ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 19:25
އިންޑިއާގެ އާއްމު އިންތިޚާބަށްފަހު އުފާ ފާޅުކުރަނީ
އިންޑިއާގެ އާއްމު އިންތިޚާބަށްފަހު އުފާ ފާޅުކުރަނީ
ނިއުސް 18
އިންޑިއާގެ އާއްމު އިންތިޚާބު
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ނިމިދިޔަ އިންތިޚާބުން ލިބުނީ ކޮން ފިލާވަޅެއް ތޯއެވެ؟
ރަސްމީ ނަތީޖާ ނުކުތް އިރު ބީޖޭޕީ އަށް ލިބުނީ 240 ގޮނޑި، އެއީ 2019 ގެ އިންތިޚާބުގައި ލިބުނު ވަރަށް ވުރެ 63 ގޮނޑި މަދުން

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ބެލޭ އިންޑިއާގެ އާއްމު އިންތިޚާބަކީ ވޯޓަކާ ގުޅޭ ގޮތުން ދުނިޔޭގައި ހިންގޭނެ އެންމެ ބޮޑު އޮޕަރޭޝަންވެސް މެއެވެ.

މިދިޔަ އަންގާރަ ދުވަހު، 6 ހަފްތާ އަށް ކުރިއަށް ދިޔަ އާއްމު އިންތިޚާބުގެ ނަތީޖާ އިއްވައިފިއެވެ. ނަތީޖާ އައުމާ ހަމައަށް އިވެމުން ދިޔައީ 2 ދައުރު ބޮޑުވަޒީރު ކަން ކުރެއްވި ނަރެންދްރަ މޯދީ އިންތިޚާބުގައި ހޯއްދަވާނެ ބޮޑު ކާމިޔާބުގެ ވާހަކައެވެ. ޚުދު މޯދީވެސް ކެމްޕޭނުގައި ވިދާޅުވަމުން ދިޔައީ ލޮކްސަބާގެ 543 ގޮނޑީގެ ތެރެއން 400 ގޮނޑި ހޯއްދަވާނެ ކަމަށެވެ. ވޯޓު ލާ ނިމި ނަތީޖާގެ ކުރިން ފާޅުކުރި އެކްޒިޓް ޕޮލް ތަކުންވެސް ބޮޑު ކާމިޔާބީއެއް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ހޯދާނެ ކަމަށް ކިޔަމުން ދިޔައެވެ.

އެކަމަކު ނަތީޖާ ނުކުތީ މި ހުރިހާ އެންމެން ކިޔަމުން ދިޔަ ގޮތަކަށް ނޫނެވެ.

ރަސްމީ ނަތީޖާ ނުކުތް އިރު ބީޖޭޕީ އަށް ލިބުނީ 240 ގޮނޑިއެވެ. 2019 ގެ އިންތިޚާބުގައި ލިބުނު ވަރަށް ވުރެ 63 ގޮނޑި މަދެވެ. އެއާ އެކު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މި ފާއިތުވި 10 އަހަރު ބީޖޭޕީން ދަމަހައްޓަމުން އައި މެޖޯރިޓީ ވެސް އެ ޕާޓީއަށް ގެއްލުނީއެވެ. ކުރުކޮށް ދަންނަވާ ނަމަ އެކަނި ނުކުމެ ސަރުކާރެއް އުފެއްދޭނެ މަގު ބީޖޭޕީ އަށް ބަންދުވީއެވެ.

ރަނގަޅެވެ. އިންތިޚާބުގެ ނަތީޖާއިން އެއް ޕާޓީ އަކަށް އެންމެ ގިނަ ގޮނޑި ލިބުނީ ބީޖޭޕީ އަށެވެ. އެހެން ނަމަވެސް ބީޖޭޕީ އަށް އެކަނި ސަރުކާރެއް އެކުލަވާލެވޭނެ މިންވަރަށްކަށް ރައްޔިތުން ބީޖޭޕީ އަށް ގޮނޑިއެއް ނުދިނެވެ. މީގެ ކުރިން ބީޖޭޕީގެ އެލަޔަންސް ގައި ހިމެނޭ ޕާޓީތަކުގެ ދައުރު އޮންނަނީ ވެރިކަން ހިންގުމުގައި ރަމްޒީ ގޮތެއްގައެވެ. ބީޖޭޕީ އަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ލިބޭތީ އެކަނި ސަރުކާރު އެކުލަވާލާން ބީޖޭޕީއަށް ފަސޭހައެވެ. މިފަހަރު އެހެން ވާކަށް ނެތެވެ. ކޯލިޝަންގައި ހިމެނޭ ކުދި ޕާޓީތަކުގެ ދައުރު ވަރަށް މުހިންމެވެ. އެމީހުންނާ ނުލާ ވެރިކަމުގެ 3 ވަނަ ދައުރެއް ހޯއްދެވޭކަށް މޯދީ އަކަށް ނެތެވެ.

އިންޑިއާ އާއްމު އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން - ދަ ނިއު އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ވޯޓުގެ ނަތީޖާ ނުކުތް ގޮތުން ޑިމޮކްރަސީ އަކީ ވަކި ޚިޔާލަކަށް ވަކި ފިކުރަކަށް ރަހުމަތްތެރިކަން ދަމަހައްޓާ އެއްޗެއް ނޫންކަން ހާމަވެއްޖެއެވެ. ޑިމޮކްރަސީ އަކީ ވަކި ބަޔަކު އޭގެ ފައިދާ ނަގާން ތާއަބަދަށް މަގު ދައްކާނެ ނިޒާމެއް ނޫން ކަންވެސް މިފަހަރު އިންޑިއާގެ ވޯޓުން އެނގިއްޖެއެވެ. ވަކި ބަޔަކު ނިކަމެތި ކޮށް ވަކި ބަޔަކު އެކަހެރި ކުރާން ޑިމޮކްރަސީ އަކީ ޖާގަ ދޭނެ އެއްޗެއް ނޫން ކަން ވެސް މި ވޯޓުން ފެނިއްޖެއެވެ.

ބީޖޭޕީ އާއި އެ ޕާޓިގެ ކޯލިޝަންގެ ބައިވެރިންގެ އިންތިޚާބުގެ މޫނު މައްޗަކީ މޯދީއެވެ. ކެމްޕޭންގައި ދަތުރު ކުރެއްވި ހުރިހާ ދިމާލެއްގައިވެސް މޯދީ ދައްކަވަމުން ގެންދެވީ މި ވޯޓަކީ އޭނާ އަށް ދެވޭ ވޯޓެއް ކަމަށެވެ. އެހެން ކަމުން ކޮންމެ ތަނެއްގެ ކޮންމެ ކެންޑިޑޭޓަކަށް ވޯޓު ލާން ކަރުދާސް ކޮޅުގައި ކޮންމެ ނަމެއް އޮތަސް ވޯޓު އެދެނީ މޯދީ އަށް ކަމަށް ވިސްނައިދެމުން ދިޔައެވެ. ކޮންމެ ކެންޑިޑޭޓަކީ މޯދީގެ މަންދޫބެކެވެ. މޯދީ ބޭނުންފުޅުވީ މިފަހަރުގެ އިންތިޚާބުން ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ މުށު ތެރޭގައި ކަން ފެންނާށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ - އިންޑިޔާ ޓުޑޭ

މޯދީ ދައްކަވަމުން ދިޔައީ ހިންދޫ ޝެހެންޝާހް އަކީ އެމަނިކުފާނު ކަމުގައެވެ. ހިންދޫންގެ ހައިބަތާ ގަދަރު ހިފަހައްޓާނެ ފަރާތަކީ އޭނާ ކަމުގައެވެ. ހިންދޫން ނިކަމެތި ވިޔަ ނުދީ ގަދަރު ހިފަހައްޓާނެ ފަރާތަކީ އޭނާ ކަމުގައެވެ. 16 ވަނަ ގަރުނުން 18 ވަނަ ގަރުނާ ދެމެދު އިންޑިއާގައި ވެރިކަން ކުރި މޫގަލް ދަރިކޮޅަށް ހިންދޫންގެ ހިތުގައި އޮތް ނުތަނަވަސްކަމަށް ބަދަލު ހިފައިދީ ހިންދޫންގެ ވެރިކަމެއް އިންޑިއާގައި ގާއިމް ކޮށްދޭނެ ބަތަލަކީ އެމަނިކުފާނު ކަމުގައެވެ.

މޯދީގެ ތަގުރީރު ތަކުގައި މުސްލިމުންނަށް ބަދުބަސް ވިދާޅުވުމާއި، މުސްލިމުންނަށް ނަފްރަތު އުފެދޭނެ އެތައް ވާހަކަތަކެއް ގެންދެވީ ދައްކަވަމުންވެ. ވާހަކަ ގެންދަވާނެ މިންވަރުގެ ހައްދެއް ނެތް ފަދައެވެ. އެއް ވާހަކަފުޅެއްގައި އިންޑިއަން ނޭޝަނަލް ކޮންގްރެސް އަށް ވެރިކަން ލިބިއްޖެ ނަމަ ހިންދޫންގެ ހުރިހާ މުދަލެއް ޖަހައިގަނެ އަތުލައި މުސްލިމުންނަށް ދޭނެ ކަމަށް ވިދާޅުވެ ހިންދޫން ބިރުގެންނެވިއެވެ. މޯދީ ދެއްކެވީ އިދިކޮޅު ޕާޓީތަކަކީ ހިންދޫންނާ ދެކޮޅު މުސްލިމުންނާ އެއްކޮޅު ބައެއްގެ ގޮތުގައެވެ.

މޯދީގެ ކެމްޕޭންގެ މައިގަނޑު ފޯކަސް އަކީ ހިންދޫންނާ މުސްލިމުންގެ ދެމެދުގައި ނުތަނަވަސް ކަން އުފެއްދުމާ އެކު ހިންދޫންގެ ސަލާމަތައް ހުންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ދެއްކެވުމެވެ. އެކަމަކު މުސްލިމުންނާ ދެކޮޅު ކެމްޕޭނަކަށް މުޅި ކެމްޕޭން ހެއްދެވުމަކުން އެކަން މޯދީ އަށް ކާމިޔާބެއް ނުވިއެވެ. ނަފްރަތުގެ ކާޑުން އެކަނި އިންތިޚާބެއް ކާމިޔާބެއް ނުވާނެކަން މިއޮތީ ފެންނާށެވެ.

އިންޑިއާ އާއްމު އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން - ނިއުސް 18

އިންޑިއާގެ މި އިންތިޚާބުގައި ހިންދޫ ޒުވާނުންގެ ބޮޑު ތާއީދެއް މޯދީއަށް އޮތް ތަނެއް ނުފެނުނެވެ. ޒުވާނުންނަކަށް ދެ ދީނެއްގެ ބަޔަކު އެއްބަޔަކަށް އަނެއް ބަޔަކު ދެކެ ރުޅި އައިސް އަބަދު ތިބުމަކުން އެމީހުންގެ ކުރިމަގައް އެޔަކުން ވާނެ މޮޅެއް ފައިދާއެއް ނެތެވެ. މޯދީ އެދައްކާ ދީނީ ވާހަކަފުޅަކުން ޒުވާނުންނަކަށް އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިޅުމުގެ ގޮންޖެހުން ރަނގަޅުވެގެން އަންނަ ތަނެއްވެސް ނުފެނުނެވެ. ޒުވާނުން ދުށް ގޮތުގައި މޯދީގެ ސިޔާސަތު ތަކުގައި ހުރި ނުކުޅެދުންތެރިކަން ފޮރުވަނީ ހިންދޫންނާ މުސްލިމުން ޖައްސައިގެން މަންޒަރު އޮޅުވާލައިގެންނެވެ. އެ ގޮތް މި އިންތިޚާބުގައި އެމީހުން ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ.

އަނެއް ކޮޅުން އަޔޯދިޔާގައި ކަން ހިނގާ ދިޔަ ގޮތަކީވެސް ރަނގަޅު ފިލާވަޅެކެވެ. ބީޖޭޕީ އަށް އެންމެ ޔަގީން އެއް ގޮނޑިއަކީ އަޔޯދިޔާގެ ގޮނޑިއެވެ. އެހެން ނުވާންވި ކީއްވެތޯއެވެ؟ އެއް ގޮތަކުން ބުނާ ނަމަ، ހިންދޫ މުސްލިމް ނުތަނަވަސް ކަން މޯދީގެ ވެރިކަމުގައި އޭގެ އެންމެ އުހަށް ފޯރީ އަޔޯދިޔަގައި ކަމަށް ދެންނެވިދާނެއެވެ. މި އަހަރުގެ ޖެނުއަރީ މަހު މޯދީ ވަނީ އަޔޯ ދިޔާގައި ހިންދޫންގެ އެންމެ ޚާއްސަ އެއް ކަނލާގެ ރާމް އަށް ޚާއްސަ ކޮށް ފައްޅިއެއް އަޅުއްވައި ދެއްވާފައެވެ. އަނެއް ކޮޅުން 1992 ވަނަ އަހަރު 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ހުރިތާނގާއި ފައްޅި އެއް އަޅަން އެ މިސްކިތް ތަޅާލި ހާދިސާ އަކީ ހިންދޫންނާއި މުސްލިމުންގެ ދެމެދުގައި ބޮޑެތި ނުތަނަވަސްކަން އުފެދިގެން ދިޔަ ކަންކަމެވެ. އަޔޯދިޔާ ގައި ފައްޅި ހުޅުވިގެން ދިއުމަކީ ބީޖޭޕީގެ އިންތިޚާބީ ވައުދުގެ ތެރެއިން އެންމެ މުހިންމު އެއް ކާމިޔާބެވެ. އެކަމަކު ކަންވީ ގޮތަކީ އަޔޯދިޔާގެ ގޮނޑި ބީޖޭޕީއަށް ގެއްލުނީއެވެ. އަޔޯދިޔާގެ ރައްޔިތުން ވޯޓު ދިނީ ބީޖޭޕީ އާ ދެކޮޅަށެވެ.

އިންޑިއާގެ އާއްމު އިންތިޚަބުގައި ވޯޓުލުމަށް ކިޔުގައި މަޑުކޮށްލައިގެން - އަލް- ޖަޒީރާ

އިންތިޚާބުގައި މޯދީ ކުރިމަތި ލެއްވި ވަރަނާސި ސިޓީ އަކީވެސް މޯދީ ވަރަށް އިސްކަމެއް ދެއްވައިގެން ހިންދޫ ދީނުގެ ކަންކަން ވަރަށް ބޮޑަށް ކުރިއެރުވި ސިޓީއެކެވެ. މިފަހަރުގެ އިންތިޚާބުގައި އެ ގޮނޑި މޯދީ ކާމިޔާބު ކުރެއްވީ 150،000 ގެ ތަފާތަކުންނެވެ. 2019 ގެ އިންތިޚާބު މޯދީ ކާމިޔާބު ކުރެއްވީ 480،000 ވޯޓުގެ ތަފާތަކުންނެވެ.

މިފަހަރުގެ އިންތިޚާބުގައި އިދިކޮޅުގެ ގުޅުން ފެނުނީ ބޮޑުތަން ރަނގަޅު ކޮށްނެވެ. ރަނގަޅު މަސައްކަތް ތަކެއް އެތައް ގޮންޖެހުމުގެ ތެރެއިން "އިންޑިއާ" އެލަޔަންސް ގެ ނަމުގައި ނުކުތް އިދިކޮޅު ޕާޓީތަކަށް ކުރެވި ހާސިލް ކުރެވުނު ގޮނޑީގެ އަދަދުވެސް އަންދާޒާ ކުރި ވަރަށް ވުރެ ގިނަ އެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނަކަށް ސަރުކާރެއް އެކުލަވާ ލުމުގެ ފުރުސަތެއް ނެތެވެ.

އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބު ފާހަގަ ކުރާއިރު އިދިކޮޅު ޕާޓީތަކަށް އިންތިޚާބާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތައް އެހާ ގިނައެވެ. އެކައުންޓް ފްރީޒްވެސް ކުރުމާއި، އިދިކޮޅު ލީޑަރުން ހައްޔަރު ކުރުމާއި އެކިކަހަލަ ތުހުމަތު ތަކުގައި ރެއިޑް ކުރުމާއި، މައްސަލަތައް ބަލަން ފެށުން ފަދަ ފުރައްސާރަތައް ކުރިމަތި ކުރުވަމުން ގެންދިޔައެވެ.

އަނެއް ކޮޅުން އިންޑިއާގެ މީޑިއާ ވެސް އޮތީ ބީޖޭޕީ ފަހަތައް އަރައެވެ. އިންތިޚާބުގެ ތެރޭގައި ބީޖޭޕީ ކޮޅަށް މީޑިއާ ތައް ޖެހިފައިވާ މިންވަރު ފެނިގެން ދިޔައެވެ. ފާއިތުވެ ދިޔަ 10 އަހަރުގެ ބީޖޭޕީގެ ވެރިކަމުގެ ތެރޭގައި މަޑުމަޑުން ބީޖޭޕީގެ ޕްރޮޕަގެންޑާ މެޝިންތަކަކަށް އިންޑިއާގެ ބޮޑެތި މީޑިއާތައް އޮތީ ބަދަލުވެފައެވެ.

މިހުރިހާ ކަމެއްގެ އިތުރުން އިލެކްޝަން ކޮމިޝަން އޮތީވެސް ބީޖޭޕީއާ އެއްކޮޅަށް އަރާ ކަމަށްވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ދުވަހަކުވެސް މިހާ ފާޅުގައި ވަކި ކޮޅަކަށް މަސައްކަތް ކޮށްފައެއް ނެތެވެ. އިންތިޚާބުގެ ގާނޫނާ ޚިލާފް އެތައް ކަމެއްގެ ޝަކުވާ ބީޖޭޕީ އާ ދެކޮޅަށް ހުށަހެޅުމުން އެއިން އެއްވެސް ކަމަކަށް ކޮމިޝަނުން އަޅާލާފައެއް ނުވެއެވެ. ވޯޓާރސް ލިސްޓު އޮޅުވާލުމާއި، ވޯޓު ލުމުގެ ހައްގަށް ހުރަސް އެޅުން ފަދަ ކަންކަމުގައި ވެސް އިލެކްޝަން ކޮމިޝަނުން ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ.

އިންޑިއާ އާއްމު އިންތިޚާބުގެ ވޯޓު ލުމުގެ ތެރެއިން - ދި އިންޑިޕެންޑެންޓް

ކޮންމެ އަކަސް އިންތިޚާބުގެ ނަތީޖާއާ މެދު ބައެއް ފަރާތްތަކުން ބުނަނީ އިންޑިއާގެ ވޯޓުލީ މީހުން ދިން މެސެޖް ވަރަށް ސާފު ކަމަށެވެ. ރުޅި އާއި ނަފްރަތާއި ބިރު އެއީ އިންތިޚާބު ކާމިޔާބު ކުރަން އަބަދު ވިއްކޭނެ އެއްޗެއްސެއް ނޫން ކަން މި އިންތިޚާބުން ދޭހަވެއްޖެއެވެ. އެއް މޫނަކަށް އެއް ސިކުނޑިއަކަށް ދާއިމީ އެކުވެރިކަން ޑިމޮކްރަސީއަކުން ނުބާއްވާނެއެވެ. 10 އަހަރުގެ ތެރޭގައި ސިކުނޑީގައި އަށަގެންނެވި ވިހަ ސިޔާސަތު ތަކުނަ ނުކުމެ އިންޑިއާ ރައްޔިތުން ދެން ބޭނުންވަނީ އިހްތިރާމް އާއި ގަދަރާއި ހަމަ ޖެހުމާއެކު ކުރިއަށް ދިއުމަށެވެ. ދީނީ ތަފާތު ކުރުން ތަކުގެ ތެރެއިން އުފެދޭ ފާރުގަނޑުގެ ދިލައިގައި ތާއަބަދަށް އުޅޭކަށް ފަސޭހައެއް ނުވާނެއެވެ. މިހާރު ބޭނުންވާނީ މިދިޔަ 10 އަހަރުގެ ފާރުގަނޑުތަކުން މި ފަސް އަހަރުގެ ތެރޭގައި ފަސޭހަ ވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް