ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 10:58
ޕޯޗުގަލްގެ ކޯޗު މާޓިނޭޒް އަދި ކެޕްޓަން ރޮނާލްޑޯ
ޕޯޗުގަލްގެ ކޯޗު މާޓިނޭޒް އަދި ކެޕްޓަން ރޮނާލްޑޯ
ރޮއިޓާސް
ޔޫރޯ 2024
ޓީމުގައި ރޮނާލްޑޯ ހުރީ ޙައްގުން: މާޓިނޭޒް
ޕޯޗުގަލާ މާޓިނޭޒް ހަވާލުވީ ފަހުން ވެސް، ރޮނާލްޑޯ އަންނަނީ ކުޅުމުގައި ތަފާތު ދައްކަމުންކަން އޭނާ ފާހަގަ ކުރި.

ޕޯޗުގަލްގެ ޓީމުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާާލްޑޯ ހުރީ ޙައްގުން ކަމަށް، އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާޔުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި، ޕޯޗުގަލް އިން ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މާޓިނޭޒް ބުނީ، ޓީމެއް ކުޅެމުން ދާއިރު އެންމެ މުހިންމު ކަމަށް އޭނާ އަށް ޤަބޫލު ކުރެވެނީ އެ ކުޅުންތެރިޔަކު ޓީމަށް ގެނެސްދާ ކަންތައް ކަމަށެވެ. އެގޮތުން ޕޯޗުގަލް އަށް ރޮނާލްޑޯގެ ތަޖުރިބާ އެންމެ ރަނގަޅަށް ލިބޭ ކަމަށް އޭނާ ބުންޏެވެ. ވަކިން ޚާއްސަކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރުމުގެ އިތުރުން، އިދިކޮޅު ޓީމުގެ ގޯލު އޭރިޔާގެ ތެރޭގައި ނުރައްކާ ކުރުމާއި، ލަނޑު ޖެހުމުގައި ރޮނާލްޑޯ އަންނަނީ ތަފާތުތަކެއް ދައްކަމުންކަން ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މީގެ އިތުރުން، ޕޯޗުގަލްގެ ޤައުމީ ޓީމުގައި ރޮނާލްޑޯ ހުރީ އެކަމަށް އޭނާ ޙައްގުވުމުން ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. ޚާއްސަކޮށް ރޮނާލްޑޯގެ ޖިސްމާނީ ޙާލަތަށް ބަލާއިރު، އޭނާ ހުރީ ކޮންމެ ހަތަރު ދުވަހަކުން ވެސް މެޗެއް ކުޅެވޭނެ ފެންވަރުގައި ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ޕޯޗުގަލާ މާޓިނޭޒް ހަވާލުވީ ފަހުން ވެސް، ރޮނާލްޑޯ އަންނަނީ ކުޅުމުގައި ތަފާތު ދައްކަމުންކަން އޭނާ ފާހަގަ ކުރި އެވެ.

ތުރުކީ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، ޕޯޗުގަލްގެ އަމާޒަކީ އެ މެޗު ވެސް ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުން ކަމަށެވެ. ޚާއްސަކޮށް މިވަގުތު ޕޯޗުގަލް އޮތީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށާއި، ކުރީ މެޗުން ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. އަދި ޕޯޗުގަލާ ދެކޮޅަށް ތުރުކީން ކުޅޭނީ ޑިފެންސިވް މެޗެއް ކަމަށާއި، އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ގްރޫޕް އެފް ފައި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޕޯޗުގަލަށް ގަދަ 16 އިން ޖާގަ ޔަގީން ކުރެވޭނެ އެވެ. އަނެއްކޮޅުން ތުރުކީން ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް ވެސް އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް