ބްރެޒިލްގެ ކުރީގެ ކުޅުންތެރިންނާއި ކުރީގެ ޓީމުތަކުގެ ފޮޓޯތައް ފެނުމުން ދައްކައިދޭ އެއް ކަމަކީ ފުޓްބޯޅައިގައި އެމީހުންގެ ބާރެވެ. ހޯދި ކާމިޔާބީތަކެވެ. މިހާރުގެ ތަރިން އެއާ ތަފާތެވެ. ލަންޑަނުގެ ވެމްބްލީގައި ބްރެޒިލް މިރޭ އިނގިރޭސިވިލާތާއެކު ވާދަކުރާއިރު ދަނޑަށް ވަންނަ 90000 މީހުން ހަނދާންކުރާނީ ބްރެޒިލްގެ ކުރީގެ ވަރުގަދަ ކަމާހެދިއެއްނޫނެވެ. ސަޕޯޓަރުން މަލާމާތްކުރާނީ މިހާރުގެ ޓީމުގެ ފެންވަރު ދެރަކަމާއި އެހާރާއި މިހާރުގެ ކުޅުންތެރިންގެ ފީކަޅާ އަހުލާގަށެވެ. ހުސްވި ހަފުތާގައި އެކަނި ވެސް ދުނިޔޭގެ ފަލަ ސުރުހީތައް ފަވާލީ ބްރެޒިލްގެ ކުރީގެ ތެރިންގެ ގޯސް ވާހަކަތަކުންނެވެ. މިކަމާ ގުޅިގެން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ބުނީ ބްރެޒިލްގެ ޖާޒީ އަކީ ހަމައެކަނި ޓީޝާޓެއްނޫން ކަމަށާއި އެ ޖާޒީ ލައިގެން ކާމިޔާބު ހޯދި ކޮންމެ ކުޅުންތެރިއަކު ގައުމުގެ އަގު ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި ކުޅިވަރުން ދިރިއުޅުން ބިނާކޮށް، ކުޅިވަރުގެ ތެރެއިން ތަރިންނަށްވި ކުޅުންތެރިންގެ މިއަދު ހާލަތާމެދު ކަންބޮޑުވާ ކަމަށެވެ.
ތިރީގައި މި ބަލާލަނީ ބްރއޒިލްގެ ތަރިންގެ ތެރެއިން މިވަގުތު އެންމެ ހާސްބޮޑުބައެއްގެ ގޮތުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށެވެ.

ރޮބީނިއޯ
ރެއާލް މެޑްރިޑަށް ދުނިޔެ ފަތަހަކޮށްލާނެ ތަރިއެއްގެ ގޮތުގައި ގެންދިޔަ ރޮބީނިއޯ އަތުލައިގަތީ އޭނާގެ ގޭގައި ހުއްޓަ އެވެ. އުމުރުން 40 އަހަރުގެ ފޯވަޑަށް ކުރަނީ ގޭންގް ރޭޕްގައި ބައިވެރިވުމުގެ މައްސަލަ އެވެ. އަލްބޭނިއާގެ އަންހެން ކުއްޖަކު ރޭޕްކުރިކަން އޭނާގެ މައްޗަށް ސާބިތުވުމުން ވަނީ 9 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. 2017 ވަނަ އަހަރު މިކަން ހިނގައިދިޔައިރު ރޮބީނިއޯއާއެކު އިތުރު ފަސް މީހަކު ވެސް ބައިވެރިވި އެވެ. މެންޗެސްޓާ ސިޓީ އާއި އޭސީ މިލާނުގައި ވެސް ފެއިލްވި، ރޮބީނިއޯ އަށް އޭނާގެ ހުނަރާ އެއްވަރުގެ ކުޅުމެއް ނުދެއްކުނީ ވެސް ނޭއްގާނީ އަމަލުތައް ގިނަވެ، ދިރިއުޅުން ބޮއްސުންލުމުންނެވެ.
ބްރެޒިލްގެ ގާނޫނު ބުނާ ގޮތުން ރޮބީނިއޯ ޖަލުގައި ގޯސްކޮށްނޫޅެ، ރަނގަޅު އަހުލާގެއްގެ މަތީގައި ޖަލު ހުކުމުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފިނަމަ މިނިވަންކުރެވިދާނެ އެވެ.

ޑެނީ އަލްވެޒް:
ބާސެލޯނާގެ ކަނާތު ބެކަށް ކުޅުނު ޑެނީ އަލްވެޒް އަކީ ބްރެޒިލްގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިއެކެވެ. ބާސެލޯނާ ދުށް އެންމެ މޮޅު ކަނާތު ބެކެވެ. އޭނާ ސްޕޭނުގެ ޖަލެއްގައި ހުންނަތާ މިހާރު ދޮޅު އަހަރުވަނީ އެވެ. ކޯޓުން ހުކުމް ކޮށްފައިވަނީ ނައިޓް ކުލަބެއްގައި ގަދަ ކަމުން އަންހެނަކު ރޭޕް ކުރިކަމުގެ ކުށް ސާބިތުވުމުން ހަތަރު އަހަރަށް އޭނާ ޖަލަށް ލުމަށެވެ. މިކަމުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލެވެން އޮތީ 1.1 މިލިއަން ޑޮލަރު ދައްކައިގެންނެވެ. މި ފައިސާ އަލްވެޒްއަށް ދެއްކެން ނެތުމުން އެކަން ކޮށްދޭނެ މީހަަކަށްވީ ކުރަނީ ބްރެޒިލްގެ މިހާރުގެ އެންމެ ވިދުންގަދަ ތަރި ފޯވަޑް ނޭމާ ޖޫނިއާގެ ބައްޕަ ކަމަށް އަޑު ފެތުރުނެވެ.
ނަމަވެސް އޭނާ ވަނީ މިކަން ދޮގުކޮށްފަ އެވެ. ނޭމާގެ ބައްޕަ ބުނީ އަލްވެޒް އަށް ކުރިން އެހިވި ނަމަވެސް ކޯޓު ހުކުމާއެކު އެކަން ނިމުމަކަށް އަތުވެއްޖެ ކަމަށެވެ. ސްޕޭނުގް ކޯޓުން ފައިސާ ދިނުމުން އަލްވެޒް ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމަށް ބުނުމުން އެކަމަށް ފާޑުކިޔައި ހެދި އެއް ބޭފުޅަކީ ބްރެޒިލްގެ ރައީސް ލޫލާ ޑަސިލްވާ އެވެ. އޭނާ ވިދާޅުވީ ފައިސާއިން އިއްޒަތާއި އަބުރު ނުގަނެވޭނެ ކަމަށާއި އަންހެނަކަށް އެހޭ އިހާނަތިކޮށް ހެދި މީހަކު ފައިސާ އަށް ދޫކޮށްލުމަކީ ނާއިންސާފު ގާއިމްކުރުން ކަމަށެވެ.

އެންތަނީ:
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތަނީ އަކީ މޮޅު ކުޅުންތެރިއެކެވެ. އެކަމަކު ބްރެޒިލްގެ ގައުމީ ޓީމުން އޭނާ ވަނީ ބާކީކޮށްފަ އެވެ. ފެޑަރޭޝަނުން މި ގޮތަށް ނިންމީ އޭނާގެ ލޯބިވެރިޔާ ގްބަރިއެއްލާ ކަވަލީން އަށް ގެވެށި އަނިޔާކުރުމުގެ ސަބަބުން އެކަން ބަލަމުންދާތީ އެވެ. ބްރެޒިލާއި މެންޗެސްޓާގެ ފުލުހުން ގުޅިގެން ހިންގާ މި ތަހުގީގުގެ އިންޓަވިއު އަށް އެންތަނީ ދިޔައީ އަމިއްލައަށެވެ. ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރި އެވެ.
އެކަމަކު ލޯބިވެރިޔާ ކަވަލީން ތަހުގީގުގައި ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހު މެންޗެސްޓާގެ ހޮޓަލެއްގައި އޭނާ ލަދުވެތި ގުނަވަންތަކަށް އަނިޔާކޮށް ބިއްލޫރި ތައްޓަކުން ޖަހައި އޭނާގެ އިނގިލި ވެސް ބުރުކޮށްލާފައިވާ ކަމަށެވެ.

ރޮނާލްޑީނިއޯ:
ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ކުޅުންތެރިއެކެވެ. އޭނާ ދުނިޔެ ފަތަހަކުރީ ބާސެލޯނާގެ ޖާޒީގަ އެވެ. ބްރެޒިލަށް 2002ގެ ވޯލްޑްކަޕް ހޯދައިދިނެވެ. އެކަމަކު ޕެރަގުއޭގައި އޭނާ ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި ދަތުރުކުރުމުންނެވެ. އޭނާގެ ވަކީލުން ބުނީ ޕެރަގުއޭގެ ޕާސްޕޯޓަކީ ވަގު އެއްޗެއްކަން ރޮނާލްޑީނިއޯ އަށް ނޭނގޭ ކަމަށެވެ. މި މައްސަލާގައި ފުރަތަމަ އޭނާ ބެހެއްޓީ ޕެރަގުއޭގެ ޖަލުގަ އެވެ. 32 ދުވަސް ފަހުން ޖަލުން ނެރެ ބެހެއްޓީ އެކަހެރިކޮށް ހޮޓަލެއްގަ އެވެ. އެއީ ވެސް ފައިސާ ދައްކައިގެން، އެތައް ބަޔަކު މެދުވެރިވެގެންނެވެ. މިތަނުގައި ފަހުން މީހުންނާ ބައްދަލުކުރެވޭގޮތް ހަމަޖެއްސުމުން މުޅިން ވެސް އުޅުނީ ކަރޯކޭ ޖެއްސުމުގަ އެވެ. ރޮނާލްޑޯނިއޯ އަކީ ކުޅުނު ދުވަސްވަރު ވެސް ނައިޓް ކުލަބުތަކުގައި ރޭގަނޑު ދަންވަންދެން އުޅުނު ކުޅުންތެރިއެކެވެ. އޭނާގެ ތަރި އަވަހަށް އޮއްސުނީ ވެސް މިހެންވެ އެވެ. ޕެރެގުއޭގެ ބަންދުން ރޮނާލްޑީނިއޯ ސަލާމަތްކޮށްދިނުމަށް ދެ ލައްކަ ޑޮލަރު ދެއްކި މީހުންގެ ތެރޭގައި އޭނާގެ ގާތް ރަހުމަތްތެރިޔާ އާޖެންޓީނާގެ ކެޕްޓަން މެސީ ހިމެނޭ ކަމަށް ވާހަކަ ދެކެވެ އެވެ.
މީގެ އިތުރުން ޕޭޕާ ކުންފުނިތަކެއް ހަދައި ރޮނާލްޑީނިއޯ ފައިސާ އަށް މަކަރު ހެދިކަމުގެ ތުހުމަތު ވެސް ކުރެ އެވެ. ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން 62 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި އޭނާގެ 18ކޭ ރޮނާލްޑީނިއޯ ކުންފުނިން ކުރަމުންދާ ތުހުމަތުތައް ދަނީ ތަހުގީގުކުރަމުންނެވެ. މިކުންފުންޏަށް ކޮންމެ އިންވެސްޓަރަކު ދުވާލަކު 30 ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ އިންވެސްޓްކުރާއިރު ކުންފުންޏަށް ދުވާލަކު ވަންނަ ޖުމުލަ ފައިސާގެ ދެ ޕަސެންޓް ރޮނާލްޑީނިއޯ އަށް ލިބޭކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ބްރެޒިލްގެ ފުލުހުން އޭނާ ޓެކްސް އޮތޯރިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީވެ ރޮނާލްޑީނިއޯގެ ބޭންކް އެކައުންޓްތައް ޗެކްކުރިއިރު ހުރީ އެންމެ 6 ޑޮލަރު ކަމަށް އިނގިރޭސި ނޫސް ދަ ސަންއިން ބުނެ އެވެ. މިހެންވެ އޭނާގެ ދެ ގެއެއް ވިއްކާލަން ކޯޓުން މިހާރު ވަނީ މަސައްކަތް ފަށާފައިފައެވެ.

އެޑްރިއާނޯ:
އިންޓަމިލާނަށް ކުޅުނު އެޑްރިއާނޯ ކެރިއަރު ނުނިމެނީސް ކުރެވުނީ ޑްރަގް ވިއްކާ ކަމުގެ ތުހުމަތެކެވެ. މިކަން ކުރި މީހުން ބޭނުންކުރި ސައިކަލް ގަނެދިނީ 48 މެޗު ބްރެޒިލަށް ކުޅެދިން އެޑްރިއާނޯ ކަމަށް ތުހުމަތު ކުރެވުނެވެ. އޭނާ އަށް ކުރެވުނު މި ތުހުމަތުގައި ދިގު މުއްދަތުގެ ޖަލު ހުކުމަކުން ސަލާމަތްވީ 2014 ވަނަ އަހަރު އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ކުރިއަށް ނުގެންދަން ނިންމުމުންނެވެ. އެކަމަކު އެޑްރިއާނޯގެ ކެރިއަރު ކުރުވެ، އޭނާ އަށް އެކަށީގެންވާ ވަރަށް ގައުމީ ޓީމަށް ނުކުޅެވުނީ ވެސް އަހުލާގީ މައްސަލަތައް ގިނަވުމުންނެވެ.

އެޑްމުންޑޯ:
އެޑްމުންޑޯ އަށް ވަނަމަކަށް ކިޔަނީ "ޖަނަވާރު" އެވެ. އޭނާ އަކީ ވަރަށް ތަފާތު މީހެކެވެ. ދަރިފުޅުގެ އުފަންދުވަހަށް ތަފާތު ވައްތަރުގެ ޖަނަވާރު ގަނެ، އޭނާ ޕާޓީ ބޭއްވި އެވެ. އެ ޕާޓީގެ ފޮޓޯއަކުން ފެނުނީ އެޑްމުންޑޯ ރާމާމަކުނަކަށް މަސްތުވާތަކެތި ބޯން ދޭ މަންޒަރެވެ. މިކަމާ ގުޅިގެން ޖަނަވާރުގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާއަކުން އޭނާ އަށް ދައުވާކުރި އެވެ. އަދި އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެނިކޮށް މަސްތުވެހުރި ހާލުގައި ކާރު ދުއްވި މައްސަލައަކުން އޭނާ ސަލާމަތްވީ ވެސް ކިރިޔާ އެވެ.

ހަލްކު
ހަލްކުގެ ވާހަކަ ދުނިޔޭގެ ނޫސްތަކަށް އައީ އަންހެނުން ވަރިކޮށް އަންހެނުންގެ އާއިލާގެ އެހެން ކުއްޖަކާ ކައިވެނި ކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ހަލްކް އޭނާގެ އަންހެނުން އިރާން އަންޖެލޯ ވަރިކުރީ ތިން ކުދިން ވެސް ލިބިފައިވަނިކޮށެވެ. އަދި އަންހެނުންގެ ކޮއްކޮއަކާ ކައިވެނިކުރުމަށްފަހު އެކަން އިއުލާނުކުރީ ވެސް އޭނާ އަމިއްލައަށެވެ.

ނޭމާ
ބްރެޒިލްގެ ފަހުގެ ޖީލުގެ ތަރިއަކީ ނޭމާ އެވެ. އެކަމަކު ލިބިފައިވާ ހުނަރާ އެއްވަރަށް އޭނާގެ ކުޅުން މޮޅުނުވަނީ ދަނޑުބޭރުގެ އަހުލާގީ މައްސަލަތަކާހުރެ އެވެ. އޭނާ ފުރަތަމަ ކައިވެނި ރޫޅުނީ ކުއްޖަކު ލިބުނު ފަހުންނެވެ. ފަހުން ކުރި ކައިވެނި މިދިޔަ އަހަރު ފަހުކޮޅު ރޫޅުނީ އަންހެން ދަރިފުޅަކު ލިބުނުތާ ދެތިން މަހުގެ ތެރޭގަ އެވެ. އަދި ބްރެޒިލްގެ ގައުމީ އަންހެން ވޮލީ ޓީމަށް ކުޅޭ އެއްބަނޑު ދެބެއިންނާ އެއް ފަހަރާ ރައްޓެހިވާން އުޅެނިކޮށް އެ ދެމީހުން ވަނީ އޭނާ ފަޅާ އަރުވާލައިފަ އެވެ. މި ނޫން ވެސް އެތައް މައްސަލައެއްގެ ތުހުމަތު ކުރެވެ އެވެ.