"ގައްޑާ" އޭ ހީވި ދިރިއުޅުން ދޫކޮށް، ތައުބާގެ މަގު ޚިޔާރު ކުރާ އަޚުންނާއި އުޚުތުންނަށް...
ޓެޓޫ ފޮހެމުން ދާ ވަގުތަކީ، ޕޭޝަންޓްގެ ހަށިގަނޑުގައިވެސް ލައްކަ ވޭން އަޅާ ވަގުތެއް

އިންޑޮނޭޝިއާގައި ޓެޓޫ ޖަހައިގެން އުޅޭ މުސްލިމުންގެ ހަށިގަނޑުން ޓެޓޫތައް ފޮހެދިނުމުގެ ޚިދުމަތަކީ، ބަޒްނާސްއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ހިންގާ މަޝްރޫޢުއެއްގެ ދަށުން ދޭ ޚިދުމަތެއް
ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯހެއްގެ ސަބަބުން ނުވަތަ އެނޫންވެސް ނުފޫޒެއްގެ އަވައިގައި ޖެހިގެން، އިސްލާމީ ދީނުގެ އަސްލާއި އުސޫލުތަކާއި ޚިލާފަށް އުޅޭ ބައެއް މީހުން، އިސްލާމީ މުޖުތަމަޢުތަކުން ފެންނަކަމީ ޤަބޫލު ކުރަން ޖެހިފައި އޮތް ޙަޤީޤަތެކެވެ. ނަމަވެސް، އަހަރަކު އެއް ފަހަރު މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މައްސަރު ކަމަށް ވާ ރަމަޟާން މަހަކީ، އިހުނަށް ވުރެ ބޮޑަށް، ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް، ކުރިން މި ދެންނެވި ފަދަ މީހުންގެ ތެރެއިން ބަޔަކުވެސް މަސައްކަތް ކުރާ މައްސަރެކެވެ. ދުނިޔޭގެ ނިސްބަތުން، މުސްލިމުންގެ ޢާބާދީ އެންމެ ބޮޑު ޤައުމުގެ ގޮތުގައި އޮތް އިންޑޮނޭޝިއާގެ ޙާލަތުވެސް އޮތީ މި ދެންނެވި ފަދަ ގޮތަކަށެވެ.
ލޭޒަރ މެޝިންތަކާއި، އަލްޓްރާ ވައިލެޓް (ޔޫވީ) ދުރުކުރާ އައިނުތައް އަޅައިގެން، ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރުންތައް އަވަދި ނެތި އުޅެމުން އެ ދަނީ، ދިރިއުޅުމުގެ އެކި ދުވަސްވަރު ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުން، ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަހާފައިވާ ޓެޓޫ، ނުވަތަ ހަންގަނޑުގެ ތެރެއަށް ކުލަ ފޮނުވައިގެން ދާއިމީ ގޮތަކަށް ހަށިގަނޑުގައި ކުރަހާފައިވާ ކުރެހުންތަކާއި ލިޔުންތައް ފޮހެދެވޭތޯއެވެ. މީހެއްގެ ގައި ހަމުން ޓެޓޫއެއް ފޮހެލުމަކީ ކަވި މަސައްކަތެކެވެ. ފޮހެން ޖެހެނީ ތިއްކަކުން ތިއްކުން، ވަރުގަދަ ލޭޒަރއެއްގެ އެހީގައެވެ. ޓެޓޫ ފޮހެމުން ދާ ވަގުތަކީ، ޕޭޝަންޓްގެ ހަށިގަނޑުގައިވެސް ލައްކަ ވޭން އަޅާ ވަގުތެކެވެ. ވާނީވެސް އެހެންތާއެވެ. ހަންގަނޑު ފިއްސާ، އަންދާ އެ ލަނީ ހޭ ހުއްޓާއެވެ.
އިންޑޮނޭޝިއާގައި ޓެޓޫ ޖަހައިގެން އުޅޭ މުސްލިމުންގެ ހަށިގަނޑުން ޓެޓޫތައް ފޮހެދިނުމުގެ ޚިދުމަތަކީ، އަމީލް ޒަކާތު ނޭޝަނަލް އޭޖެންސީ (ބަޒްނާސް)އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ހިންގާ މަޝްރޫޢުއެއްގެ ދަށުން ދޭ ޚިދުމަތެކެވެ. އެ ޖަމިއްޔާއަކީ، އިސްލާމް ދީނުގެ ކަންކަން ކުރިއެރުވުމަށް ހިލޭ އެހީދޭ ޖަމިއްޔާއެކެވެ. މި އަހަރުގެ މަޝްރޫޢުގެ ތެރެއިން ޓެޓޫ ފޮހެލުމަށް އެކަނިވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ދަފުތަރު ކޮށްފައެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ކުޑަ ވެޔޮކޮޅެކެވެ. އަނެއް ބައި މީހުންގެ މުޅި ހަށިގަނޑުގައެވެ. އެ ފަދަ މީހުންނަކީ އެތައް ފަހަރެއްގެ މަސައްކަތުން ނޫނީ ޓެޓޫ ފޮހެނުލެވޭ މީހުންނެވެ.
މަޝްރޫޢުގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރާޖާ ޒަމްޒަމް ފާހަގަ ކުރި ގޮތުގައި، މިއީ އެ މަޝްރޫޢު ކުރިއަށް ގެންދާ 4 ވަނަ އަހަރެވެ. މިފަދަ ގޮތަކަށް ޓެޓޫ ފޮހެ ދިނުމުގެ ޚިދުމަތް ދިނުމަކީ، ކުރެވިފައިވާ ކުށްފާފަ އިޙްސާސްކޮށް ހިތާމަ ކުރުމާއެކު އެ ފަދަކަމެއް ނުކުރުމަށް ކުރާ ޤަޞްދާއި ކަނޑައަޅާ ޢަޒުމުގައި ތައުބާ ވުމަށް ބަޔަކަށް ލިބޭ ފުރުޞަތަކަށް ވާނެ ކަމަށެވެ.
ޓެޓޫ ޖެހުމަކީ، ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން ކުރަމުން އައި ކަމެއް ނަމަވެސް، މި އުންމަތުގެ ނަބިއްޔާ، މުޙައްމަދު رسول الله صلى الله عليه وسلم ވަނީ، އެއީ ޙަރާމް ކަމެއްކަން އަހަރެމެންނަށް އަންގަވައިދެއްވާފައެވެ. ޓެޓޫ ޖެހުމަކީ ބޮޑު ފާފައެކެވެ. އެއީ އެކަން ކުރާ މީހާއަށް ލަޢުނަތް ލެއްވިކަމަށް އައިސްފައިވާތީއެވެ. ކޮންމެ ފާފައަކަށްވެސް ތައުބާވެވޭ ފަދައިން ޓެޓޫއެއް ޖެހުމުގެ ފާފައަށްވެސް އޭނާއަށް ތައުބާވެވޭނެއެވެ. އެއަށް ފަހު އެންމެ ރަނގަޅު ގޮތަކީ ޓެޓޫ ފިލުވައިލުމެވެ. އެކަން ކުރެވެން ނެތް ޙާލަތެއްގައި، ކަމުގެ ޞައްޙަ މަޢުލޫމާތު އުނގެނިވަޑައިގެން ހުންނެވި ޝައިޚްއަކާ މަޝްވަރާ ކުރުން ބުއްދިވެރިއެވެ.
220 މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުންދާ އިންޑޮނޭޝިއާގެ ގިނަ މީހުންނަކީ އިސްލާމް ދީނުގެ މެދު މިނުގެ ފިކުރު ގެންގުޅޭ މީހުންނެވެ. ޓެޓޫ ޖެހުމަކީ ދީނާ ފުށުއަރާ ކަމަކަށް ވުމާއި އެކު، އެއީ ގޭންގު ހަރަކާތްތަކާ ގުޅުވާ ރަމްޒެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރިއެއް ކަމަކު، ޓެޓޫ ޖެހި ތައް ބަޔަކު އެ ޤައުމުގެ މަގުތަކުން ފެނެއެވެ.
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްއިން ޖާގަ ލިބުނު އެކަކީ ޢުމުރުން 24 އަހަރުގެ ނީލާ ނުވިއާނީއެވެ. ނީލާ ބުނި ގޮތުގައި މި ފުރުޞަތަކީ، މުޖުތަމަޢުން އޭނާއާ މެދު ދެކޭ ނޭދެވޭ ނަޒަރު ބަދަލު ކުރަން ލިބުނު ފުރުޞަތެއް ކަމަށެވެ. ރާޖާވެސް ވަނީ، ގިނަ ބަޔަކު ޓެޓޫ ފޮހެލަން ބޭނުން ވެގެން އަންނަނީ ތައުބާވެ، ކުރީގެ ދިރިއުޅުމާއި ހެދިފައި ހުރި ގޯސްތައް ދޫކޮށްލަން އެދޭތީ ކަން ފާހަގަ ކޮށްފައެވެ.
ބީމާ ޢަބްދުލް ޞާލިޙްއަކީވެސް ރާޖާ އެ ސިފަކުރި ފަދަ މީހެކެވެ. ބީމާގެ މުޅި ހަށިގަނޑުގައި ވަނީ ޓެޓޫ ޖަހާފައެވެ. މޫނުމަތީގައިވެސްމެއެވެ. ނަމަވެސް މިއަދު އޭނާ އެ ވަނީ ޓެޓޫތައް ފޮހެލުމުގެ ދަތުރު ފަށާފައެވެ. ސަބަބެއް ކަމަށް ބުނަނީ، ކުރީގެ ދިރިއުޅުން ދޫކޮށްލުމެވެ. ނަމަވެސް، އެކަމުގެ ތަފްސީލުތައް ސިއްރު ކުރަން އޭނާ ނިންމިއެވެ.
ބީމާ ބުނި ގޮތުގައި ހަށިގަނޑުގައި ހުރި ޓެޓޫތަކާ އެކު އޭނާ ނަމާދު ކުރާ ތަން ފެނުމުންވެސް އެތައް ބައެއްގެ ބަދުބަސްތައް އޭނާއަށް ޢަމާޒުވެއެވެ. ކަން އެހެން އޮތް ނަމަވެސް، ޓެޓޫތައް ފޮހެމުން ދާ ވަރަކަށް، ﷲ ޙަޟްރަތަށް ކުއްތަންވެވޭ މިންވަރު އިތުރު ވާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށްވެސް ބީމާ ކިޔައިދިނެވެ.
ވުޟޫކުރާ އިރު ދޮންނަން ޖެހޭ ގުނަވަނެއްގައި ޓެޓޫ ޖަހާފައިވާ މީހާއަށް އެ ޓެޓޫ ފިލުވައިނުލެވުނު ނަމަވެސް ވުޟޫކޮށް، ނަމާދުވެސް ކުރަންޖެހެއެވެ. އޭނާގެ ވުޟޫއާއި ނަމާދުވެސް ޞައްޙަވާނެ ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާގެ ގައިގައި ޓެޓޫއެއް ހުއްޓޭ ކިޔާފައި، ވުޟޫނުކޮށް، ނަމާދުނުކޮށް ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ޤަބޫލުކުރައްވާ އިލާހެވެ.





