Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުސްގޮނޑި ބާކީވި ގޮތަށް ވަޒީފާއަށްނެގި ކުދިންކޮޅު ބާކީވަނީ

އިތުރު މީހުން ވަކިކުރާނެ މީހުންގެ އިޝާރާތް ސަރުކާރުން ވަނީ ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 މެއި 2024 | ބުރާސްފަތި 05:28
ރައީސް ޑރ. މުހައްމަދު މުޢިއްޒު

ރައީސް ޑރ. މުހައްމަދު މުޢިއްޒު

މިފަހަރުވެސް ކަންވެ ނިމުނީއެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބި "ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން" ތިންބާރު އަތްމައްޗަށް ހެޔޮވަރަށް ފިރުކާލެވުނީއެވެ. ގައުމު ހިންގާނެ ގޮތަކަށް ހިންގާން، ވެރިކަމުގައި ޖަހާނެހާ ސަކަރާތެއް ޖަހާން ހުރިހާ ބާރެއް މުތުލަގަށް ލިބުނީއެވެ. ކިޔޭނެ އެއްޗެއް، ލެވޭނެ ހަޅޭކެއް އަދި ޖެއްސޭނެ ވައްވަކެއް އަމުދުން ނެތުނީއެވެ. ކިތަންމެ ތުންފިއްތިއަސް ހޭކޭނެ ބޮޑަލެއްވެސް ދެނެއް ނެތެވެ.

ގާތުގައި ލައިގެން ގެންގުޅުނު ކުދިންނަށް ވިސްނެން ފެށޭނީ ދެނެވެ. ވާނުވާ ހިތަށް އަރާނީވެސް މިހާރުއެވެ. ހަމަރަނގަޅަށްވެސް "ރިޔާ ދަށުވެއްޖެ" ކަމުގެ އިހްސާސް މިހާރު ކުރެވޭނެއެވެ. "ކެޔޮގަނޑު ކަނޑާލެވުނީއެވެ. ގަހުގެ ބޭނުމެއް ދެނެއް ނޯންނާނެއެވެ". "ބާނާފައި އެއްލާލި ކޮރަކައްޔެއް ތެޅޭހެން ތެޅިތެޅި" މަރުވަންދެން ޖެހޭނީ އޮންނާށެވެ. ހިތްވަރުކޮށްފައި "ތެޅުނު ވަރަކަށް ދާނީ ހުޅުނބެވެ".

ދައްކާން މިއުޅޭ ވާހަކަ މިހާރު ފަހުމުވެއްޖެ ދޯއެވެ. ކިޔާން މިއުޅެނީ ކީކޭކަން އެނގެން ފަށައިފިދޯއެވެ.

މިހާރުގެ ކުދިން ބުނާހެން "ގެޓް ނުވަންޏާ" އެއްކަލަ "ހުސްގޮނޑި" މަތިން ހަނދާން އާކޮށްލާށެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރާ ހަމައަށް ކުޑައިކޮށް ފަހަތަށް ސޮއްސާލާށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ޑރ މުއިއްޒުގެ އެންމެ ބާރުގަދަ ހަތިޔާރަކަށް ބޭނުން ކުރެއްވީ " ހުސްގޮނޑި" އަކާއި އިސްކޮޅު ހުންނަވަރުގެ " ރައީސް ޔާމީންގެ ފޮޓޯފުޅެކެވެ." އެންމެ ގިނައިން ބޭނުން ކުރެއްވި ބަސްފުޅަކީ ނުވަތަ ޖުމްލައިގާ އެންމެ ގިނައިން ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅެވެ. ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ ލޭ ކައްކުވާލުމަށެވެ. އެހެން މީހަކަށް ވޯޓުލިޔަ ނުދީ ޑރ މުއިއްޒަށް ވޯޓު ދޭންޖެހޭކަމަށް ވިސްނައިދިނުމަށެވެ.

އިންތިޚާބު ނިމި ވެރިކަމަށް ވަޑައިގެންނެވުނީމާ ކަންވީގޮތް ކޮންމެހެން އަހަރެން ބުނެދޭކަށް ނެތީމެވެ. އެކަން ނޭނގޭ މީހަކު މި "އުޑު ބަޅުކުރި" ހިސާބަކު ނުހުންނާނެއެވެ. އެކަމަކު އެވާހަކަ އަޑުނޭހީ ސަރުކާރުގެ ވަޒީފާތަކަށް ލޯއަޅައިގެންތިބި މީހުންނެވެ. ކޮންމެވެސް ހިސާބަކުން ލިބޭނެ މަގާމަކަށް ހިތްކިޔަކިޔާތިބި ކުދިންނެވެ. އެވެރިންނަށް "ހުސްގޮނޑިއާ" "ޔާމީންގެ ފޮޓޯފުޅު"ގެ ވާހަކަވީ ބޮޑު ޖޯކަށެވެ. ސަރުކާރަށް ފާޑުކިޔާންވެގެން ޔާމީންގެ ސަޕޯޓަރުންނާ ގާތްމީހުން ކިޔާ އުޅޭ ފިލިކޯޅި ހަމަނުވާ ޅެންބައިތެކެވެ. "ކުރައެއްގައި އޮންނަ ބޮކަށް ފެން ބޮވޭވަރު" ނޭނގޭހެން ޑރ މުއިއްޒުގެ އަސްލު އަމާޒު އެކުދިންނަށް އޭރު ރޭކާވެސް ނުލިއެވެ. އެއަށްވުރެ ބޮޑަށް ހިތުގައި އޮތީ އެއްކަލަ ބޮޑު ވަޒީފާއެވެ. އޭގެ އަވައިގާ ފިތިބާރުވެ "ބެދޭމަޅި" ޚިޔާލަށް ގެންނާންވެސް އޭރު ބޭނުން ނުވީއެވެ.

ރައީސްކަމަށް ވަޑައިގެންނެވުނީމާ "ހުސްގޮނޑިއަކާ ހުސްގޮނޑިއެކެވެ. "ފޮޓޯ ފުޅަކާ ފޮޓޯފުޅެއް" ދޫކޮށްލައްވައި ގާތަށް ދަންމަވައިގަތީ އެކުދިންނެވެ. ގެންފައި ނެއްޓި ނުދާނޭހެން " އެތެރެބަނޑަށް ދަންދެން ކާންދިނީ" އެކުދިންނަށެވެ. ވަޒީފާތައް އޮއްސާލިއެވެ. އެކި ނަންނަމުގައި ވަޒީރުން އެއްވެސް މަސައްކަތެއް ނެތަސް ލެއްވީއެވެ. ސްޓޭޓް މިނިސްޓަރުން އިންތިހާއަށެވެ. ޑެޕިއުޓީ މިނިސްޓަރުން ލެއްވީ ހައްދެއް ނެތިއެވެ. ޕޮލިޓިކަލް ޑައިރެކްޓަރުންނާ މިޝަންތަކަށް ސުމާރެއް ނެތިއެވެ. ތަފާތު ނަންނަމުގައި މަގާމްތައް އުފައްދައިގެންވެސް ބަހާ ނެގީއެވެ. މީހުން ގިނަވެގެން ބަނގުރޫޓުވެފައިވާކަމަށް ބުނި ފެނަކައާ، އެމްއާރުޑީސީ ފަދަ ކުންފުނިތަކުން ހަބޭހަށް މީހުން ނެގީއެވެ. ރަށްރަށުގެ އާއިލާތައް ހުރިހުރި ގޮތައް އެތަންތަނަށް ކަހާލީއެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމެވެ. އެހިސާބު ޖައްސަވައިގެން ރަށްރަށުގެ މެޖޯރިޓީ ނަންގަވަން ބޭނުންވާ އަދަދަށް އިދިކޮޅު އެމްޑީޕީގެ މީހުންނަށްވެސް ވަޒީފާ ދީފައި "ހޭހަން ކޮށްލީ" އެވެ.

އިސާހިތަކު ޑރ މުއިއްޒުގެ ހިސާބު ސާފު ސީދަލެވެ. ރަމަލާ ފާލު ބަލައިގެންނަމަވެސް އެކަމަށްޖެހި ހިސާބު ރަނގަޅަށްވެސް ދިމާވީއެވެ. މަޖިލިސް  ކާމިޔާބު ކުރެއްވުނީއެވެ. އަތްގުޅިނުކާހާ ބޮޑުތަނުންނެވެ.

ރިޔާސީ އިންތިޚާބެކޭ އެއްގޮތައް މަޖިލިސް އިންތިޚާބަށް "ޖެއްސެވި ބޮޑު ކަޑައިގެ" ބޭނުން ހިފުނީއެވެ. ދެނެކާ ދެނެއް ނެތެވެ. އަސްލު ސޫރައަށް ޖެހިވަޑައިގަތީއެވެ. ކުރިން ތުރުކުރައްވައިގެން ހުންނެވި ކޯޓު ބާލުއްވައި ކޮނޑުގައި އަޅުވާލެއްވީއެވެ. ފުރަތަމަ ފަހުމީއާ ހަމައިންނެވެ. ބަޔަކު ފާޑުކީތީ ބޭރުކޮށްލި ފަހުމީ ގެނެސް މަގާމަށް ވެޑުވީއެވެ. ހެދުނު މިސްޓޭކް އޯކޭ ވީއެވެ. ބޮލިރަވައެއްހެން ގެންގުޅުނު " ކުޑީމެން" ކުދިން ވަކިކުރީއެވެ. އެއޮއްބޮޑު އެޗްޑީސީގެ ޗެއަރމަން ޒުހޫރުވެސް މިހާރު ކަމުނުދިޔައީއެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ސަސްޕެންޝަނާ ހުރެ ރޮއެ ހޭރެނީއެވެ. އެކި ދިމަދިމާލަށް ނޯޓިސްތަކާއި ސިޓީތައް ލައްގަން ފެށީއެވެ. ބަލަބަލާ ތިއްބާ ވަޒީފާތައް ގެއްލެން ފެށީއެވެ. ކުންފުނިތަކަށް ލީ ކުދިންގެ "ކޮންޓްރެކްޓް" ހަމަވީއެވެ. އާއިލާތައް ގިސްލެވި ބިމަށް ބޯހަރާލަން ޖެހުނީއެވެ.

ކަންވެ ނިމުނީއެވެ. އެންމެ ގާތް ކުދިންކޮޅު ނޫން އެންމެން ހަފޮޅުން ބޭރުވާނެއެވެ. މެންބަރުން ރުއްސަން ދޮޅަހަކަށް މީހުންނާއި އިންތިޚާބުގައި ނުހޮވުނު ބައެއް މީހުން އަދި ދިމަދިމާލަށް ލައިފާނެއެވެ. އެކަމަކު މީހަކަށްފަހު މީހަކު ދެން ޖެހޭނީ ހުސްއަތާ ނުކުންނާށެވެ. އާދަމް ރަމީޒާއި ވައިތެޔޮ އަބްދުﷲ މެން ފަދައިން ނަމެއްގައި ބޭތިއްބިއަސް ދެންތިބި ކުދިން ޖެހޭނީ ފުރަފޭލި ބަނދެގެން އޮޑިއަށް އަރާށެވެ. ހުޅަނގު މޫސުމާއި ޖޫން ޖުލައިގެ ގަދަ ކޮޅިގަނޑުތައް ފަދައިން އެވެރިން އެދަނީ ބުރުއްސާލަމުންނެވެ. ކުރެވޭނެ ޝަކުވާއެއް ދެއްކޭނެ ބަހާނާއެއް ނެތި ހުސްގޮނޑި ބާކީވި ގޮތަށް ވަޒީފާއަށްނެގި ކުދިކޮޅު ބާކީވަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

09 ޑިސެމްބަރު 2018
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

20 ފެބުރުއަރީ 2018
މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟

މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟

23 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު