފްކޯ އިން މަސް ގަންނަ އުސޫލަށް ބަދަލު ގެންނަމުން މިހާރު ބުނަނީ، މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.

މިފްކޯ އިން ބުނީ މަސްގަންނަން ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އެ ކުންފުނިން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

މިފްކޯ އިން މަސް ގަންނަ ސެންޓަރުތަކަށް ނެރެފައިވާ މެމޯ އެއް ގައި ބުނެފައިވަނީ، 1 ޖުލައި އިން 5 ޖުލައި އާ ދެމެދުގެ މުއްދަތުގައި މަސްގަންނަ އަގުގެ ގޮތުގައި 1.5 ކިލޯއަށް ވުރެ މަތި ނަމަ، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް 16ރ އަށް ކަމަށާއި އައިސް ނާޅާ ނަމަ ކަނޑުމަހާއި، ކަންނެލި ކިލޯއެއް 14ރ އަށް ކަމަށާއި އަދި 1.5 ކިލޯ ހަމަނުވާނަމަ އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް 7ރ އަށް އަދި އައިސް ނާޅާނަމަ ކިލޯއެއް 5ރ އަށް ހަމަ ޖައްސާފައިވާ ކަމަށެވެ.

ކުއްލިއަކަށް މަސް ގަންނަ އަގު ދަށް ކުރަން މިފްކޯ އިން ނިންމި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން އަންނަނީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތައް އަމަލު ނުކުރާތީ މުޒާހަރާތައް ކުރަމުންނެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަހުގެ އަގު 20ރ އަށް ދަށް ނުކުރާނެ ކަމަށް ވިދާޅުވުމުގެ އިތުރުން މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި