ރަޝިއާ އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ބައިޑްން ޔޫކްރެއިނަށް ދެއްވައިފިއެވެ.
އެމެރިކާގެ ސިޔާސަތައް އައި ބަދަލު ބުރާސްފަތި ދުވަހު ހާމަ ކުރަމުން އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި ޔޫކްރެއިނުން އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގެ ހުއްދަ ދިން ކަމުގައި ވިޔަސް އެކަން ކުރަންވާނީ، ޔޫކްރެއިންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޚާކީވް އާއި އެ ސިޓީގެ ބޯޑަރު ސަރަހައްދުގައި އެކަނި ކަމަށެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ އެ ގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާއަށް ހަމަލާ ދިނުމާ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ ރައީސްގެ މި ނިންމެވުމުގެ އެއް ދުވަސް ކުރިން ރަޝިއާގެ ރައީސް ޕުޓިން ވަނީ ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ އެއް ދީފިނަމަ މުޅި ދުނިޔެއަށް ފެތުރިގެންދާ ހަމަ ނުޖެހުމަކަށް މިކަން ވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ މިސައިލް ހަމަލާތަކާ ދެކޮޅަށް ރަޝިއާ އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރު ޔޫކްރެއިނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ނޭޓޯގެ އެހެން މެމްބަރުންވެސް އެމެރިކާ އަށް ގެންދަނީ ބާރު އަޅަމުންނެވެ.