ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 04:55
އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް)
އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް)
އަވަސް
އެފްއޭއެމްގެ އިންތިޚާބު
އެފްއޭއެމް ނޯމަލައިޒް ކޮށްގެން ނޫން ގޮތަކަށް، ވިގަނި އަރާފައިވާ ކަންކަން ހަމައަކަށް ނޭޅޭނެ: ޓޮމް
 
ހިންގުމުގައި އެތައް މައްސަލަތަކެއް ދިމާވެފައިވާ އެފްއޭއެމްގެ ކަންކަން އިތުރަށް ދެން ރަނގަޅު ކުރެވޭނީ، އެ އިދާރާ ނޯމަލައިޒް ކޮށްގެން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަރާފައިވާ ވިގަނީގެ ކަންކަން ހަމައަކަށް އެޅޭނީ، އެ އެސޯސިއޭޝަން ނޯމަލައިޒް ކޮށްގެން ކަމަށް، އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ ޓޮމް މިހެން ވިދާޅުވީ، އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. ޓޮމް އެފަދައިން ޕޯސްޓު ކޮށްފައިވާއިރު، އެފްއޭއެމްގެ އިންތިޚާބު ހުއްޓާލުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އިން ވަނީ އަންގައިފަ އެވެ. މިއީ ފީފާ އަދި އޭއެފްސީން އެފްއޭއެމްގެ އިންތިޚާބު ހުއްޓުވި ދެ ވަނަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް އެ އިޝާރާތް ކުރެއްވީ، މިހާރު އެފްއޭއެމްގައި ހުރި މައްސަލަތަކަށެވެ. ހިންގުމުގައި އެތައް މައްސަލަތަކެއް ދިމާވެފައިވާ އެފްއޭއެމްގެ ކަންކަން އިތުރަށް ދެން ރަނގަޅު ކުރެވޭނީ، އެ އިދާރާ ނޯމަލައިޒް ކޮށްގެން ކަމަށް ޓޮމްގެ އިތުރުން، ފުޓުބޯޅައިގެ އެހެނިހެން ފަރާތްތަކުން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ، ފުޓުބޯޅަ އަށް މިހާރު ރަނގަޅު ވާނީ ރާއްޖެ ސަސްޕެންޑު ކުރުން ނުވަތަ އެފްއޭއެމްގެ ނޯމަލައިޒް ކުރުން ކަމަށެވެ.

އެ ވާހަކަ ވިދާޅުވެ ޓޮމް ކުރެއްވި ޕޯސްޓުގައި ވަނީ، އެފްއޭއެމްގެ އިންތިޚާބު ހުއްޓާލުމަށް ފީފާ އަދި އޭއެފްސީން އެންގި ސަބަބުތައް ވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން މެންބަރު ކުލަބުތަކަަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުމަށްފަހު ކޮމިޓީތައް އެކުލަވާލުން، އިންތިޚާބުގެ ކުރިން ކުލަބު ވެލެންސިޔާ ސަސްޕެންޑު ކުރުން، އެފްއޭއެމް އަށް ލިބުނު ފީފާ ފަންޑްސް އަމިއްލަ ބޭނުމަށް ބޭނުންކުރި ކްރިމިނަލް އިންވެސްޓިގޭޝަން ހިނގަމުން ދިޔުން، ފީފާގެ ކޮމްޕްލެއިންސް ތަޙްޤީޤު ހިނގަމުންދާތީވެ ފީފާ އިން މިހާރު ވެސް ވަނީ ޑިވެލޮޕްމަންޑް ފަންޑް އެފްއޭއެމަށް ދިނުން ހުއްޓަލިކަން އަންގާފައި، އަދި އިންތިޚާބުގައި ވާދަކުރަނީ ފީފާގެ ހުރިހާ ތުހުމަތަކާއި ތަޙްޤީޤުތަކުގައި ފާހަގަ ކޮށްފައިވާ އެފްއޭއެމްގެ މިހާރުގެ ރައީސް ކަމުން، އިންތިޚާބެއްގައި ވާދަކުރުމުގެ ޝަރުތާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ.

ޓޮމް އަކީ މިފަހަރުގެ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓެކެވެ. އެންމެ ފުރަތަމަ މިދިޔަ ޖަނަވަރީ މަހު ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވާދަކުރެއްވުމަށް ވެސް ޓޮމް ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް، ޓޮމްގެ އިތުރުން އެ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވި މުފާވިޒް ޙާޝިމް (މުފާ) އަތުގައި ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ އޮތުމުން، އެ ސިޓީ ބާތިލު ކުރަން ނިންމައި، ޓޮމްގެ ކެންޑިޑެންސީ ވެސް ބާތިލު ކުރި އެވެ. އެ މައްސަލަ ހިފައިގެން ޓޮމް ވަނީ ފީފާ އަދި އޭއެފްސީ އަށް ވެސް ގޮސްފަ އެވެ. އެއާއެކު އެފަހަރު ވެސް ފީފާ އަދި އޭއެފްސީން ވަނީ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވައިފަ އެވެ.

އެއަށްފަހު އެފްއޭއެމުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ކޮމެޓީތައް އެކުލަވާލައިފަ އެވެ. ނަމަވެސް، ބައެއް މެމްބަރު ކުލަބުތަކަށް އެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނެތް މައްސަލަ ވެސް ބޮޑުވި އެވެ. ކޮމެޓީތައް އެކުލަވާލުމަށްފަހު، ދެ ވަނަ ފަހަރަށް އިންތިޚާބަށް އިއުލާން ކުރުމުން ކުރިމަތިލެއްވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޓޮމް އެވެ. އޭގެ ކުރިން ފުރަތަމަ އިންތިޚާބުގައި ވާދަނުކުރަން ވެސް ބައްސާމް އޮތީ ނިންމަވައިފަ އެވެ. ނަމަވެސް ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ އަލުން ރޭހަށް ނިކުމެދާނެކަމުގެ އިޝާރާތެއް ވެސް ދެއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް