ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 22:48
އާސަންދަ
އާސަންދަ
ރާއްޖެއެމްވީ
އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތް
އައިޔޫއައި އަދި އައިވީއެފްގެ އުންމީދުގައި ތިބި އެތައް ބަޔަކަށް މާޔޫސްކަން
 
އުސޫލު އޮތް ގޮތުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުން
 
ކޮންމެ އަހަރަކު ވެސް ޚިދުމަތް ލިބޭނީ އެންމެ މަތިން ޕޮއެންޓް ލިބޭ ވަކި ބަޔަކަށް
 
ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ދަރިމައިނުވުމުގެ މައްސަލަތައް ގިނަ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވިއެވެ. އެގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ އައިވީއެފްގެ ޚިދުމަތް އާސަންދައިން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މިވައުދުވެވަޑައިގެންނެވިއިރު، މިއީ ވަކި އުސޫލެއްގެ ދަށުން ނުވަތަ ވަކި ވަރަކަށްވުރެ ގިނައިން ޕޮއެންޓް ލިބިގެން ލިބޭނެ ޚިދުމަތެއް ކަމަކަށް ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ދަރިމައިނުވުމުގެ މައްސަލަތައް ގިނައެވެ. މިކަން ފާހަގަކުރައްވައި 16 އޮގަސްޓް 2023 ގައި ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސިއްޙީ ޚިދްމަތްތައް ދޭ އާސަންދަ އިންޝުއަރެންސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލަތަކަށް ހޯދަން ޖެހޭ ފަރުވާތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހައްދަވައި ދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ މިވައުދުފުޅާ އެއްގޮތަށް ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން މިހާރު މިވަނީ އައިޔޫއައި އަދި އައީވީއެފްގެ އުސޫލްތައް އާއްމުކޮށް، އަންނަ މާރޗް މަހު ޚިދުމަތް ފަށާނެކަން ހާމަކޮށްފައެވެ. ނަމަވެސް މިއުސޫލަށް ބަލާއިރު، އާސަންދައިން މި ޚިދުމަތް ދިވެހި ހުރިހާ ރައްޔިތުންނަކަށް ނުލިބެއެވެ.

އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގައި ބުނެފައިވަނީ އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރު ވެފައިވާންޖެހޭ ކަމަށެވެ. ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، އައިޔޫއައިގެ ފަރުވާ ފަށާއިރު، އަނބިމީހާ އުމުރުން 30 އަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުމާއި، އައިވީއެފްގެ ފަރުވާ ފަށާއިރު ވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި 42 އަހަރު ފުރިފައިނުވުން އަދި ފިރިމީހާ އުމުރުން 55 އަހަރު ފުރިފައިނުވުން އުސޫލުގައި ބުނެފައިވެއެވެ.

މިއުސޫލުތަކަށް ބަލާއިރު، މި ޚިދުމަތްނުލިބޭނެ ޝަރުތު ފުރިހަމަ ނުވާ ވަރަށް ގިނަ ދެމަފަރިން ތިބޭނެ ކަމާމެދު ޝައްކަތްނެތެވެ. އެއީ މިހާރު ވެސް އައިވީއެފްގެ ޚިދުމަތް ބޭނުންވާ ދެމަފަރިންގެ ތެރޭގައި އަނބިމީހާއަށް 30 އަހަރު ނުވާ ނުވަތަ 42 އަހަރަށް ވުރެ މަތިވެފައިވާ އަންހެނުން މަދެއް ނުވާނެއެވެ. މި ޝަރުތު އުސޫލުގައި އޮތުމުން 42 އަހަރު ވެފައިވާ އަންހެން މީހާއަށް މި ޚިދުމަތް ނުލިބޭނެއެވެ. އަދި 25 އަހަރު ނުވާ އަންހެން މީހާ 25 އަހަރު ފުރެންދެން މި ޚިދުމަތް ހޯދުމަށް މަޑުކުރަންޖެހޭނެއެވެ. އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރު ވެފައިވާންޖެހޭ ކަމަށް އުސޫލުގައި ބުނެފައިވާއިރު، ކައިވެންޏަށް އަހަރެއް ފަހުން ވެސް ދަރިއެއް ހޯދުމަށް މަސައްކަތްކޮށް، ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ނުވަތަ އައިވީއެފްގެ ޚިދުމަތް ހޯދުމަށް އިރުޝާދު ދީފައިވާ ދެމަފިރިން ވެސް އެބަތިއްބެއެވެ.

އެހީއަށް އެދޭއިރު އެހީއަށް އެދޭ އަނބިމީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19 އާއި 30 ދެމެދު ހުރުމާއި، އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތަކީ ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުމާއި، މީގެ ކުރިން ސްކީމް މެދުވެރިކޮށް އައިވީއެފްގެ އެހީ ހަމަޖެހިފައިވާ ފަރާތެއް ކަމުގައިވެގެން ނުވެއެވެ. ނަމަވެސް މި މުޖުތަމައުގައި ބައެއް މީހުންނަކީ ޖަލުގައި ބައެއް ދުވަސްތައް ހޭދަކުރުމަށްފަހު، ރިހިބިލިޓޭޓް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އާއްމު މުޖުތަމައުގައި ދިރިއުޅެމުން ގެންދާ މީހުންނެވެ. ޚާއްސަ އުސޫލެއްގެ ތެރެެއިން މިފަދަ މީހުން ދިރިއުޅޭއިރު، ބައެއް މީހުންނަކީ ކައިވެނި ކޮށްގެން ވެސް އުޅޭ މީހުންނެވެ. ނަމަވެސް މިއުސޫލުގައި ބުނެފައިވާ ގޮތުން މިފަދަ މީހުންނަށް މި ޚިދުމަތް ބޭނުންވާނަމަ 3 އަހަރު މަޑުކުރަންޖެހޭ ގޮތަށް މިވަނީ މަޖުބޫރުވެފައެވެ.

މީގެ އިތުރުން އަނބިމީހާގެ ބޮޑީ މާސް އިންޑެކްސް 19 އާއި 30 ދެމެދު ހުރުމަށް އުސޫލުގައި ކަނޑައަޅާފައި އޮތުމަކީ ވެސް ގިނަ ބަޔަކަށް މަދުން ޕޮއެންޓް ލިބޭނެ ކަމެކެވެ. އެއީ މިފަދަ ފަރުވާއެއް ނަގަން ފަށާއިރު، ގަޔަށް ޖަހާ އިންޖެކްޝަންތަކާއި، ނަގާ ބޭސްތަކުން ވެސް ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ވަކި މިންގަނޑެއްގައި ހުންނަން އުނދަގޫވާނެތީއެވެ.

އާސަންދައިން އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތް ހޯދުމަށް މިއުސޫލުތަކަށް ފިޓްވުމުން އެކަނި ނުފުދެއެވެ. މި ޚިދުމަތް ލިބެނީ ކޮންމެ އަހަރަކު ވެސް ސަރުކާރުން ކަނޑައަޅާ ވަކި އަދަދަކަށެވެ. އަދި އިސްކަން ދެނީ އެންމެ ގިނައިން ޕޮއެންޓް ލިބޭ މީހުންނަށެވެ. ޕޮއެންޓް ދޭ ގޮތަށް ބަލާއިރު، ދެމަފިރިންގެ ކައިވެނީގެ މުއްދަތު އަދި އަނބިމީހާގެ އުމުރު ބަޔަށް 50، ދެމަފިރިން އާމްދަނީގެ މިންވަރު 40، ދެމަފަރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ދަރިއެއް ދުނިޔޭގައި ނެތް ނަމަ 25، ދެމަފިރިން އާއިލާގެ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތަށް 10، އައިވީއެފް ގެ ފަރުވާ ހޯދާފައިނުވާނަމަ 25، އައިވީއެފް 1 ބުރު ފުރިހަމަކޮށްފައިވުން 15، އައިވީއެފް 2 ބުރު ފުރިހަމަ ކޮށްފައިވާނަމަ 10 ޕޮއެންޓް ލިބޭނެއެވެ.

އެހެންކަމުން ކޮންމެ އަހަރަކު ވެސް މި ޚިދުމަތް އިންތިހާއަށް ބޭނުންވާ ދެމަފަރިންނަށް ވެސް އާސަންދައިން ޚިދުމަތް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މިއުސޫލާއި ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ސަރުކާރަށް ވެސް ފާޑު ކިޔަމުންނެވެ. ޕޮއެންޓް ދިނުމުގައި ކައިވެނީގެ މުއްދަތާއި، ދެމަފިރިންގެ ޖުމްލަ އާމްދަނީއަށް ވެސް ރިޔާއަތް ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް އެމީހުން ބުނެއެވެ. މިއީ ނަމަކަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވަނީ އައިވީއެފްގެ ޚިދުމަތް ހޯދުމަށް ނަގާ ބޭސްތަކާއި، ފަރުވާއަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަވެއެވެ. މިހާރުގެ މިއުސޫލުގެ ދަށުން ގިނަ ބަޔަކު މި ޚިދުމަތުން މަހުރޫމްވާއިރު، މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކޭ ބުނެވޭކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް